ވިޔަފާރި

ރޯދައަށް ދެ ހަފުތާ: ބާޒާރުގައި ހާއްސަ ކަމެއް ނެތް!

May 13, 2017
1
  • ފިޔާ، އަލުވި، ބިހުގެ އަގު ދަށުގައި
  • މާރުކޭޓުގައި ގިނައިން ހުރީ އިމްޕޯޓު މުދާ
  • މަސް މާރުކޭޓުގައި މަހުގެ އަގު އާއްމުވަރެއްގައި

ރޯދަ މަސް ފެށގެން ދެން އޮތީ ދެ ހަފުތާ އެވެ. އާއްމު އުސޫލުގެ މަތިން މިހާރު މިހާރު ދަނޑުވެރިން، ދަނޑުތަކުގައި "އެންމެ ފަހުގެ ތައްޔާރީތައް" ވާނީ އެވެ. އެހެންވެކަން ނޭނގެ އެވެ. ބާޒާރުން އަދި މާކަބޮޑު ހާއްސަ ކަމެއް ނުފެނެ އެވެ. އާއްމު އެހެން ދުވަސް ދުވަހެކޭ އެއްގޮތަށް މިއަދުވެސް ބާޒާރު މަތި ފެންނަނީ "ނޯމަލް" ކޮށެވެ.

ރޯދަ މަހު އެންމެ ހާއްސަ އެއް ކަމަކަށްވާނީ މުދަލުގެ އަގުކަން ޔަގީނެވެ. ރޯދަ އަށް ބޭނުންވާ އާއްމު ބާވަތްތަކުގެ އަގުތައް މިހާރު ހުރި ގޮތަށް ބަލާއިރު ރޯދަ މަހު ކާބޯތަކެތި ތައްޔާރު ކުރަން ބޭނުންކުރާ ފިޔާ، އަލުވި އަދި ބިހުގެ އަގުތައް ވެސް ހުރީ ދަށުގަ އެވެ. މިގޮތުން ފިޔާ ބަސްތާއެއްގެ އަގު ހުރީ 160-170ރ. އާ ދެމެދުގެ އަގުތަކެއްގަ އެވެ. އެއީ ފިޔާ ކިލޯއެއް ގާތްގަނޑަކަށް 9ރ. އާއި 10ރ. ވަރެވެ. އަދި އަލުވި ބަސްތާއެއްގެ އަގު ހުރީ 220-250ރ. ގަ އެވެ. އަދި ބިސް ކޭހެއް ލިބެނީ 270ރ. އަށެވެ.

  • ފިޔާ ބަސްތާއެއް-160-170ރ. އަށް
  • އަލުވި ބަސްތާއެއް-250ރ. އަށް
  • ބިސް ކޭހެއް- 270ރ. އަށް
  • ކަރާ ކިލޯއެއް ހުރީ 15ރ. އަށް

މި ބާވަތްތަކުގެ އިތުރުން، ކަރާ ކިލޯއެއް ވިއްކަނީ 15ރ. އާއި 18ރ. އަށެވެ. އަދި ބަނބުކޭލެއް މިދޭތެރެ އިން 100ރ. އަށް އުފުލުމަށްފަހު މިހާރު ހުރީ 40ރ.ގަ އެވެ. ލެޓިއުސް ކިލޯއެއް ލިބެނީ 90-85ރ. ވަރަށެވެ. އަދި ކޮޕީ ފަތް ބޮނޑިއެއް (ފަސް ފަތު)ގެ އުޅެނީ 10ރ. އަށެވެ. އަދި ފަޅޮލެއްގެ އަގު ހުރީ 13ރ. އަށް ކިލޯ އަދި ވަކިން ފަޅޮލެއް ފަސް ރުފިޔާ އަށެވެ. މީގެ އިތުރުން ދޮންކެޔޮ ވަކެއް 10ރ. އަށް ހަތަރު އަދި ދެ ރުފިޔާ އާއި ރުފިޔާ އަކަށްވެސް ދޮންކެޔޮ ވަކެއް ލިބެ އެވެ. މުޅި ބާޒާރު މައްޗަށް ބަލާއިރު ވެސް މިހާރު އެންމެ ގިނައިން ހުރީ ދިވެހި ދޮން އަނބެކެވެ. ދިހަ އަނބުގެ، އަނބު ބައެއް ލިބެނީ 100.ރ އަށެވެ.

ދަތުރުވެރިންގެ މާރުކޭޓުގެ އިތުރުން ދެން ރޯދަ މަހު އެންމެ ބާރު ބޮޑުވާ އެއް ތަނަކީ މަސް މާރުކޭޓެވެ. މިހާރު މަސް މާރުކޭޓުގައި ތާޒާ މަސް ހުރީ ވަރަށް މަދުންނެވެ. އާދައިގެ މަސް ކިލޯއެއްގެ އަގު ހުރީ 40ރ. އަށެވެ. އަދި ފަރު މަސް ފިލޮޅެއް 30ރ. އަށް ހުރިއިރު، ރަތް މަހެއްގެ އަގުހުރީ 100ރ. އާއި 200ރ. އާ ދެމެދުގެ އަގުތަކެއްގަ އެވެ.

މުޅި މާރުކޭޓަށް ބަލާއިރުވެސް ނިސްބަތުން ދިވެހި އުފެއްދުންތައް ފެންނަނީ މަދުކޮށެވެ. މީގެ ބަދަލުގައި މާރުކޭޓު ގޮޅިތައް ހިސޯރުކޮށްފައިވަނީ އިމްޕޯޓު މުދަލެވެ. އެންމެ އާއްމު ބާވަތްތަކަށް ބަލާއިރު ކަރާ ވެސް ހުރީ ރާއްޖެއަށް އިމްޕޯޓް ކުރި ކަރަ އެެވެ.