ރާއްޖެއަށް މިހާރު ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރާގައި ބައެއް ރަށްރަށަށް އުދަ އަރާފާނެ ކަމަށާއި ބައެއް ހިސާބުތަކަށް ނަގޫރޯޅި އެރުމުގެ ފުރުސަތު އޮތުމުން އެކަމަށް ވަރަށް ބޮޑަށް ސަމާލުވެ ތިބުމަށް އެދޭކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސެންޓާ (މެޓް) އިން ބުނެފި އެވެ.
"އަވަސް" އާ ވާހަކަ ދައްކަވަމުން މެޓް އޮފީހުގެ ޑިރެކްޓާ މީޓިއޮރޮލޮޖީ އަހުމަދު ރަޝީދު ވިދާޅުވީ މިދުވަސްކޮޅު ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ވެސް މޫސުން ގޯސްވެ ވިއްސާރަ ކުރާނެ ކަމަށާއި އެންމެ ބޯކޮށް ވާރޭ ވެހި، ވައި ގަދަ ވާނެ ކަމަށް ލަފާ ކުރެވެނީ ރާއްޖޭގެ މެދު އަތޮޅުތަކާއި ރާއްޖޭގެ އުތުރުގެ އަތޮޅުތަކަށް ކަމަށެވެ. އަދި ބޯކޮށް ވިއްސާރަ ވިލާ އުފެދިފައިވާ އެ ސަރަހައްދުތަކަށް ނަގޫ ރޯޅިއެއް އެރުމުގެ ފުރުސަތު އެބައޮތް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
"ނަގޫ ރޯޅި އަރާނެ ތަންތަން ލަފައެއް ނުކުރެވޭނެ، ނަމަވެސް ބޯކޮށް ވިއްސާރަ ވިލާ އުފެދިފައިވާ ސަރަހައްދުރަކަށް އެކަމުގެ ފުރުސަތު އޮވޭ، ހުރިހާ ފަރާތްތަކުން ވެސް މޫސުމަށް ސަމާލުވެގެން ތިބެން އިލްތިމާސް ކުރަން،" އަހުމަދު ވިދާޅުވި އެވެ.
އަހުމަދު އިތުރަށް ވިދާޅުވީ ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އާންމުކޮށް އުދައިގެ އަސަރު ކުރާ ރަށްރަށަށް މި ގަދައިގައި އުދަ އަރައިފާނެ ކަމަށް ލަފާަ ކުރެވޭ ކަމަށެވެ. އެހެން ނަަމަވެސް ނުރައްކާތެރި ވަރުގަދަ އުދައެއް އަދި ނުދައްކާ ކަމަށެވެ.
ރާއްޖޭގެ ބޮޑު ބަޔަކަށް ބޯކޮށް ވިއްސާރަ ކުރަމުންދާ އިރު ބައެއް ރަށްރަށުގައި ފެން ބޮޑުވެ ބައެއް ގެއްލުންތައް ލިބެމުން އެބަ ދެއެވެ. އަދި ރޭގެ ވަގުތެއްގައި އައްޑޫ އަތޮޅު ހިތަދޫއަށް ނަގޫ ރޯޅިއެއް އަރައި އެކި ވަރުގެ ގެއްލުން ވަނީ ލިބިފައެވެ.