ހަބަރު

ދެ ފަނޑިޔާރުން ވަކިކުރި މައްސަލައިގެ ޝަރީއަތް ސިވިލް ކޯޓުން މިރޭ ފަށަނީ

އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒާއި ފަނޑިޔާރު އަހުމަދު މުއުތަސިމް ވަކިކުރަން ޖޭއެސްސީން ނިންމި ނިންމުން ބާތިލްކުރަން އެމްޑީޕީން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގެ ޝަރީއަތް އެ ކޯޓްގައި މިރޭ ފަށަން ނިންމައިފި އެވެ.

މައްސަލައިގެ އަޑުއެހުން އެ ކޯޓުގައި ފަށާނީ މިރޭ 8:30ގަ އެވެ.

އެމްޑީޕީގެ ފަރާތުން ހުށަހެޅި އެ މައްސަލައިގައި ބުނެފައި ވަނީ، ފަނޑިޔާރުން ވަކި ކުރުމުގައި ގާނޫނު އަސާސީގައިވާ އިޖްރާއަތްތަކާ ހިލާފަށް ޖުޑިޝިއަލް ސާވިސަސް ކޮމިޝަން (ޖޭއެސްސީ)ން އަމަލުކޮށްފައި ވާތީ، އެކަމުގެ ސަބަބުން ގިނަ ބަޔެއްގެ ހައްގުތަކަށް އުނިކަން ލިބިފައިވާ ކަމަށެވެ. އެހެންވެ، އެ ނިންމުން ބާތިލްކޮށް ދިނުމަށް އެމްޑީޕީން ވަނީ އެދިފަ އެވެ.

ސުޕްރީމް ކޯޓުން ދެ ފަނޑިޔާރަކު ވަކިކުރަންޖެހޭ ގޮތަށް ކޯޓުތަކުގެ ގާނޫނަށް ގެނައި އިސްލާހު ބާތިލްކުރަން ގާނޫނީ ވަކީލުންތަކެއް ވަނީ ހައި ކޯޓަށް މައްސަލަ ހުށަހަޅައިފަ އެވެ. އެ މައްސަލަ ހުށަހެޅުއްވީ ރައީސް އަބްދުﷲ ޔާމީނަށް ބޮޑުބޭބެ ވިދާޅުވާ ގާނޫނީ ވަކީލް ޝާހީން ހަމީދާއި އިތުރު ވަކީލުންތަކެކެވެ. ދުސްތޫރީ މައްސަލައެއްގެ ގޮތުގައި އެ މައްސަލަ ހުށަހަޅާފައިވާއިރު އެ މައްސަލަ ބަލައިގަތުމާ މެދު ހައި ކޯޓުން މިހާތަނަށް އަދި ގޮތެއް ނުނިންމަ އެވެ.