ރިޕޯޓް

ރާއްޖޭގެ ރޭޓިން އިން ފެންނަ "ބޮޑު މަންޒަރު"!

May 17, 2017
4
  • ބިޔަ މަޝްރޫއުތަކުގެ ފައިދާ ޔަގީންވުން
  • އިގްތިސާދުގެ ތަނބުތައްހުރީ ރަނގަޅަށް
  • މައްސަލަތައް ހުރި، އެކަމަކު ހައްލު ކުރެވޭނެ

ރާއްޖޭގެ އިގްތިސާދުގެ ބަލިފަޔާއި ގަދަ ފައި ކުރިން ދުނިޔެއަށް "ނޭނގެއޭ" ބުނެވިދާނެ އެވެ. ކުރިން މިކަން ބަލާނެ މިނިވަން ފަރާތެއް ނެތެވެ. ހަމައެކަނި އިވެނީ ވޯލްޑް ބޭންކުން ނެރޭ "މަސް ހުރި ރިޕޯޓެ" އެއްގެ ވާހަކަ އެވެ. އޭރު، އިންވެސްޓަރުން އެންމެ ބޮޑަށް ބަލާ އެއްޗަކީ މި ރިޕޯޓު ކަމަށްވެ އެވެ. ނަމަވެސް ސަރުކާރުން މިހާރު މި ވަނީ ދުނިޔޭގެ މަޝްހޫރު ރޭޓިން އެޖެންސީތައް މެދުވެރިކޮށް ރާއްޖެ ރޭޓް ހޯދަން ފަށާފަ އެވެ. ސުވާލަކީ މިނިވަން މި ރޭޓިންތަކުގެ ނަތީޖާއަކީ ކޮބައި ހެއްޔެވެ؟ މީގެން ފެންނަ "ބޮޑު މަންޒަރަކީ" ކޮބައި ހެއްޔެވެ؟

"ރޭޓިންގެ ސަބަބުން ރާއްޖޭގައި އިންވެސްޓް ކުރަން ބޭނުންވާ ފަރާތްތަކަށް އިތުރު ޔަގީންކަމެއް ލިިބިގެން ދާތަން ފެނޭ،" އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެފައިވެ އެވެ.

ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް ސޮވެރިން ކްރެޓިން ރޭޓިން އެއް ދީފައިވަނީ މި އަހަރު އެވެ. މިގޮތުން ފުރަަތަމަ ރޭޓިން ދީފައިވަނީ މޫޑީސް އިންވެސްޓާ ސާވިސަސް އިންނެވެ. އެ ކުންފުނިން ރާއްޖެ އަށް ދީފައިވަނީ "ބީ2 " ރޭޓިން އެވެ. މީގެ މާނައަކީ ރާއްޖޭގައި އިންވެސްޓުކުރުމުގައި ކޮންމެ ވެސް ވަރެއްގެ ރިސްކެއް އޮތް ނަމަވެސް ޖުމްލަ ގޮތެއްގައި ގައުމުގެ ހާލަތު ރަނގަޅު ކަމެވެ. އެހެންވެ ތަރައްގީވަމުން އަންނަ ގައުމުތަކާއި ކުދި އިގްތިސާދުތައް ހިމެނޭ މި ރޭޓިން އެއް ރާއްޖެ އަށް ދިނުމުގެ އެއް ސަބަބަކީ މިއީ އެވެ.

މި ރޭޓިންއާއެކު ބޭރުގެ ގިނަ ފަރާތްތަކާއި ރާއްޖޭގެ ވިޔަފާރީގެ މުޅި މާހައުލުން ވެސް ފެނުނީ "ޕޮޒިޓިވް" ނިޝާން ތަކެވެ. ކްރެޑިޓް ރޭޓިން މިބަސް ދުލަށް އައީ މިހިސާބުންނެވެ.

މޫޑީސްގެ ރޭޓިންއާ ބެހޭ ގޮތުން، ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ އެންޑްރޫ ހީލީ ވިދާޅުވެފައިވާ ގޮތުގައި ބީ-2 އަކީ ފަށައިގަންނަން ރަނގަޅު ރޭޓިން އެއް ކަމަށެވެ.

