ނިއު ރޭޑިއަންޓާއި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާ ދެމެދު އޮތް ތަފާތު ވަރަށް ކުޑަވެއްޖެ ކަމަށާއި މި ސީޒަނަށް ކުރިމަތިލާއިރު ރަނގަޅަށް އޮތް ޓީމެއް ސީޒަން ހުޅުވުމުގެ ގޮތުން މިރޭ ކުޅޭ މައިލޯ ޗެރިޓީ ޝީލްޑް މެޗުން އެނގިގެންދާނެެ ކަމަށް މާޒިޔާގެ ކޯޗު އަލީ ސުޒޭން ބުނެފި އެވެ.
މިރޭ ކުޅޭ މައިލޯ ޗެރިޓީ ޝީލްޑް މެޗުގެ ކުރިން އިއްޔެ އެފްއޭއެމް ހައުސްގައި އޮތް ނޫސްވެރިން ބައްދަލުވުމުގައި ވާހަކަދައްކަމުން ސުޒޭން ބުނީ މިދިޔަ ސީޒަންގައި މާޒިޔާގެ ކޯޗުކަމާ ހަވާލުވުމަށް ފަހު އެންމެ ފުރަތަމަ ބެލީ ނިއު އާއި މާޒިޔާއާ ދެމެދު އޮތް ތަފާތު ކުޑަކުރަން ކަމަށާއި މިހާރު ދެ ޓީމުގެ މެދުގައި މާބޮޑު ތަފާތެއް ނެތް ކަމަށެވެ.
"އަޅުގަނޑު މިދިޔަ އަހަރު (މާޒިޔާއާ ހަވާލުވެ) ފުރަތަމަ ބެލީ މާޒިޔާ އާއި ނިއުއާދެމެދު އޮތް ތަފާތު ކުޑަކުރަން. އިދާރަކުރެއްވިއްޔާ އެ ތަފާތު ވަރަށް ބޮޑަށް ކުޑަކުރެވިފައި މި އޮތީ. މާދަމާ ރޭގެ މެޗުގެ ނަތީޖާ އިން ވަރަށް ބޮޑަށް އެނގޭނެ ސީޒަން ފަށާއިރު ކޮން ބައެއްތޯ ރަނގަޅަށް އޮތީ. އޭއެފްސީ ކަޕްގެ ނަތީޖާތައް ކޮންމެ ގޮތަކަށް ނިކުތަސް، ސީޒަން ހުޅުވާ މެޗަކީ ތަފާތު މެެޗެއް. ދެ ޓީމަށް ވެސް އެއްވަރުގެ އެޑްވާންޓޭޖްތަކެއް އޮތީ،" ސުޒޭން ބުންޏެވެ.
ފާޢިތުވި ދެ އަހަރުގެ ޗެރިޓީ ޝީލްޑް މެޗުގައި ވެސް ނިއު އިން ވަނީ މާޒިޔާގެ މައްޗަށް ކުރި ހޯދައިފަ އެވެ. އެކަމަކު މި އަހަރުގެ ޗެރިޓީ ޝީލްޑް މެޗުގައި މާޒިޔާ އަށް ނިއުގެ މައްޗަށް ކުރި ހޯދާނެ ކަމުގެ އުންމީދު ބޮޑު ކަމަށް ސުޒޭން ވަނީ ބުނެފަ އެވެ.
"ވަރަށް ގިނަ ކަންތައްތައް މާޒިޔާ އިން ރަނގަޅުކުރަމުން މިދަނީ. މި މެޗު ކާމިޔާބުކުރަން ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރާނަން. މި މެޗުން ލިބޭނެ ފައިސާ އިނާމެއް ނޫން މުހިންމީ. ލިބޭ ފައިސާއެއް ދޭނީ ޗެރިޓީ އަށް. މުހިންމީ މި ނަން. މާޒިޔާ އިން ކުރާ ހަރަދަށް އަޅާބަލާއިރު އެއް ލައްކަ ނުވަތަ ދެ ލައްކަ ރުފިޔާ އަކީ އެއްޗެއް ނޫން،" ސުޒޭން ބުންޏެވެ.
ސުޒޭން ބުނީ މި މެޗުގައި މާޒިޔާގެ ޖަޕާން މިޑްފީލްޑަރު ޓޯޝީ ހަޔޯޝޭ ނުފެދިދާނެ ކަމަށެވެ. އެކަމަކު އޭނާ ނެތްތަން މާޒިޔާ އަށް "ފޫބެއްދޭނެ" ކަމަށް ސުޒޭން ބުންޏެވެ.
"ޓޮޝީ ހުން އައިސްގެން އުޅޭތީ އޭނާ ނުފެނިދާނެ މާދަމާ ރޭގެ މެޗުގައި. އެކަމަކު މާޒިޔާގައި މިހާރު އޮތް ސްކޮޑުގެ ތެރެއިން ޓޮޝީ ނެތްތަން ފޫބެއްދުމަކީ އުނދަގޫ ކަމަކަށް ނުވާނެ،" ސުޒޭން ބުންޏެވެ.