ވޯޓަށް ނުފޫޒު ފޯރުވުުމުގެ ގޮތުން އިދިކޮޅު ފަރާތް ތަކުން ކަންކަން ކޮށްފައިވާ ކަމަށާއި އިދިކޮޅު ފަރާތްތަކުގެ އެ އަމަލުތައް ކުށްވެރިކުރާ ކަމަށް ޕްރޮގްރެސިވް ޕާޓީ އޮފް މޯލަޑިވްސް (ޕީޕީއެމް) އިން މިރޭ ބުނެފި އެވެ.
ޕީޕީއެމްގެ އޮފީހުގައި މިރޭ ނޫސްވެރިންނާއި ބައްދަލުކޮށް ޕީޕީއެމްގެ ޕީޖީ ގުރޫޕްގެ ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކު ވިދާޅުވީ މިއަދުގެ ވޯޓާ މެދު ބިރުވެރިކަން އުފެދޭ ގޮތަށާއި ވޯޓްގެ ހާލަތު ބަދަލު ކުރުމަށް އިދިކޮޅު ފަރާތްތަކުން ހިންގަމުން ގެންދިޔަ އަމަލުތަކަކީ އިދިކޮޅު ފަރާތްތަކުގެ ޒިންމާދާރުކަށް ނެތްކަން ދޭހަކޮށްދިން ކަމެއް ކަމަށެވެ. ޑިމޮކްރަސީ ބިނާކޮށް ކުރިއަރުވަން ވާހަކަ ދައްކާ ފަރާތްތަކުން ވޯޓްގެ ވަގުތު ހަމަނުޖެހުން އުފެއްދުމަށް މަސައްކަތް ކުރި ކަންކަމަކީ ޑިމޮކްރަސީ މަރާލުމަށް ކުރި ކަމެއް ކަމަށެވެ.
ނިހާނު އިތުރަށް ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ސޯޝަލް މީޑިއާ މެދުވެރިކޮށް ފާޅުކަން ބޮޑު ގޮތެއްގައި އިދިކޮޅު ފަރާތްތަކުން އިންތިހާބުގެ ގާނޫނުތަކާއި ހިލާފަށް ތަފާތު ވާހަކަތަށް ފަތުރަމުން ދިޔަ ކަމަށެވެ. އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ސޯޝަލް މީޑިއާ މެދުވެރިކޮށް ފާޅުގައި ވޯޓަށް ނުފޫޒު ފޯރުވުމަށް ހިނގާ އަމަލުތަށް ކުށްވެރިކުރާ ކަމަށް ވެސް ނިހާން ވިދާޅުވި އެވެ.
"ކުރީގެ ރައީސް ނަޝީދު ވޯޓަށް ނުފޫޒު ފޯރުވައި ރާއްޖޭގެ މިނިވަން މުއައްސަސާތަކާއި ސަރުކާރުގެ އަގު ވަށްޓާލުމަށް ކުރާ މަސައްކަތް ހަރުކަށި އިބާރާތުން ކުށްވެރިކުރަން. އިދިކޮޅު ފަރާތްތައް ގުޅިގެން ހާއްސަކޮށް އެމްޑީޕީން ވޯޓް ގަޑި ބަދަލު ވުމާއި ގުޅިގެން އިލެކްޝަން ކޮމިޝަން ތެރެއަށް ވަނުމަށް ގޮވާލުމާއި ބައެއް ސަރަހައްދުތަކުގެ ވޯޓް ފޮށިތަށް ހިސޯރު ކުރަން ގޮވަމުން ދިޔަ ގޮވުން ކުށްވެރިކުރަން"