ވިޔަފާރި

ބެލޫން ފެސްޓިވަލްގެ ކޯ ސްޕޮންސަރަކަށް މޯލްޑިވްސް ގޭސް

ޔުނިކްސް ސްޕޯޓިންގެ ފަރާތުން އިންތިޒާމްކޮށްގެން ރާއްޖޭގައި ފުރަތަމަ ފަހަށް ބާއްވާ ހޮޓް އެއާ ބެލޫން ފެސްޓިވަލްގެ ކޯ ސްޕޮންސަރަކަށް މޯލްޑިވްސް ގޭސް ލިމިޓަޑް ހަމަޖައްސައިފި އެވެ.

ގޯޓްފިޝް ކެފޭ އެންޑް ބިސްޓްރޯގައި މިއަދު ބޭއްވި ކުޑަ ހަފްލާގައި ޔުނިކްސް ސްޕޯޓިންގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓާ ރޭޝަން ޝަރީފް އެވެ. އަދި މޯލްޑިވްސް ގޭސް ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މާކެޓިންގް މެނޭޖާ އައިމިނަތު މުހައްމަދު ސައީދު އެވެ.

ސޮއި ކުރުމުގެ ހަފްލާއަށް ފަހު "އަވަސް" އާ ވާހަކަ ދައްކަވަމުން އައިމިނަތު ވިދާޅުވީ ކުޅިވަރާއި ޒުވާނުންނާ ގުޅޭ ހަރަކާތްތަކުގައި މޯލްޑިވްސް ގޭސްއިން އަބަދުވެސް އެހީތެރިވެ އެއްބާރުލުންދޭ ކަމަށާއި އެގޮތުން ހޮޓް އެއާ ބެލޫން އުދުއްސުމަށް ބޭނުންވާ ގޭސް މޯލްޑިވްސް ގޭސްއިން ފޯރުކޮށްދިނުމަށް އެއްބަސްވެފައިވާ ކަމަށެވެ.

"ހޮޓް އެއާ ބެލޫން މައްޗައް އަރުވަން ބޭނުންވާ ކުކިން ގޭސް އަޅުގަނޑުމެން ފޯރު ކޮށްދޭނަން. މި އިވެންޓަކީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ ހަރަކާތަކަށްވެފައި ޒުވާނުންނާ ގުޅޭ ހަރަކާތްތަކަށް މޯލްޑިވްސް ގޭސްއިން އަބަދުވެސް ތަރުހީބު ދޭނަން،" އައިމިނަތު ވިދާޅުވި އެވެ.

ހޮޓް އެއާ ބެލޫން ފެސްޓިވަލުގައި ގާތްގަނޑަކަށް ވިއްސަކަށް ގޭސްފުޅި ބޭނުންވާނެ ކަމަށާއި އެ ހުރިހާ ގޭހެއް މޯލްޑިވްސް ގޭސްއިން ފޯރުކޮށްދޭނެ ކަމަށް ރޭޝަން ވިދާޅުވި އެވެ.

"މޯލްޑިވްސް ގޭސް ބައިވެރިވުމަކީ އަޅުގަނޑުމެނަށް ލިބުނު ވަރަށް ބޮޑު ސަޕޯޓެއް. ރާއްޖޭގެ އެންމެ ރަނގަޅަށް އެލްޕީޖީ ގޭސް ތައްޔާރު ކުރާ ކުންފުންޏަކުން އަޅުނޑުމެނަށް އެއްބާރުލުން ދޭތީ އެއީ ވަރަށް ބޮޑު ކުރިއެރުމެއް،" ރޭޝަން ވިދާޅުވި އެވެ.

ހޮޓް އެއާ ބެލޫނަށް އަރާލުމަށް ޝައުގުވެރިވާ ފަރާތްތަކަށް ޓިކެޓު ވިއްކަން ފަށަނީ މި މަހުގެ ހަތް ވަނަ ދުވަހުގަ އެވެ. ރޭޝަން ވިދާޅުވީ ސޯޝަލް މީޑިއާ މެދުވެރިކޮށް "ލައިކް އެންޑް ޝެއާ" ޕްރޮމޯޝަނެއްގެ ތެރެއިން ހިލޭ ޓިކެޓުތަކެއް ދިނުމަށް ވެސް ނިންމާފައިވާ ކަމަށެވެ. ޓިކެޓެއްގަ އަގަކީ 700 ރުފިޔާ އެވެ.

އަންނަ މަހު 25 އިން ފެށިގެން 27 އާ ހަމަޔަށް ބޭއްވުމަށް ހަމަޖެހިފައިވާ ހޮޓް އެއާ ބެލޫން ފެސްޓިވަލުގައި ބޭނުން ކުރަނީ ސިވިލް އޭވިއޭޝަން ހުއްދަ ދީފައިވާ ކުންފުންޏެއްގެ ބެލޫންތަކެކެވެ. އަދި އެ ބެލޫންތައް އޮޕަރޭޓު ކުރުމަށް ހާއްސަ ޓީމެއް ވެސް އެ ދުވަހަށް ރާއްޖެ އަންނާނެ އެވެ.