މޫސުން

ދިޔަމިގިލީގައި ފެންބޮޑުވެ ބައެއް ގޭގެއަށް ގެއްލުން ވެއްޖެ

May 18, 2017
1

މޫސުން ގޯސްވެ، ރާއްޖޭގެ އެކި ހިސާބުތަކަށް މިއަދު ކުރި ވިއްސާރައިގައި، ތ. ދިޔަމިގިއްޔަށް ބޯކޮށް ވާރޭ ވެހި ގޭގެއަށް ފެންވަދެ ބައެއް ގޭގެއަށް ގެއްލުން ވެއްޖެ އެވެ.

އެ ކައުންސިލުން ބުނީ އެ ރަށުގެ ހުރިހާ މަގެއްގައިހެން ފެން ބޮޑުވެ، ގޭގެއަށް ފެން ވަދެ، ، 10 ވަރަކަށް ގެއަށް ގެއްލުން ވެފައިވާ ކަމަށެވެ. އަދި ބުނީ، ގޭގޭގެ އިތުރުން، ވިޔަފާރި ކުރާތަންތަނަށް ވެސް ވެން ވަދެފައިވާ ކަމަށެވެ.

"ގޭގެ ހިފައިގެންގުޅޭ ސާމާނާއި، ފަރުނީޗަރާއި އަދި ސިމެންތި ފަދަ އިމާރާތް ކުރާ ބައެއް ސާމަނަށް ވަނީ ގެއްލުންވެފަ، ފިހާރަތަކަށް ގެނެސްފައި ހުންނަ މުދާތައް ގުދަން ކޮށްފައި ހުރި ގެއަކަށްވެސް ފެން ވަދެ، ބައެއް މުދާތަކަށްވެސް ގެއްލުންވި." ކައުންސިލުގެ އޮފިޝަލަކު ވިދާޅުވި އެވެ.

އޭނާ ބުނީ ރަށުގެ ބައެއް ހިސާބުތަކުގައި ދެ ފޫޓަށް ފެން ހެދިފައިވާ ކަމަށާއި ނަމަވެސް މިހާރު މޫދަށް އަޅާފައިވާ ހޮޅިއަކުން، ފެންގަނޑު މޫދަށް ބޭރުކޮށް، ފެންގަނޑު ވަރަށް ބޮޑަށް ހިނދިފައިވާ ކަމަށެވެ.

ދެހާސް ފަނަރަ ވަނަ އަހަރުވެސް، އެ ރަށުގައި ވަރަށް ބޮޑަށް ފެން ހެދި 30 ށް ގެއަށް ގެއްލުން ވެފައި ވެއެވެ.