ހަބަރު

މިނިވަން ނޫސްވެރިކަން ކުރެވޭ ގޮތަށް ސިޔާސަތުތައް ތަންފީޒުކުރަން ގޮވާލައިފި

މިނިވަން އަދި ޒިންމާދާރު ނޫސްވެރިކަމެއް ކުރެވޭ ގޮތަށް ސިޔާސަތުތަކާއި ގާނޫނުތައް ތަންފީޒު ކުރަން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ގޮވާލައިފި އެވެ.

ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާ ގުޅިގެން އެޗްއާރްސީއެމްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ނޫސްވެރިކަމުގެ މިނިވަންކަމަކީ ގާނޫނުއަސާސީގެ 28 ވަނަ މާއްދާއިން ކަށަވަރު ކޮށްދީފައިވާ އަސާސީ ހައްގެއް ކަމުން ނޫސްވެރިންނަށް އެކަށީގެންވާ ގޮތެއްގައި މަސައްކަތް ކުރެވޭނެ ރައްކާތެރި މާހައުލެއް ގާއިމު ކޮށްދިނުމަކީ ދައުލަތާއި އަދި އާންމުކޮށް މުޅި މުޖުތަމައުގެ ޒިންމާއެއް ކަމަށެވެ.

ނޫސްވެރިންނާ ދެކޮޅަށް ހިންގާ އެންމެހާ ބިރުދެއްކުމުގެ އަމަލުތަކާއި، އިންސާނިއްޔަތާ ހިލާފު ޖަރީމާތައް ހިންގާ ފަރާތްތަކުގެ ތަހުގީގު އަވަސްކޮށް، އެކަންކަމުގައި ޝާމިލުވާ ފަރާތްތަކަށް ހައްގު އަދަބު ދެވޭކަން ކަށަވަރުކުރުމަށް ވެސް ގޮވާލާ ކަމަށް އެޗްއާރްސީއެމްގެ ބަޔާނުގައިވެ އެވެ.

"މިނިވަން ޒިންމާދާރު ނޫސްވެރިކަމެއް ކުރެވޭނެފަދަ ގޮތަކަށް ފަހިކުރެވިފައިވާ އެންމެހާ ސިޔާސަތުތަކާއި ގާނޫނުތައް ތަންފީޒުކޮށް ދެމެހެއްޓުމަށް ދައުލަތުގެ ކަމާގުޅުންހުރި އެންމެހާ އިދާރާތަކަށް އިލްތިމާސްކުރަން، އަދި މިފަދަ ނޫސްވެރިކަމެއް ކުރުމަށް ތައުލީމާއި ތަމްރީނަކީ ނުހަނު މުހިންމު އެއްޗަކަށް ވީހިނދު، އެފަދަ ފުރުސަތުތައް ނޫސްވެރިންނަށް ފަހިކޮށްދިނުމުގެ މުހިންމުކަން ފާހަގަކުރަން،" ބަޔާނުގައިވެ އެވެ.

ދައުލަތުގެ މުއައްސަސާތަކުން މައުލޫމާތު ފޯރުކޮށް ދިނުމުގައި މީޑިއާތަކަށް ހަމަހަމަ ފުރުސަތުތަކެއް ފަހިވެފައި އޮތުމުގެ މުހިންމު ކަމެއް ކަމަށް ވެސް އެޗްއާރްސީއެމްއިން ފާހަގަކުރި އެވެ.

ނޫސްވެރިކަމުގެ މިނިވަންކަމާގުޅޭ ގޮތުން މިދިޔަ އަހަރު ހިއުމަން ރައިޓްސް ކޮމިޝަނާއި ދައުލަތުގެ އެހެނިހެން އިދާރާތަކަށް ހުށަހެޅިފައިވާ މައްސަލަތަކުގެ ތެރޭގައި، ނޫސްވެރިންނަށާއި، ނޫސްވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ އެހެނިހެން ފަރާތްތަކަށާއި، މީޑިއާތަކަށް އިންޒާރުދީ ބިރުދެއްކުމާއި، ނޫސްވެރިއަކު ވީނުވީގޮތެއް ނޭނގި ގެއްލިފައިވުމާއި އަދި ނޫސްވެރިންގެ ފުރާނައަށް ގެއްލުންވާ ގޮތަށް ލާއިންސާނީ ތަފާތު އަމަލުތައް ހިންގާކަމަށް ބުނެ ހުށަހެޅިފައިވާ މައްސަލަތައް ހިމެނެއެވެ. މީގެ އިތުރުން، ދައުލަތުގެ އިދާރާއަކުން މައުލޫމާތު ހޯދުމަށް ދަތިތަކެއް ކުރިމަތިވި މައްސަލައާއި، ޝަރީއަތުގެ އަޑުއެހުމަކަށް ނޫސްވެރިން ވަނުމުގައި ދަތިތަކެއް ދިމާވެގެން ހުށަހެޅިފައިވާ މައްސަލަ ހިމެނޭ ކަމަށް އެޗްއާރްސީއެމްއިން ބުންޏެވެ.

އެޗްއާރްސީއެމްއިން ވަނީ ނޫސްވެރިންނަށް ވެސް މެސެޖެއްދީފަ އެވެ. އެގޮތުން ނޫސްވެރިންނަކީ، މުޖުތަމައުގައި ތިބި ހާއްސަ އަޅާލުމާ ރައްކާތެރިކަމަށް ބޭނުންވާ އެންމެހާ ފަރާތްތަކުގެ އަޑު ރައްޔިތުންނާއި ދައުލަތުގެ ސަމާލުކަމަށް ގެނައުމުގައި މުހިންމު ދައުރެއް އަދާކުރާ ބަޔެއް ކަމަށާއި އެފަދަ ފަރާތްތަކުގެ ހައްގުތަކާމެދު ހޭލުންތެރިކޮށް އެކަންކަން ދައުލަތުގެ މުއައްސަސާތަކުގެ ސަމާލުކަމަށް ގެނައުމުގައި މީޑިއާއާއި ނޫސްވެރިންގެ ދައުރު މިހާރަށްވުރެ ފުޅާކުރުމަށް އެޗްއާރްސީއެމްއިން ނޫސްވެރިންނަށް ގޮވާލި އެވެ. އެގޮތުން، އަންހެނުންގެ ހައްގުތަކާއި، ގެވެށި އަނިޔާއާއި، މިންތީގެ ހަމަހަމަކަމާއި، ކުޑަކުދިންގެ ހައްގުތަކާއި، ބިދޭސީ މަސައްކަތްތެރިންގެ ހައްގުތަކާއި، ނަފްސާނީ ބަލިތަކާމެދު ރައްޔިތުން ހޭލުންތެރިކުރުވައި އަދި އެފަދަ ކަންކަމާމެދު ފަރުދުންގެ މެދުގައި ހުރި ކުށްހީތަށް ނައްތާލުމަށް ކުރާ މަސައްކަތްތައް އިތުރުކުރަންޖެހޭ ކަމަށް ވެސް ބުންޏެވެ.

މައުލޫމާތު ހޯދައި ފޯރުކޮށްދިނުމުގައި މުޖުތަމައުގެ އަހްލާގީ މިންގަނޑު ހިފަހެއްޓުމާއި އަނެކާގެ ހައްގުތަކަށް އިހްތިރާމްކުރުމުގެ ސަގާފަތެއް ގެންގުޅުމަށް ވެސް އެންމެހާ ނޫސްވެރިންނަށް އެޗްއާރްސީއެމްއިން ވަނީ އިލްތިމާސްކޮށްފަ އެވެ.