ހަބަރު

މަގުބޫލް އައިލެންޑް ޑެސްޓިނޭޝަން އެވޯޑް ރާއްޖެއަށް

ބައިނަލް އަގުވާމީ ފެންވަރުގައި ހޮވާ އެންމެ މަގުބޫލް އައިލެންޑް ޑެސްޓިނޭޝަން އެވޯޑު ރާއްޖެއަށް ލިބިއްޖެ އެވެ.

މި އެވޯޑް ރާއްޖެއަށް ދިނީ އިންޑިއާގެ ނިއު ދިއްލީގައި ބޭއްވި "އައުޓްލުކް ޓްރެވެލާ އެވޯޑް 2017"ގެ ހަފްލާގަ އެވެ. މި ހަފްލާގައި އެވޯޑް ދެނީ ޓްރެވެލް އިންޑަސްޓްރީގެ 28 ބަޔަކަށް އަމާޒުކޮށް، ފަތުރުވެރިކަމުގެ ސިނާއަތާއި ފަތުރުވެރިކަން އެ ގައުމެއްގައި ކުރިއަރަމުން އަންނަ މިންގަނޑަށް ބަލައި އެންމެ ރަނގަޅު ގައުމުތަކަށެވެ.

އެމްޕީއާރުސީން ބުނީ ފަތުރުވެރި ކަމުގެ ސިނާއަތުގައި އިންޑިއާއަކީ ދުނިޔޭގެ ހަތް ވަނައިގައި ހިމެނޭ ގައުމު ކަމަށާއި ފަހަކަށް އައިސް އެންމެ ހަލުވިކަމާއެކު ކުރިއަރަމުން އައިސްފައިވަނީ ވެސް އިންޑިއާގެ މާކެޓެވެ. އެގޮތުން 2010 އަކުން 2015 އަހަރާ ހަމަޔަށް 13 މިލިއަނުން 19.4 މިލިއަނަށް 6.4 މިލިއަންގެ ކުރިއެރުމެއް ލިބިފައި ވެއެވެ. އަދި 2020 ވަނަ އަހަރާއި ހަމަޔަށް 32.2 މިލިއަންގެ ކުރިއެރުމަކާއެކު ދުނިޔޭގެ އެންމެ ހަލުވިކަމާއެކު ކުރިއަރަމުން އަންނަ ގައުމަކަށް އިންޑިއާ ވުމުގެ ފުރުސަތު އެބައޮތެވެ. އިިންޑިއާގެ ދަތުރުވެރިންގެ މެދުގައި އެންމެ މަގުބޫލު ތަންތަނުގެ ތެރޭގައި ރާއްޖެ ހިމެނެ އެވެ.

ފަތުރުވެރިކަމުގެ ސިނާއަތުގައި ރާއްޖެ އަންނަނީ ގިނަ އެވޯޑްތަކެއް ހާސިލް ކުރަމުންނެވެ. ރާއްޖެއަށް މިއަހަރު ތެރޭގައި ވެސް ބައިނަލް އަގުވާމީ ފެންވަރުތަކުގެ ގިނަ އެވޯޑްތަކެއް ވަނީ ލިބިފައެވެ.