ރާއްޖެ ޓީވީ

ޖޫރިމަނާގެ އެއް މިލިއަން ރުފިޔާ ރާއްޖެ ޓީވީން ދައްކައިފި

އަބުރު ރައްކާތެރިކުރުމާއި ހިޔާލުފާޅު ކުރުމުގެ މިނިވަންކަމުގެ ގާނޫނުގެ ދަށުން ރާއްޖެ ޓީވީއަށް އައި އެއް މިލިއަން ރުފިޔާގެ ޖޫރިމަނާ އެ ޓީވީ ސްޓޭޝަނުން ބްރޮޑްކާސްޓިން ކޮމިޝަނަށް ދައްކައިފި އެވެ. އެ ފައިސާ ދައްކާފައިވަނީ މިއަދު އެވެ.

އެއް މިލިއަން ރުފިޔާއިން ޖޫރިމަނާ ކޮށްފައިވަނީ 26 އޮކްޓޯބަރު 2016 ވަނަ ދުވަހުގެ ރޭ ރާއްޖެ ޓީވީން ދެއްކި އެމްޔޫއޯގެ ޖަލްސާގައި، ރައީސް އަބްދުﷲ ޔާމީންގެ އަބުރު ގެއްލޭ ފަދަ ގޮތަކަށް ވާހަކަ ދައްކައިފައިވާ ކޮންޓެންޓެއް ރާއްޖެ ޓީވީ އިން ބްރޯޑްކާސްޓް ކުރި މައްސަލަ ބެލުމަށްފަހު އެވެ. އެ މައްސަލައަކީ ކޮމިޝަނުން އިސްނަގައިގެން ބެލި މައްސަލައެކެވެ.

ކޮމިޝަންގެ މެންބަރުންގެ އިއްތިފާގުން އެއް މިލިއަން ރުފިޔާއިން ރާއްޖެ ޓީވީ ޖޫރިމަނާ ކުރިއިރު މިއީ މިފަދަ ބޮޑު ޖޫރިމަނާއެއް އަބުރުގެ ގާނޫނުގެ ދަށުން އައި ފުރަތަމަ ފަހަރެވެ.

މީގެ ކުރިން ވެސް ރާއްޖެ ޓީވީއިން ގެނެސްދިން ހަބަރަކާ ގުޅިގެން އެ ޓީވީ ސްޓޭޝަނުން ވަނީ 250،000 ރުފިޔާއިން ޖޫރިމަނާކޮށްފަ އެވެ. އެ ފައިސާ ބްރޯޑްކާސްޓިން ކޮމިޝަނަށް ދައްކާފައިވެ އެވެ. އަދި މިހާރު ވަނީ އެ ޖޫރިމަނާ ބާތިލު ކޮށްދިނުމަށް އެދި ރާއްޖެ ޓީވީން ސިވިލް ކޯޓަށް މައްސަލަ ވެސް ހުށަހަޅާފަ އެވެ.

އަބުރުގެ ގާނޫނުގައިވާ ގޮތުން ޖޫރިމަނާކުރާ މައްސަލާގައި ކޯޓަށް ދެވޭނީ ޖޫރިމަނާ ދެއްކުމަށްފަހު އެވެ.