ވިޔަފާރި

ހޮޓް އެއާ ބެލޫން ފެސްޓިވަލްގެ ކޯ-ސްޕޮންސަރަކަށް މަކަމް ކުންފުނި!

May 8, 2017
  • ފެސްޓިވަލް އޮތީ އަންނަ މަހު
  • ޓިކެޓު ދަނީ ވިއްކަމުން
  • ފުރަތަމަ އެއާ ބެލޫން ފެސްޓިވަލް

ރާއްޖޭގައި ބާއްވާ ފުރަތަމަ ހޮޓް އެއާ ބެލޫން ފެސްޓިވަލްގެ ކޯ-ސްޕޮންސަރަކަށް ރާއްޖޭގެ މަކަމް ކުންފުނި ހަމަޖައްސައިފި އެވެ.

މަކަމް ކުންފުނީގެ ޖީއެމް، ޝިނާޒް "އަވަސް" އަށް ވިދާޅުވީ އެ ކުންފުނިން ހޮޓް އެއާ ބެލޫން ފެސްޓިވަލްގައި ބައިވެރިވީ، އެ ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ބައެއްގެ ގޮތުގައި ބަލައިގެން ކަމަށެވެ.

"ޒުވާނުން ކުރާ ކަންކަމުގައި ބައިވެރިވުމާއި ޒުވާނުންގެ ތަރައްގީއަށް މަސައްކަތް ކުރުމަކީ އަޅުގަނޑުމެންގެ ސީއެސްއާރުގެ ބައެއްގެ ގޮތުގައި ބަލަން. އެހެންވެ މި ފެސްޓިވަލްގައި ބައިވެރިވީ،" ޝިނާޒް ވިދާޅުވި އެވެ.

ރާއްޖެ އަށް މުދާ އެތެރެކުރާ ކުންފުނީގެ ޖީއެމް، ވިދާޅުވީ މި އިވެންޓުގައި ބައިވެރިވުމާއެކު، އިވެންޓް ކުރިއަށްދާއިރު އެ ކުންފުނީގެ ސްޓޯލެއް ވެސް ބަހައްޓާނެ ކަމަށެވެ.

"މި އިވެންޓް ކުރިއަށްދާއިރު، އަޅުގަނޑުމެންގެ ސްޓޯލް ހުންނާނެ މިތަނުން އެކި ބާވަތްތައް ލިބެން ހުންނާނެ،" ޝިނާޒް ވިދާޅުވި އެވެ.

ހޮޓް އެއާ ބެލޫން ފެސްޓިވަލް އޮތީ އަންނަ މަހު 25 އިން ފެށިގެން 27 އަށް މާލޭގަ އެވެ. އަދި މި ފެސްޓިވަލްގެ ޕްރިވިއު އިވެންޓް އޮންނާނީ މި މަހުގެ 19 ދުވަހު އެވެ. މި ފެސްޓިވަލް ބާއްވާ ޔުނިކްސް ސްޕޯޓިންގް އިން މިހާރު ވަނީ ޓިކެޓު ވެސް ވިއްކަން ފަށާފަ އެވެ. ޓިކެޓު ވިއްކަނީ 700ރ. އަށެވެ.

ޔުނިކްސް ސްޕޯޓިންގެ މެނޭޖިން ޑިރެކްޓާ ރޭޝަން ޝަރީފް ފައިވާ ގޮތުގައި ހޮޓް އެއާ ބެލޫންގެ ޓިކެޓު ޓިކެޓުތައް ލިބެން ހުންނާނީ ގޯޓްފިޝް އެންޑް ބިސްޓްރޯ ކެފޭ އިނެވެ. އަދި ގިނަ ބަޔަކަށް ފުރުސަތު ދިނުމުގެ ގޮތުން 500 އެއްހާ ޓިކެޓު ވިއްކާނެ ކަމަށާއި އަދި އެ އަދަދު އިތުރު ވެސް ވެދާނެ ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.

"މިހާރު ވެސް ބޮޑު ތަރުހީބެއް އެބަ ލިބޭ އަޅުގަނޑުމެންނަށް. އަޅުގަނޑުމެން އެދެނީ ހޮޓް އެއާ ބެލޫނަށް އަރަން ޝައުގުވެރިވާ ފަރާތްތަކުން ވީހާވެސް އަވަހަކަށް ޓިކެޓު ގަންނަން،" ރޭޝަން ވިދާޅުވި އެވެ.

ހޮޓް އެއާ ބެލުން ފެސްޓިވަލްގެ ކޯ-ސްޕޮންސަރަކަށް ހަމަޖެއްސި މަކަމް ކުންފުންޏަކީ ރާއްޖެއަށް "ބިގްބޮސް އެނާޖީ ޑްރިކް" އާއި "ޖެފީ ފުރުޓީ ޖޫސް އަދި ބެލީމާ ފުރުޓް ޖޫސް" ގެ އިތުރުން ގިނަ ބާވަތްތަކެއް އެތެރެކޮށް ވިއްކާ ކުންފުންޏެކެވެ.