މައިލޯ ކްލަބް މޯލްޑިވްސް ފުޓްސަލް ކަޕްގެ ސެމީ ފައިނަލް އިން އެންމެ ފަހުގެ ޗެމްޕިއަން ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އާއި ފެނަކަ އާއި އެލައިޑް އިންޝުއަރެންސް އަދި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިއްޔެ ޖާގަ ހޯދައިފި އެެވެ.
މާފަންނު ސްޓޭޑިއަމްގައި ކުރިއަށްދާ މުބާރާތުގެ ކުއާޓާ ފައިނަލްގައި އިއްޔެ މޯލްޑިވްސް ކަސްޓަމްސް ސާވިސް އަތުން ޕެނަލްޓީ ޖަހައިގެން އެސްޓީއޯ މޮޅުވީ 3-2 އިންނެވެ. މި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު އޮތީ ލަނޑެއް ނުޖެހި އެއްވަރުވެފަ އެވެ.
ފެނަކަ ސެމީން ޖާގަ ހޯދީ ކުއާޓާ ފައިނަލްގައި ތިން ފަހަރު މި މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފައިވާ އެމްޕީއެލް އަތުން ޕެނަލްޓީ ޖަހައިގެން 5-4 އިން މޮޅުވެެގެންނެވެ. މި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު އޮތީ 3-3 އިން އެއްވަރުވެފަ އެވެ.
އެމްއޭސީއެލް މުބާރާތުގެ ސެމީން ޖާގަ ހޯދީ ކުއާޓާ ފައިނަލްގައި ރޭ އެމްއާރްޑީސީ އަތުން 2-0 އިން މޮޅުވެެގެންނެވެ. އަދި އެލައިޑް ސެމީން ޖާގަ ހޯދީ ކުއާޓާ ފައިނަލްގައި ރޭ ސްޓެލްކޯ އަތުން ޕެނަލްޓީ ޖަހައިގެން 4-2 އިން މޮޅުވެެގެންނެވެ.
މި މުބާރާތުގެ ފުރަތަމަ ސެމީ ފައިނަލްގައި ބައްދަލުކުރާނީ އެސްޓީއޯ އާޢި ފެނަކް އެވެ. ދެވަނަ ސެމީގައި ބައްދަލުކުރާނީ އެލައިޑް އާއި އެމްއޭސީއެލް އެވެ. ސެމީ ފައިނަލްގެ މެޗުތައް ކުޅޭނީ މި މަހުގެ 10 ވަނަ ދުވަހު އެވެ.