ވިޔަފާރި

ސްޓެލްކޯ ފެނަށް އިންތިހާއަށް ބޮޑު ޑިމާންޑެއް

May 2, 2017
1

މާލެއިން ފެން ލިބުން ދަތިވެ، ސްޓެލްކޯ އިން އިއްޔެ ބާޒާރަށް ނެރުނު ފެނުގެ ޑިމާންޑް އިންތިހާއަށް ބޮޑުވެއްޖެ އެވެ.

ހޫނު މޫސުން އައުމާއެކު، މި ދުވަސްވަރު ފެން ވިއްކޭ އަދަދު ވަނީ ވަރަށް ބޮޑުތަން އިތުރުވެފަ އެވެ.

ސްޓެލްކޯގެ އޮފިޝަލަކު ވިދާޅުވީ ފެނުގެ ޑިމާންޑް މަތިވުމުން ސްޓެލްކޯ ފެން ވިކޭ އަދަދު އިތުރު ވެގެން ގޮސްފައިވާ ކަމަށެވެ.

"ވަރަށް ރަނގަޅު ޑިމާންޑެއް ފެނަށް އެބައޮތް. ހީނުކުރާވަރަށް ޑިމާންޑް ރަނގަޅު،" އޮފިޝަލް ވިދާޅުވި އެވެ.

ފެނުގެ ޑިމާންޑް މަތިވުމާއެކު، ސްޓެލްކޯ ދޮރުމަތީގައި ފެން ގަންނަން މިއަދު ގިނަ ބަޔަކު ކިޔޫ ދަމާލި އެވެ.

ސްޓެލްކޯއިން ބާޒާރަށް ނެރެ ވިއްކަނީ 330 އެމްއެލް އާއި 500 އެމްއެލް އަދި އެއް ލިޓަރާއި 1.5 އަދި ފަސް ލިޓަރުގެ ފެން ފުޅި އެވެ. މިގޮތުން 330 އެމްއެލް ކޭހެއް ވިއްކަނީ 50.40 ރުފިޔާ އަށެވެ. އަދި 500 އެމްއެލް ކޭހެއް ވިއްކަނީ 52.80 ރުފިޔާ އަށެވެ. އަދި އެއް ލީޓަރު ކޭހެއް ވިއްކަނީ 38.40 ރުފިޔާ އަށެވެ. މީގެ އިތުރުން 1.5 ލީޓަރު ކޭހެއް ވިއްކަނީ 52.80 ރުފިޔާ އަށެވެ. އަދި ފަސް ލިޓަރުގެ ފެން ކޭހެއް ވިއްކަނީ 48ރ. އަށެވެ.

މިދިޔަ ދެތިން ހަފްތާއެއްހާ ދުވަހުގެ ތެރޭގައި މާލޭގެ އެކި ފިހާރަތަކުން މިނިރަލް ވޯޓާގެ ބޮޑު ފުޅިއާއި މެދު ފުޅިގެ ފެން ލިބުން ވަނީ ދަތިވެފަ އެވެ. ސަބަބަކަށް ވަނީ ޑިމާންޑާ އެއްވަރަށް ފެން ކުންފުނިތަކަށް ފެން ނުއުފެއްދުމެވެ.