- ބަދަލު ދީފައިވަނީ އެއް ހަފުތާ ތެރޭގައި
- ކަސްޓަމަރުންގެ އަދަދު 20 ޕަސެންޓް މަތިވެއްޖެ
- އިންޝުއަރެންސް ގާބިލްކަން 120 މިލިއަން ޑޮލަރަށް
އިންޝުއަރެންސް ބަދަލުގެ ގޮތުގައި އެލައިޑުން ހަފުތާއެއްގެ ތެރޭ 5.5 މިލިއަން ރުފިޔާ ކަސްޓަމަރުންނަށް ދޫކޮށްފި އެވެ.
"އަވަސް" އަށް ވާހަކަ ދައްވަމުން އެލައިޑް އިންޝުއަރެންސުގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަމީލް ވިދާޅުވީ އިންޝުއަރެންސް ކްލޭމް ކޮންމެ ހަފުތާއަކުވެސް ދެމުންދާ ކަމަށާއި މިގޮތުން ކޮންމެ ހަފުތާއަކުވެސް އެތައް މިލިއަން ރުފިޔާއަށް ދޭ ކަމަށެވެ. މި ފަހަރު ދޫކުރި ކްލޭމްގައި ހިމެނެނީ ހެލްތް އިންޝުއަރެންސާއި މެރިން ހަލް އިންޝުއަރެންސް ކަމަށް އޭނާ ވިދާޅުވި އެވެ.
"މިހާރު މި ކުރި ކަމަކީ މިކަން މީޑިޔާގައި އާއްމުކޮށްލީ. މިއީ ކޮންމެ ހަފުތާއަކު ވެސް އަޅުގަނޑުމެން ކުރާ ކަމެއް މިއީ،" އަމީލް ވިދާޅުވި އެވެ.
އެލައިޑުން ބުނި ގޮތުގައި 5.5 މިލިއަން ރުފިޔާ އިންޝުއަރެންސް ކްލޭމްގެ ގޮތުގައި ދޫކޮށްފައިވަނީ މި މަހުގެ 7-11 އަށް ކަމަށެވެ.
އެމްޑީ، އަމީލް ވިދާޅުވީ އިންޝުއަރެންސް ކުންފުނިތައް ގިނަ ވެގެން ދިއުމާއެކު، އެ ކުންފުނީގެ ކަސްޓަމަރުންގެ އަދަދު 20 ޕަސެންޓް އިތުރުވެގެން ގޮސްފައިވާ ކަމަށެވެ.
"ކުރިން އަޅުގަނޑުމެން އެކަނި އޮތީ ކަސްޓަމަރުންނަށް ނޭނގެނީ. އެކަމަކު މިހާރު ގިނަ ކުންފުނިތައް އައުމުން އަޅުގަނޑުމެންގެ ހިދުމަތުގެ ފެންވަރު ރަނގަޅުކަން ކަސްޓަމަރުންނަށް އެނގި ވަރަށް ބޮޑު ތަރުހީބެއް ދަނީ ލިބެމުން،" އަމީލް ވިދާޅުވި އެވެ.
އެލައިޑުގެ ވިޔަފާރި ފުޅާވަމުންދާއިރު އެ ކުންފުންޏަކީ މިހާރު ރާއްޖޭގެ އެންމެ ބޮޑު އިންޝުއަރެންސް ކުންފުންޏެވެ. އަދި އެ ކުންފުނީގެ އިންޝުއަރެންސް 120 މިލިއަން ޑޮލަރަށް އަރާފައިވާ ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ.