ވިޔަފާރި

ލައިފް ފެން އިތުރުކުރަން އާ އިންވެސްޓްމަަންޓެއް!

May 7, 2017

"ލައިފް ފެން" އުފެއްދުން އިތުރުކުރަން އިތުރު އިންވެސްޓްމަންޓް ކުރަން ހެޕީ މާކެޓުން ތައްޔާރު ވެއްޖެ އެވެ. "އަވަސް" އަށް ދެއްވި އިންޓަވިއުއެއްގައި ހެޕީ މާކެޓުގެ ޖެނެރަލް މެނޭޖަރު އަލީ އިހުސާން ވިދާޅުވީ ފެނުގެ ޑިމާންޑް މަތިވެފައިވާއިރު ފެން އުފައްދާވަރު އިތުރު ކުރަން އިތުރު އިންވެސްޓްމަންޓް ކުރަން މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި މި މަސައްކަތް ކުރިއަށް އޮތް ހަ މަސްތެރޭގައި ނިންމާލާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިހާރު ކުރަމުންދާ އިންވެސްޓްމަންޓަށް ބަލާއިރު ކުރީގެ ޕްރޮޑަކްޝަން ކެޕޭސިޓީ އަށް ވުރެ އިތުރަށް އުފައްދަން ފަށާނެ. އަޅުގަނޑުމެން މިހާރު ޕްރޮޑަކްޝަން މެޝިންތައް އެބަ އިތުރު ކުރަން. އަނެއްކާ ފުޅި ބްލޯ ކުރާ 'ފްރިފޯމްސް' އުފައްދާ އިތުރު މެޝިން ވެސް އެބަ ގެންނަން،" އިހުސާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މީގެ އިތުރުން ފެން ސަޕްލައިކުރާ ލޮޖިސްޓިކްސް އަށް ވެސް ބަދަލު ގެންނާނެ ކަމަށެވެ.

"ލޮޖިސްޓިކް ޑެލިވަރީ ސިސްޓަމްސް ވެސް އެބަ ބަދަލު ގެންނަން. ފެން އުފައްދާ ހިންމަފުށިން ފެން ސަޕްލައިކުރާ ގޮތާއި މި ކޮޅު [މާލޭ] ގައި ޑެލިވަރީ ކުރާ ގޮތަށް ވެސް އެބަ ބަދަލު ގެންނަން. މިކަންކަން ރިވައިސް ކޮށްފަ އަލުން އެޝްޓަބްލިޝް ކުރެވޭނެ،" އިހުސާން ވިދާޅުވި އެވެ.

ފެން އުފެއްދުމުގެ ކެޕޭސިޓީ އިތުރު ކުރަން ހެޕީ މާކެޓުން މަސައްކަތް ކުރަމުންދާއިރު، ފެނުގެ ޑިމާންޑް މަތިވެ ފެން ލިބުމުގައި ދަތިތަކާ ވަނީ ކުރިމަތިވެފަ އެވެ.

ހެޕީ މާކެޓުގެ ޖީއެމް، އިހުސާން ވިދާޅުވީ މިހާރު ފެނަށް ޑިމާންޑް އިތުރު ވެގެން އުޅެނީ ހޫނު މޫސުން ކުރިމަތިވި ދުވަސްވަރު ފެން އުފައްދާ ކުންފުނިތަކުގެ ޕްލާންޓްތަކުގައި ބައެއް މައްސަލަތައް ޖެހުމުން ކަމަށެވެ.

"އަޅުގަނޑުމެންނަށް ދިމާވީ މައްސަލައަކީ ފެން އުފައްދާ އެއް މެޝިންގެ ސަކްޝަން ޕަންޕަށް މައްސަލަ ޖެހުނީ. މިވާގޮތަކީ މި އެއްޗިހި މި އުފައްދަނީ އޮން ރިކުއެސްޓަށް. މީގެ ޕަންޕެން ލިބެނީ ތިން މަސް ދުވަހުން. އަޅުގަނޑުމެން އޯޑަރު ދީފައިވާތާ ދެ މަސް ބައިވެއްޖެ. މިހާވަރަށް މީތި ފެނުނީ ތާޒާގައި ކޮންމެ ވެސް މައްސަލަ އެއް ޖެހިގެން ހުއްޓުނީ. ހުއްޓިގެން ލައިފަށް ޑިމާންޑް އޮތް ދުވަސްވަރެއްގައި މި ދިމާވީ ހޫނު މޫސުން،" އިހުސާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ލައިފް ފެނަށް ދިމާވެފައިވާ މައްސަލަ ދެ ހަފުތާ ތެރޭގައި ހައްލު ވެގެންދާނެ ކަމަށާއި ނަމަވެސް މިހާރު ޑިމާންޑް ވަރަށްމަތި ކަމަށެވެ.

"ކުރީގަ އިން ޑިމާންޑަށްވުރެ 35 ޕަސެންޓް ވަނީ މަތިވެފަ. ކުރީގައި މިސާލަކަށް ޑެއިލީ ފަސް ލިޓަރުގެ ފެން 20،000 ފުޅިއަށް ޑިމާންޑް އޮތްނަމަ މިހާރު 30،000 ނޫނީ 25،000 ވަރު ޑިމާންޑް އާދެ،" އިހުސާން ވިދާޅުވި އެވެ.