ހަބަރު

ޔާމީންގެ މަރު: އާންމުކުރި ވީޑިއޯގައިވާ ދެ މީހުން ހައްޔަރުކޮށްފި

ސޯޝަލް މީޑިއާ އެކްޓިވިސްޓް އަދި ބްލޮގާ ޔާމީން ރަޝީދުގެ މަރުގެ މައްސަލާގައި އިތުރު މީހަކު ހައްޔަރުކޮށްފައިވާކަން ފުލުހުން ހާމަކޮށްފި އެވެ. މި މައްސަލާގައި މީގެކުރިން ހަ މީހަކު ހައްޔަރުކޮށްފައިވެ އެވެ.

ދާދިދެންމެއަކު ފުލުހުން ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ޔާމީން ރަޝީދުގެ މަރުގެ މައްސަލާގައި ޝާމިލްވާ ކަމަށް ތުހުމަތުކުރެވޭ އިތުރު މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. ހައްޔަރުކޮށްފައިވާ ހަތް މީހުންގެ ތެރޭގައި ފުލުހުން މީގެކުރިން އާންމު ސީސީޓީވީ ފްޓޭޖްތަކުން ފެންނަ ދެ މީހުން ވެސް ހިމެނޭ ކަމަށް ފުލުހުން ބުންޏެވެ. އެ ދެ މީހުން ހައްޔަރުކޮށްފައިވަނީ ޔާމީން މަރާލުމުގައި އަމަލީ ގޮތުން ބައިވެރިވިކަމުގެ ތުހުމަތުގަ އެވެ.

ރޭ ފުލުހުން ވަނީ ޔާމީންގެ މަރުގެ މައްސަލާގެ ތަހުގީގަށް ހުރަސްއަޅާ ކަމުގެ ތުހުމަތަށް ގާނޫނީ ވަކީލް އަލީ ޝާހް ވެސް ހައްޔަރުކޮށްފަ އެވެ.

މައްސަލާގައި ފުލުހުން އެންމެ ފުރަތަމަ ހައްޔަރުކޮށްފައިވަނީ 18 އަހަރުގެ މީހެކެވެ. އޭނާއަކީ ޔާމީން މަރާލި ރޭ އޭނާއަށް ފާރަލަމުންދިޔަ މީހާ ކަމަށްވެ އެވެ. ދެން ހައްޔަރުކޮށްފައިވަނީ 22 އަހަރުގެ މީހެކެވެ. އޭނާއަކީ އެ މަރުގައި ކޮން ގޮތަކުން ބައިވެރިވި މީހެއް ކަމެއް ސާފެއް ނުވެ އެވެ. ދެން ހައްޔަރުކޮށްފައިވާ މީހުންގެ އިތުރު ތަފްސީލެއް ނުލިބެ އެވެ.

ޔާމީން މަރާލާފައިވަނީ އޭނާ ދިރިއުޅޭ ގޭގެ ސިޑި ކައިރީގަ އެވެ. ތޫނު އެއްޗަކުން އޭނާއަށް ވަނީ ގިނަ ހަމަލާތަކެއްދީފަ އެވެ. އެ ރަހްމުކުޑަ އަމަލު ރާއްޖެއާއި ބޭރުގެ ގިނަ ފަރާތްތަކަކުން ވަނީ ކުށްވެރިކޮށްފަ އެވެ. އަދި ޔާމީންއަށް އިންސާފު ހޯދައިދިނުމަށް ދަނީ ގޮވާލަމުންނެވެ. ފުލުހުން މިއަދު ބުނެފައިވަނީ ޔާމީންގެ މަރުގެ މައްސަލާގެ ތަހުގީގަށް ލިބެމުންދާ ކުރި އެރުންތަކާއެކު ތަހުގީގު ކާމިޔާބު ކުރެވުމުގެ ވަރަށް ބޮޑު އުއްމީދެއް ލިބިފައިވާ ކަމަށެވެ.