"ސޮވެރިން ކްރެޑިޓް ރޭޓިންގެ ސަބަބުން މިވަނީ މުސްތަގިއްލު ފަރާތަކުން ރާއްޖޭގެ މާލީ އަދި އިގްތިސާދީ ހާލަތު ބަޔާންކޮށްދީފައި. މި ރޭޓިން އަކީ ރާއްޖޭ މާލީ އަދި އިގްތިސާދީ ހާލަތު އެހެން ގައުމުތަކާވެސް އަޅާކިޔާލެވޭ ރޭޓިންއެއް. މި ރޭޓިންގެ ސަބަބުން އިންވެސްޓަރުންނަށް ރާއްޖެ އާއި ބެހޭ ގޮތުން ސައްހަ މައުލޫމާތު ލިބި، އަދި ރާއްޖޭގައި އިންވެސްޓް ކުރުމުގެ އިތުބާރާއި ޔަގީންކަން ލިބެގެންދާނެކަމަށް އަޅުގަނޑު އުއްމީދުކުރަން،" ހީލީ ވިދާޅުވެފައިވެ އެވެ.

އޭގެ ފަހުން، ދުނިޔޭގެ އެންމެ ބޮޑު އެއް ކްރެޑިޓް ރޭޓިން އެޖެންސީ ކަމަށްވާ ހޮންކޮންގުގެ "ފިޗް ރޭޓިންސް" އިން ވެސް މިވަނީ ރާއްޖެ އަށް އަނެއްކާ ވެސް ރޭޓިން އެއް ދީފަ އެވެ. ސުވާލަކީ ފިޗް ރޭޓިންއަކީ ކިހާ ވަރެއްގެ ކުންފުންޏެއް ހެއްޔެވެ؟ މި ކުންފުނި އުފެދިފައިވަނީ 1914 ވަނަ އަހަރު އެވެ. އެއް ގަރުނަށް ވުރެ ގިނަ ދުވަސްވީ މި ކުންފުނިން ދަނީ ދުނިޔޭގެ ގިނަ ގައުމުތަކެއް ރޭޓް ކުރަމުންނެވެ. އަދި މި ކުންފުނީގެ ރޭޓިންއަކީ އިންވެސްޓަރުންގެ އެންމެ ބަލާ އެކަށްޗަށްވެ އެވެ. އަދި އިންވެސްޓަރުންގެ ދުރިމި އަމާޒުވާ ކަމަކަށްވެ އެވެ.

ފިޗްގެ ރޭޓިން އިން ބުނަނީ ކީކޭ؟

ފިޗް އިން ރާއްޖެ އަށް ދީފައިވަނީ "ބީ ޕްލަސް" އެވެ. އެ ކުންފުނިން ބުނެފައިވާ ގޮތުގައި ރާއްޖޭގައި ކުރިއަށް ގެންދާ ބޮޑެތި މަޝްރޫއުތައް ކަމަށްވާ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި ހުޅުމާލޭ ޔޫތު ސިޓީ ތަރައްގީ ކުރުމުގެ ސަބަބުން ޓޫރިޒަމް ފުޅާވާނެ ކަމަށާއި ޓޫރިޒަމް މިހާރު ހުރި ގޮތުން ވެސް ރާއްޖޭގެ އިގްތިސާދު ރަނގަޅު މިނެއްގައި ހިފެހެއްޓޭނެކަމަށް ބުނެފައިވެ އެވެ. ދެން އޮތް ސުވާލަކީ މި މަޝްރޫއުތަކާއެކު ރާއްޖޭގެ އިގްތިސާދަށް އަންނާނެ ބަދަލުތަކަށް ފިޗް އިން ބަލާފައިވަނީ ކިހާވަރަކަށް ބާ އެވެ؟ އެ ކުންފުނިން ބުނެފައިވާ ގޮތުގައި ގިނަ މަޝްރޫއުތަކާއެކު ރިޒާވް ދަށްވާނެ ކަމަށް ފާހަގަ ކޮށްފައިވެ އެވެ.

ފިނޭންސް މިނިސްޓަރު މުނައްވަރު ވިދާޅުވި ގޮތުގައި ރިޒާވް ދަށްވާނެ ބުނެފައިވާއިރު، އެއީ މައްސަލަ އެއް ނޫން ކަމަށް އެ ކުންފުނިން ބުނެފައިވާ ކަމަށެވެ.

