ހަބަރު

ފްރީޓްރޭޑް އޭރިއާއެއް ގާއިމް ކުރަން ޗައިނާއިން ރާއްޖެއަށް ހުށަހަޅައިފި

ރާއްޖެއާ ގުޅިގެން ފްރީޓްރޭޑް އޭރިއާއެއް ގާއިމް ކުރަން ޗައިނާއިން ހުށަހަޅާފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.

ރާއްޖެއާ ޗައިނާއާ ދެމެދުގައި ބާއްވާ ވިޔަފާރީގެ ވާހަކަތަކުގައި ބައިވެރިވެ ވަޑައިގަތުމަށް ފުރާ ވަޑައިގަންނަވަމުން އެއާޕޯޓްގެ ވީއައިޕީ ލައުންޖުގައި ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވި ގޮތުގައި ފްރީ ޓްރޭޑް ޒޯނެއް ގާއިމް ކުރުމުގެ ގޮތުން ޗައިނާގެ ކޮމާސް މިނިސްޓްރީން ޕްރޮޕޯސަލެއް ލިބިފައިވާ ކަމަށެވެ.

"ދުނިޔޭގެ ކުރިއަރާފައިވާ ރީޖަންތައް ކަމަށްވާ ޔޫރަޕިއަން ޔޫނިއަން ކަމަށް ވީނަމަވެސް ނޫނީ އާސިއާން ރީޖަން ކަމަށް ވީނަމަވެސް މިވަނީ ބޮޑެތި ބްލޮކް ތަކެއްގެ ސިފާގައި ފްރީ ޓްރޭޑް އޭރިއާތަކެއް ގާއިމް ކުރެވިފައި. މީގެ ނަތީޖާ ވެސް ވަރަށް ޕޮޒިޓިވްކޮށް ފެންނަނީ. އަޅުގަނޑުމެންނަށް ޗައިނާއާ އެކު ފްރީ ޓްރޭޑް އޭރިއާއެއް ކޮންސެޕްޓް އެކުލަވާލުމަށް ލިބިގެން ދާނެ ވަރަށް ބޮޑު ކާމިޔާބީއެއް،" ސައީދު ވިދާޅުވި އެވެ.

އޭނަ ވިދާޅުވި ގޮތުގައި މީގެ ސަބަބުން ދެ ގައުމުގެ އިމްޕޯޓާއި އެކްސްޕޯޓް ވެސް އިތުރު ވެގެންދާނެ އެވެ.

"ޗައިނާއަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ 35 ޕަސެންޓް ހިއްސާކުރޭ. އެހެންވެ މި ދާއިރާއިންވެސް ގުޅުންތަކެއް ގާއިމް ކުރެވޭނެ. މޯލްޑިވިއަންގެ ބޯޓުވެސް ބައްލަވައި ގަތީ ޗައިނާގެ މަންޒިލް ތަކަށް ދަތުރު ކޮށްގެން ލިބުނު ކާމިޔާބީން،" ސައީދު ވިދާޅުވި އެވެ.

ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ހުސެއިން ވިދާޅުވި ގޮތުގައި ޗައިނާ ދަތުރުގައި ރާއްޖޭން އޭޝިއަން އިންފަރްސްޓަކްޗާ އިންވެސްޓްމަންޓް ބޭންކްގެ މެންބަރަކަށް ވާނެ ކަމަށެވެ. މީގެ އިތުރުން ސިލްކް ރޫޓުގައި ބައިވެރިވުމުގެ އެއްބަސްވުމުގައި ވެސް ސޮއިކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.