ހަބަރު

ހިޔާލު ފާޅު ކުރުން މިއަދު ވަނީ ހައްދު ފަހަނަ އަޅާ ގޮސްފައި: މޫސަ

ހިޔާލު ފާޅު ކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަމަކީ ކޮންމެހެން ވެސް އޮންނަން ޖެހޭ، ގައުމަށް ވަރަށް މުހިންމު އެއްޗެއް ކަމަށާއި ނަމަވެސް މިއަދު އެކަން އޮތީ ހައްދު ފަހަނަ އަޅާ ގޮސްފައި ކަމަށް ރައްޔިތުން މަޖިލީހުގެ ނައިބު ރައީސް އަދި ހުޅުހެންވޭރު ދާއިރާގެ މެންބަރު ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެ އެވެ.

މިއަދު އަލަށް ފެށި ޕީއެސްއެމް ނިއުސް ޗެނަލްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން މޫސަ ވިދާޅުވީ މީގެ 15 ވަރަކަށް އަހަރު ކުރިން ރާއްޖޭގައި ހިޔާލު ފާޅު ކުރުމުގެ މިނިވަން ކަމެއް ނެތް އިރު ގިނަ ސިޔާސީ ފަރާތްތައް ދިޔައީ އެ މިނިވަންކަން ހޯދަން މަސައްކަތް ކުރަމުން ކަމަށާއި އެގޮތުން އާ ގާނޫން އަސާސީ ހެދިއިރު އެ ގާނޫނުގެ ތެރެއަށް ހިޔާލު ފާޅު ކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަން ހިމަނަން އެންމެ ބުރަކޮށް މަސައްކަތް ކުރެއްވި އެއް ބޭފުޅަކީ އޭނާ ކަމަށެވެ. އަދި އޭރު ރާއްޖެއަށް ގެންނަން މަސައްކަތް ކުރީ މީހުންގެ އަބުރު ކަތިލާ އެ މީހުންނަށް އަނިޔާ ލިބޭ ގޮތަށް ހިޔާލު ފާޅު ކުރުމެއް ނޫން ކަމަށާއި ނަމަވެސް މިއަދު އެކަންތައް އޮތީ ހައްދު ފަހަނަ އަޅާ ގޮސްފައި ކަމަށެވެ.

"އަޅުގަނޑުމެން ހިޔާލު ފާޅު ކުރުމުގެ މިނިވަން ކަން ގެނައީ މީހުންގެ އަބުރާ ބެހި އަބުރު ކަތިލާ އަނެކަކަށް ނަފްސާނީ ގޮތުން އަނިޔާ ލިބޭ ގޮތަށް ނޫން. ނަމަވެސް މިއަދު މިއޮތީ އެކަން ހައްދު ފަހަނަ އަޅާ ދާ މިންވަރަށް ގޮސްފައި. އެކަންކަން ދައުލަތުން ވެސް މީޑިއާތަކުން ވެސް ކޮންމެވެސް ހައްދެއްގެ ތެރެއިންނާއި މިންގަނޑެއްގެ ތެރެއަށް ގެންނަން ޖެހިފައި މި އޮތީ،" މޫސަ ވިދާޅުވި އެވެ. "ގާނޫން އަސާސީގައި ދެނީ ހަމައެކަނި ޗެނަލް ހިންގުމާއި ހިޔާލު ފާޅު ކުރުމުގެ މިނިވަންކަމެއް ނޫން. ގާނޫން އަސާސީ އޮތީ ދިވެހި ހުރިހާ ރައްޔިތުންނަށް އޮތް އެއްޗެއް. އެހެންވެ ކޮންމެ މީހަކަށް ވެސް އެމީހެއްގެ ހައްގުތައް ހުންނާނެ. އެކަން ހަމަހަމަޔަށް ގާނޫން އަސާސީން ކަށަވަރުކޮށްދޭ،"

މޫސަ ވިދާޅުވީ ބޭރު ފަރާތްތަކުން ރާއްޖޭގައި ނޫސްވެރިކަމާއި ހިޔާލު ފާޅު ކުރުމުގެ މިނިވަންކަން ނެތް ވާހަކަތައް ވަރަށް ގިނައިން ދައްކާ އިރު އެ ގައުމުތަކުގެ ހާލަތު ވެސް ރާއްޖެއަށް ވުރެ މާ ނުބައި ކަމަށެވެ. އެގޮތުން ބައެއް ގައުމުތަކުގައި އަބުރަށް އަރައިގަންނަ މަންޒަރު ދައްކުވާދިން ޗެނަލްގެ އިތުރުން ސާވިސް އޮޕަރޭޓަރަށް ވެސް ފިޔަވަޅު އަޅާ ގޮތަށް ދާދި ފަހުން ގާނޫން ބަދަލުކޮށްފައިވާ ކަމަށެވެ. އޭގެ އިތުރުން ޖިނާއީ މައްސަލަތައް ކަމާ ބެހޭ އިދާރާތަކުން ތަހުގީގު ކުރައްމުން ދާއިރު ނޫސްވެރިން އަމިއްލަ ތަހުގީގުތައް ކުރުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށާއި އޭގެ ސަބަބުން ތަހުގީގަށް ބޮޑެތި ހުރަސްތަކެއް އެޅޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. އެހެންކަމުން ހިޔާލު ފާޅު ކުރުމުގެ މިނިވަންކަން ރާއްޖެއަށް ގެނައި ފަދައިން އެ ހައްދު ފަހަނަ އަޅާ ގޮސްފައިވާ ހާލަތު ވެސް ބަދަލު ކުރައްވާނެ ކަމަށް މޫސަ ވިދާޅުވި އެވެ.