"ރާއްޖޭގައި ރިސޯޓެއް ނޫނީ އެހެން އިންވެސްޓްމަންޓެއް ހެދި ނަމަވެސް މި އިންވެސްޓްމަންޓް ތަކަކީ އެހެން ގައުމުތަކާ ހިލާފަށް ޑޮލަރު ވަންނަ އިންވެސްޓްމަންޓް ތަކެއް. އެހެން ގޮތަކަށް ދަންނަވާ ނަމަ ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓަކީ އަޅުގަނޑުމެންގެ އިގްތިސާދަށް ވަރަށް މުހިންމު އެއްޗެއް،" މުނައްވަރު ވިދާޅުވި އެވެ.

ރާއްޖޭގެ ރިޒާވް އެއްވަރެއްގައި ހިފެހެއްޓޭނެ ކަމަށް ފިޗްގެ ރޭޓިން އިން ބުނެފައިވާއިރު، ރާއްޖޭގެ މަރުކަޒީ ބޭންކް (އެމްއެމްއޭ) އިން ވެސް ދާދިފަހުން ބުނެފައިވަނީ އެހެންނެވެ.

ބިޔަ މަޝްރޫއުތައް- ފައިދާވާނެކަމުގެ ޔަގީންކަން

ރާއްޖޭގައި މިހާރު ކުރި އަށް ގެންދާ ބިޔަ މަޝްރޫއުތަކަށް ބަލާއިރު ހުޅުމާލެ ދެވަނަ ފިޔަވައްސާއި، އެއާޕޯޓް ތަރައްގީ ކުރުންފަދަ މަޝްރޫއުތައް ހިމެނެ އެވެ. މި މަޝްރޫއުތައް ކުރިއަށް ގެންދަނީ ދިގު މުއްދަތުން ދައްކާ ލޯނުތައްވެސް ހިމަނައިގެންނެވެ. މިގޮތުން ވެލާނާ އެއާޕޯޓުގައި އެކަނި ވެސް އެއް ބިލިއަން ޑޮލަރުގެ ބިޔަ މަޝްރޫއު ހިންގަ އެވެ. މި ލޯނުތަކާއެކު ގިނަ ބަޔަކު ސުވާލު އުފައްދަ އެވެ. މީގެ ފައިދާ ކުރާނެ ހެއްޔެވެ؟ މި ފަރާތްތަކަށް ދުނިޔޭގެ އެންމެ ބޮޑު އެއް ކުންފުނިން މިވަނީ ޖަވާބުދީފަ އެވެ.

ފިނޭންސް މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި ހިންގާ ބޮޑެތި މަޝްރޫއުތަކުން އިގްތިސާދަށް ފަހުން ފައިދާކުރާނެ ކަން ފިޗްގެ ރޭޓިންއިން ޔަގީންވާނެ ކަމަށެވެ.

"ބައެއް ބޭފުޅުން ވިދާޅުވީ އެ ޕްރޮޖެކްޓްތަކުން [އެއާޕޯޓް، ބްރިޖު، ހުޅުމާލެ] އިން ލިބޭނެ ފައިދާއެއް ނެތޭ. އެކަމަކު މިއޮތީ [ފިޗްގެ ރޭޓިން] އިންޑިޕެންޑެންޓް ރިޕޯޓެއްގައި ވަރަށް ސަރީހަކޮށް ފާހަގަކޮށް އެނގެން. އެއާޕޯޓް ޕްރޮޖެކްޓް ކަމަށް ވިޔަސް، ބްރިޖް ޕްރޮޖެކްޓް ކަމަށް ވިޔަސް މި ފަދަ ބޮޑެތި ޕްރޮޖެކްޓްތަކުން ސަރުކާރުން ގެންނަ ބަދަލުތަކުގެ ސަބަބުން މުސްތަގުބަލުގައި އިގްތިސާދީ ދުވެލި ކުރިޔަށް ޖެހިގެންދާނެކަން،" މިނިސްޓަރު ވިދާޅުވި އެވެ.

ރާއްޖެ ރޭޓްކޮށް، ދުނިޔޭގެ ދެ އެޖެންސީއަކުން މިވަނީ ރޭޓިން ދީފަ އެވެ. ދެ ރިޕޯޓަށް ބަލައިލުން ވެސް އިގްތިސާދުގެ ބޮޑު މަންޒަރެއް ފެނެ އެވެ. ހާއްސަކޮށް މިނިވަން ފަރާތްތަކުން މުހިންމު ސުވާލު ތަކަށް ޖަވާބު ލިބިގެން ދިއުމަކީ އިތުރު އިތުބާރެކެވެ.