ދ. ހުޅުދެއްޔަށް ކަރަންޓްގެ މައްސަލަ ދިމާވާތާ ހަފުތާ އަކަށްވުރެ ގިނަދުވަސް ވެފައިވާކަމަށް އެ ރަށު ކައުންސިލުން ބުނެފި އެވެ.
ހުޅުދެލީ ކައުންސިލް އިދާރާގެ ރައީސް އާދަމް ޒާހިރު މިއަދު ވިދާޅުވީ އެރަށުންް ކަރަންޓް ކެނޑެމުންދާތާ ދުވަސްކޮޅެއް ވެއްޖެ ކަމަށާއި އޭގެ ކުރިން ވެސް ކަރަންޓްގެ މައްސަލަތައް ހުރި ކަމަށާއި ފުލްކޮށް އަބަދުވެސް ލިބެނީ ކޮންމެވެސް އެއް ސަރަހައްދަށް ކަމަށެވެ.
ރަށަށް ދިމާވެފައިވާ ކަރަންޓް ކެނޑެމުގެ މައްސަލަ ބޮޑުވެ ތ. އަތޮޅު ހިރިލަންދޫ އިން ގެންދިޔަ ޖަނަރޭޓަރުން ކަރަންޓް ފޯރުކޮށް ދެމުން އައިސް ނަމަވެސް އަދިވެސް މައްސަލަ ހައްލު ނުވާކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ކަރަންޓް މައްސަލަ ހައްލު ނުވާތީ ބޮޑެތި ދަތިތަކާ ކުރިމަތިވެ ޝަކުވާތައް އެބަ ލިބޭ. ކަރަންޓް ކެނޑުމުގެ ސަބަބުން އިލެކްޓްރޯނިކްސް އެއްޗިއްސަށް ވެސް ގެއްލުންތައް އެބަވޭ،" ޒާހިރު ވިދާޅުވި އެވެ.
ފެނަކަ ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓާ އަހްމަދު ޝަރީފް އަވަސް އަށް މިއަދު ވިދާޅުވީ ހުޅުދެލީގެ ކަރަންޓްގެ މައްސަލަ ހައްލު ކުރަން ތ. ހިރިލަންދޫއިން ގެންދިޔަ ޖަނަރޭޓަރު އޯވާ ހީޓްވާ ކަމަށެވެ. އަދި ވިދާޅުވީ އެރަށުގެ އިންޖީނު ގެއަކީ ވަރަށް ކުޑަ ޖާގައަކަށްވުމުންނާއި މި ދުވަސްވަރަކީ ހޫނު ގަދަ ދުވަސް ވަރަކަށް ވުމުން އިންޖީނު އޯވާ ހީޓްވެ ޖަނަރޭޓަރު އަމިއްލަ އަށް ނިވެނީ ކަމަށެވެ. އެހެންވެ، ޓެމްޕަރޭޗާ ސުވިޗް އެހެން ތަނަކަށް ބަދަލު ކުރުމުގެ މަސައްކަތް މިހާރު ކުރެވެމުންދާ ކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ.
"އެ ރަށުގެ ކަރަންޓް މައްސަލަ މިހާރު ދަނީ ހައްލު ކުރަމުން. ހުޅުދެލީގައި ދިމާވާ ކަރަންޓްގެ މައްސަލަ ހައްލު ކުރަން އާ ޕަވާ ހައުސް އެއް އަޅަން މިހާރު ވަނީ އިއުލާން ކުރެވިފައި،" ޝަރީފް ވިދާޅުވި އެވެ.