ވިޔަފާރި

ރޯދަ ބާޒާރަށް ނުކުތުމާއެކު ވިޔަފާރީގެ އީދެއް!

May 27, 2017

"މިވަރުން ނުދުއްވޭނެ، މިއަށްވުރެ ރަނގަޅު ހިނގާފައި ދާން ވެސް،" މަޖީދީ މަގުން ސައިކަލްގައި ދުއްވަމުން ދަނިކޮށް ފަހަތުން އައި މީހާގެ ޝަކުވާއަކީ މި އެވެ. ބައެއް މީހުންނަށް ޝަކުވާއަކަށް ވިއަސް، ކޮންމެ ރޯދަ މަހަކު ވެސް މިކަން އޮވެ އެވެ.

މި އުސޫލުން މި އަހަރު ވެސް ރޯދަ މަހުގެ ވެސް ވިޔަފާރިކުރަން ގިނަ ބަޔަކު ނުކުތުމާއެކު މި ހަލަބޮލިކަން ފެށިގެންދެ އެވެ. މިއާއެކު އުފެދިގެން ދަނީ ވިޔަފާރީގެ ވަރުގަދަ އީދެކެވެ. "މިރޭ އަދި ނޭވާ ނުލަން. ހަމަ ހުވާ މިރޭ ހަން ކަނޑާލާނެ،" ރާއްޖޭގެ އެންމެ ބޮޑު ފިހާރަ ޗެއިން 'ރެޑްވޭވް' މ. ފިހާރައިގެ ކޭޝިއަރެއް ޖެހިގެން ހުރި ރަހުމަތްތެރިޔާ ކައިރީގައި މަޑުމަޑުން ބުނެލި އެވެ.

ހުރިހާ ފިހާރަތަކު ވެސް ފެނިގެން ދަނީ ހަލަބޮލި ކަމެވެ. ހާއްސަކޮށް ބޮޑެތި ސުޕަމާޓުތައް ކަމަށްވާ ރެޑްވޭވް އާއި އެސްޓީއޯ ސުޕަމާޓު ފަދަ ތަންތަނުން މި މަންޒަރު ވަކިން ބޮޑަށް ފެނެ އެވެ.

އެގޮތުން ހޮނިހިރު ދުވަހަކީ ރޯދަ މަހުގެ ފުރަތަމަ ދުވަސް ކަމަށް ކަނޑައެޅިއިރު ވެސް ގިނަ ބަޔަކު ތިބީ މަގުމަތީގަ އެވެ. ރޭ ވެސް ގިނަ ބަޔަކު ވިޔަފާރި ކުރި އެވެ. އަދި ވިޔަފާރި ކުރުމުގެ ފޯރި އެންމެ ގަދަވީ މިރެ އެވެ. އެއްވެސް ފިހާރައަކަށް ވަންނާނެ ޖާގައެއް ނުލިބުނެވެ.

ރޯދަ ވިޔަފާރިއަށް ނުކުމެ އުޅޭއިރު، އަގަށް މާކަބޮޑަށް ބަލާ ކަމަކަށް ނުފެނެ އެވެ. ފަހަރުގައި ފުރަތަމަ ރޯދަ މަހަށްވީމަ ވާގޮތެއް ކަމަށް ވެސް ވެދާނެ އެވެ. އެކަން އެނގެނީ 900ރ. ވަރަށް ވިއްކާ ބޮޑެތި ތެލިސެޓު ވެސް ގަނެލައިގެން ކިހިލި ޖަހާލައިގެން ދާތަން ފެނުމެވެ. އޭސް ހާޑްވެއާ އާއި ރިސޯޓު ތަކަށް ބަދިގެ ސާމާނު ވިއްކާ ފިހާރަތަކުގައި މިރޭ ވަންނާނެ ތަންކޮޅެއް ހަމަނެތެވެ.

ކޮންމެއަކަސް ރޯދަ މަހުގެ ފުރަތަމަ ދުވަހަށް ކުރި ވިޔަފާރި މިލިއަނުން އަރާނެ އެވެ. މީގެ ފައިދާ އޮތީ ވިޔަފާރިވެރިންނަށެވެ. ރޯދަ ބާޒާރަށް ނުކުތް މީހުންނާއެކު ވިޔަފާރީގެ އީދެއް މި އޮތީ ލައްވާލާފަ އެވެ.