މޫސުން

ކަނޑު ދަތުރުތަކަށް ސަމާލު ވުމަށް އަންގައިފި

May 17, 2017

ރާއްޖެއަށް މޫސުން ގޯސްވުމާއެކު ވިއްސާރަކޮށް ކަނޑުތައް ގަދަވެފައިވާތީ ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވާން އެމްއެންޑީއެފުން އަންގައިފި އެވެ.

އެމްއެންޑީއެފުން ބުނީ ކަނޑުދަތުތައް ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވެ ލައިފްޖެކެޓާއި މުވާސަލާތީ ވަސީލަތްތަކާއި ދިޔަ ހިއްކާ ޕަންޕު ފަދަ ނިޒާމްތައް ޗެކް ކުރުމަށް އެދޭ ކަމަށާއި މުދާ ބަރު ކުރުމުގައި ވެސް މިންގަނޑަށް ވުރެން ބަރު ނުކުރަން އެދޭ ކަމަށެވެ.

ޑައިވިން ކުރުމާއި މޫދު ކުޅިވަރުތައް ރާވާ ހިންގާ ފަރާތްތަކުން މޫސުމަށް ސަމާލުކަންދީ މީހުންގެ ސަލާމަތާއި ރައްކާތެރިކަމަށް ބަލައި ސަލާމަތީ ގޮތުން އަޅަންޖެހޭ ހުރިހާ ފިޔަވަޅުތައް އަޅައިގެން ނޫނީ އެކަންކަން ނުކުރުމަށާއި ފަޅުތެރޭގައްޔާއި ފަޅުން ބޭރުގައި އަޅާފައިވާ އުޅަނދުފަހަރާއި ހާވާލުވެފައިވާ ފަރާތްތަކުންވެސް ބެލެހެއްޓުމުގައި ސަމާލުކަން ދިނުމަށް ވެސް އެމްއެންޑީއެފުން ވަނީ އެދިފައެވެ.

ރާއްޖެއަށް މޫސުން ގޯސްވެފައިވާއިރު މޫސުމާބެހޭ އިދާރާއިން ވަނީ ރާއްޖޭގެ މެދު އަތޮޅުތަކަށް ޔެލޯ އެލާޓް ނެރެފަ އެވެ. ކަނޑުމަތީ ހާދިސާއެއް ހިނގައިފިނަމަ ކޯސްޓްގާޑްގެ ހިލޭ ގުޅޭ ނަންބަރަކީ 191 އެވެ.