ރޯދަ މަހުގެ ފުރަތަމަ ދުވަހަކީ މާދަމާކަން މިވަނީ ޔަގީންވެފަ އެވެ. ބަރަކާތްތެރި ރޯދަ މަހަކީ ކޮންމެ ދުވަހަކު ވެސް އެތަށް ބަޔަކު ނުކުމެ ވިޔަފާރިކުރާނެ މަހެކެވެ. އެހެންކަމުން ތިރީގައި މިލިޔެލަނީ ވިޔަފާރި ކުރަން ނުކުންނައިރު ވިސްނަން ޖެހޭހަ ކަންތައްތަކުގެ މައްޗަށެވެ.
ގަންނަ ތަކެތީގެ ލިސްޓެއް ހަދާ
ރޯދަ މަހު އެންމެ ބާރު ބޮޑު އެއް ތަނަކީ މަގުތަކެވެ. ގިނަ ބަޔަކު އެއްފަހަރާ ނުކުތުމާއެކު މަގުތަކުގެ ހަލަބޮލިކަން ބޮޑުވާނެ އެވެ. މިހެންވެ ފިހާރައިގެ ދޮރުމަތީގައި ޕާކު ކުރާނެ ޖާގައެއް ހޯދުން ގިނަ ފަހަރު އޮންނާނީ އުނދަގޫވެފަ އެވެ. އެހެންކަމުން، ރޯދަ މަހު ސައިކަލުގައި ފަހަރު ފިހާރަ އަކަށް ދުއްވަން ދަތިވެދާނެ އެހެންވެ ގަންނަ އެއްޗިހީގެ ލިސްޓެއް އެކުލަވާލުން މުހިންމުކަން ބޮޑެވެ. އެހެންނޫނަމަ، ގެއަށް އައިސް އަނެއްކާވެސް ފިހާރައަށް އެއްޗިހި ގަންނަ ދާންޖެހުން އޮންނާނީ ގާތްވެފަ އެވެ.
ހަފުތާގެ މެނޫ ރާވާލާ
ވަގުތެއް އަބަދަކު ނޯންނާނެ އެވެ. އެހެންވެ ކޮންމެ ހަފުތާއެއްގެ ހުކުރު ދުވަހަކީ ހަފުތާގެ ޕްލޭން ރާވާލަން އެންމެ ރަނގަޅު ދުވަސް ކަމަށް ބުނެވިދާނެ އެވެ. ރެސްޓޯރެންޓުތަކުގައިވެސް ދުވަހުގެ މެނޫތައް ހުންނަ ގޮތަށް ގޭގައި ކެއްކުން ވެސް ރާވާލެވިދާނެ އެވެ. މިގޮތަށް ހަދައިފިނަމަ ވަރަށް ފަސޭހަވާނެ އެވެ.
ރުޅިއާއެކު ގަންނަން ނުދޭ!
"ރުޅިއައިސް ހުރެ ވިޔަފާރި ކުރަން ނުދާށެވެ." މިހެން ބުނީމަ ފަހަރުގައި ހައިރާން ވެދާނެ އެވެ. އެކަމަކު މިއީ މުހިންމުކަން ބޮޑު ކަމެކެވެ. ސަބަބަކީ ރޯދަ މަހު ތިމާ ފަދައިން އެހެން މީހުންވެސް ތިބޭނީ މުޅިން އެހެން ހާލަތެއްގައި ކަމަށްވުމެވެ. ރޯދަ މަހަކީ ރުޅިމަޑުކޮށް، ކެތްތެރިކަން އިސްކުރަން ޖެހޭ މަހެވެ. އެހެންވެ ވިޔަފާރިއަށް ނުކުންނައިރު ތިމާ "ކޫލް ޑައުން" ކޮށް ހުރުން މުހިންމުކަން ބޮޑެވެ.
ބަޖެޓެއް ކަނޑައަޅާ
"މިއަދު ވިޔަފާރި ކުރަން ލިބިފައި އޮތީ 500ރ. އެވެ." މީގެ މާނައަކީ އެ ރުފިޔާ އެއްކޮށް ހުސްކޮށްލާށެވޭ ނޫނެވެ. މި ފައިސާ ކަނޑައެޅިނަމަވެސް މިހާރު ބާޒާރުގެ އަގުތައް ހުރި ގޮތަށް ވިސްނައި މުއްބާރުކޮށް އުޅެން ދަސް ކުރަން ޖެހެ އެވެ. އެހެންވެ މިކަމަށްޓަކައި ބަޖެޓު ކުރުން ވަރަށް މުހިންމެވެ.
އެއް ތަނަކުން ނުގަނޭ
ބާޒާރުގައި އަގުތައް ތިޔަ ހީކުރި ގޮތާ ވަރަށް ތަފާތު ވާނެ އެވެ. މިސާލަކަށް އެއްތަނުން ފިޔާ ކިލޯއެއް 10ރ. އަށް ލިބޭނަމަ، އެހެން ތަނަކުން ފިޔާ ކިލޯއެއް 9ރ. އަށްވެސް ލިބެން ހުރެދާނެ އެވެ. އެހެންވެއްޖެނަ އެއް ރުފިޔާ ރައްކާކޮށްލަން ލިބުނީއެވެ. އެހެންވެ އެއް ފިހާރައަކުން ވިޔަފާރިކޮށްގެން ނުކުތުމުގެ ބަދަލުގައި ގިނަ ފިހާރަތައް ބެލުން ވަރަށް މުހިންމުކަން ބޮޑެވެ.
އަގު ކުޑަކޮށްދޭން އެދޭ
މިއީ ގިނަ ދިވެހިންގެ ކިބައިގައި ނެތް ސިފައެކެވެ. ފިހާރައިގެ ސޭޓު ގަންނަން ދާ އެތީގެ އަގު ބުނާއިރަށް އަވަސް އަވަހަށް ގަނެލައިގެން ނުކުމެގެންދެ އެވެ. ނަމަވެސް ވިޔަފާރި ކުރަން ދާއިރު އަގު ކުޑަކޮށްދޭން ސޭޓުގެ ކައިރީގައި ބުނަން ކެރެން ޖެހެ އެވެ. ސަބަބަކީ އެންމެ ރުފިޔާއެއް ހެޔޮވިނަމަވެސް އެއީވެސް ބޮޑެއްޗެއްގެ ގޮތުގައި ދެކެން ޖެހުމެކެވެ.