ޕާކިސްތާންގެ ގައުމީ ޓީމުގެ ފޯވަޑް ސައުދުﷲ ބީޖީ ސްޕޯޓްސްއާ ގުޅުމަށް ތައްޔާރުވެއްޖެ އެވެ.
ޕާކިސްތާންގެ މީޑިއާ ރިޕޯޓްތަކުން ބުނާ ގޮތުގައި ސައުދުﷲ ،22، މި މަހުގެ ފަސް ވަނަ ދުވަހު ބީޖީއާ ގުޅޭނެ އެވެ. އަދި ސައުދުﷲ ބީޖީއާ ގުޅުނީ ހަ މަސް ދުވަހުގެ އެއްބަސްވުމެއްގެ ދަށުން ކަމަށް ރިޕޯޓްތަކުން ބުނެ އެވެ.
ޕާކިސްތާންގެ ނޫހެއް ކަމަށްވާ "ޓްރިބިއުން" އަށް ދިން އިންޓަވިއުއެއްގައި ސައުދުﷲ ބުނީ ބީޖީ އަށް ކުޅެން ފުރުސަތު ލިބުމަކީ ޕާކިސްތާންގެ ފުޓްބޯޅަ އަށް ލިބުނު ކުރިއެރުމެއް ކަމަށާއި މި ފުރުސަތުގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ހިފަން ބޭނުންވާ ކަމަށެވެ.
"އަހަރެން ބޭނުންވަނީ ޕާކިސްތާން ތަމްސީލްކޮށް، މި ފުރުސަތުގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ހިފަން. މިއީ ޕާކިސްތާންގެ ފުޓްބޯޅަ އަށް ވެސް ލިބުނު ކުރިއެރުމެއް. މީގެ އަހަރެއްހާ ދުވަސް ކުރިން ޕާކިސްތާންގެ ކުޅުންތެރިއެއް ގެންދިއުމަކީ ބިދޭސީ ކްލަބަކުން ހިތަށް ވެސް އެރި ކަމެއް ނޫން،" ސައުދުﷲ ބުންޏެވެ.
ސައުދުﷲ ބުނީ ރާއްޖޭގައި މޮޅު ކުޅުމެއް ދެއްކޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.
"އަހަރެން ރާއްޖެ އަށް މި ދަނީ ވަރަށް އިތުބާރާއެކު. އަހަރެން ބޭނުންވަނީ ރާއްޖޭގެ ލީގުގެ އެންމެ މޮޅު ކުޅުންތެރިއާ އަށް ވާން. އަދި އެންމެ ގިނަ ލަނޑު ޖަހާ ކުޅުންތެރިއާގެ މަގާމު ވެސް ބޭނުން. ބީޖީ ސްޕޯޓްސް އަށް އަހަރެންގެ ހުނަރު ފެނިގެން އަހަރެން މި ގެންދަނީ. އަހަރެން ބޭނުން އަހަރެންގެ ފެންވަރު ސާބިތުކޮށްދޭން،" ސައުދުﷲ ބުންޏެވެ.
މުހައްމަދު ޝާޒްލީ (ޝާޒް)ގެ އިރުޝާދުގެ ދަށުން ކުރިއަށް އޮތް ސީޒަނަށް ތައްޔާރުވަމުންދާ ބީޖީން ވަނީ ނައިޖީރިއާގެ މިޑްފީލްޑަރަކާއި ނިއު ރޭޑިއަންޓަށް މިދިޔަ އަހަރުގެ ކުޅުނު ސްޕެއިންގެ ފޯވަޑް ޑޭވިޑް ކަރްމޯނާ އެ ޓީމަށް ގެނެސްފަ އެވެ.