ރާއްޖެ ކުޅިވަރު

އީގަލްސްގެ ޗެއާމަންގެ މަގާމުން ހިޔަލީ ވަކިކޮށްފި

Dec 14, 2014

ކްލަބް އީގަލްސްގެ ޗެއާމަންގެ މަގާމުން ހިޔަލީ މުހައްމަދު ރަޝީދު މިއަދު އެ ކްލަބުން ވަކިކޮށްފި އެވެ.

ކްލަބްގެ އީގަލްސްގެ އޮފިޝަލެއް މިއަދު ބުނީ އެ ކްލަބްގެ ހިންގާ ގަވައިދުގެ ދަށުން ހުށަހެޅުނު ކުއްލި މައްސަލައަކާ ގުޅިގެން ކުއްލި ބޯޑު ބައްދަލުވުމެއް މިއަދު ބާއްވާ، ހިޔަލީ މަގާމުން ވަކިކުރަން ކްލަބުގެ ބޯޑުން ނިންމާފައިވާ ކަމަށެވެ. އަދި ހިޔަލީ މަގާމުން ދުރުކުރަން ނިންމީ ހިޔަލީގެ އަމަލުތައް ހުރި ގޮތުން "ކްލަބުގެ މުސްތަގްބަލަށް ގެއްލުންވާތީ" ކަމަށެވެ.

"ކްލަބުގެ ބޯޑުގެ ހިޔާލު ނުހޯދައި، އެތައް ކަމެއް ހިޔަލީ ވަނީކޮށްފައި. ކްލަބުގެ ނަމުގައި ފީފާ އަށް ސިޓީތައް ފޮނުވައި، ކްލަބުގެ މުސްތަގްބަލަށް ގެއްލުންވާ ފަދަ ގޮތަކަށް ހިޔަލީ ވަނީ އަމަލުކޮށްފައި. އެހެންވެ ހުށަހެޅުނު ކުއްލި މައްސަލައަކާ ގުޅިގެން، ކްލަބުގެ ހިންގާ ގަވައިދުގެ ދަށުން މިއަދު ކުއްލި ބޯޑު ބައްދަލުވުމެއް ބާއްވައި، ހިޔަލީ މަގާމުން ވަކިކުރަން ނިންމީ،" އީގަލްސްގެ އޮފިޝަލެއް މިއަދު ބުންޏެވެ.

މިހާރު އެފްއޭއެމްގެ ރައީސްގެ މަގާމުން ފީފާ އިން ވަކިކޮށްފައިވާ އިލްހާމް އަހުމަދުގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގަން މި އަހަރު ހުށަހެޅީ ކްލަބް އީގަލްސް އިންނެެވެ. އަދި އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާގައި ނުހިމަނައި ސެޕްޓެމްބަރު މަހު ބާއްވަން މަސައްކަތްކުރި އެފްއޭއެމްގެ ކޮންގުރެސްގެ ހުއްޓާލަން ޖެހުމާއެކު، ކްލަބްގެ އީގަލްސް އިން ވަނީ ފީފާ އާއި އޭއެފްސީ އަށް ގިނަ ސިޓީތަކެއް ފޮނުވައިފަ އެވެ. އެފްއޭއެމްގެ ކުރީގެ ނައިބު ރައީސް ހިޔަލީ އިސްކޮށް ހުންނަވައިގެން، އިލްހާމްގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމަށް ކުރި މަސައްކަތަށް ގިނަ ކްލަބުތަކަކުން އޭރު ތާއީދުކުރި އެވެ.

އެފްއޭއެމްގެ ހިންގާ ބޯޑު އުވާލައި، ނޯމަލައިޒޭޝަން ކޮމެޓީއަކަށް ވަގުތީ ގޮތުން އެ އިދާރާގެ ހިންގުން ހަވާލުކުރަން ފީފާގެ އެމަޖެންސީ ކޮމެޓީން ވަނީ މި މަހުގެ ކުރީކޮޅު ނިންމައިފަ އެވެ. އަދި އެފްއޭއެމްގެ އަސާސީ ގަވައިދު އިސްލާނުކޮށް، އިންތިހާބު ބާއްވަން ކުރަންޖެހޭ މަސައްކަތް އަންނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް އެ ކޮމެޓީ އަށް ވަނީ ފުރުސަތު ދީފަ އެވެ.

ނޯމަލައިޒޭޝަން ކޮމެޓީގައި ހިމެނިވަޑައިގަންނަވަނީ އޮލިމްޕިކް ކޮމެޓީގެ ރައީސް މުހައްމަދު ޝަވީދާއި އެފްއޭއެމްގެ ކުރީގެ ޖެނެރަލް ސެކްރެޓަރީ އަބްދުލް ހަމީދު އަބްދުލް ގަފޫރު (އައްޑޯ) އާއި މަޝްހޫރު ކޯޗު މުހައްމަދު ނިޒާމް އާއި ގައުމީ ޓީމުގެ ކުރީގެ ފޯވަޑް އަލީ އުމަރު އަދި ގާނޫނީ ވަކީލެއް ކަމަށްވާ ފަސީހު ޒާހިރެވެ. މި ކޮމެޓީގެ ޗެއާމަނަކީ ޝަވީދެވެ. ޑެޕިއުޓީ ޗެއާމަނަކީ އައްޑޯ އެވެ.