ހަބަރު

21 މީހުނާއެކު ދަތުރު ކުރި ދޯންޏެއް ގިރިއަކަށް އަރައިފި

އެކާވީސް މީހުނާއެކު ދަތުރު ކުރި މަސް ދޯންޏެއް ގދ. ތިނަދޫ ކައިރީ އޮތް ގިރިއަކަށް އަރައިފި އެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުލިބި ވަނީ ސަލާމާތް ވެފައެވެ.

އެމްއެންޑީއެފް އިން ބުނީ މިރޭ ގާތްގަނޑަކަށް 9:47 އެހާކަންހާއިރު "ވަނަ ދޯނި" ތިނަދޫ ކައިރީ އޮތް ގިރިއަކަށް އެރިކަމުގެ މައުލޫމާތު ލިބުމާއެކު އެމްއެންޑީއެފްގެ ކޯސްޓްގާޑުގެ އުޅަނދެއް އެ ސަރަޙަދަށް ގޮސް ދޯނި ފުން ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

މިރޭގެ ހާދިސާގައި ދޯނިން ދަތުރު ކުރި މީހަކަށް އަނިޔާއެއް ލިބިފައިނުވި ނަމަވެސް ދޯންޏަށް އެކިވަރުގެ ގެއްލުންތަށް ލިބިފައިވެއެވެ.

ހުޅަނގު މޫސުމުގައި ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި މިއަދު ކަންނެލި ދޯންޏެއް އަޑިއަށް ގޮސް ފައިވާއިރު ހަ މީހުނާއެކު ދަތުރު ކުރަމުންދިޔަ ކޮޅުވެއްޓި އެއް ވަނީ ގެއްލިފަ އެވެ. އޭގައި ދެ ދިވެހިން ވެސް ތިއްބެވެ.މޫސުން ގޯސްވުމާ ގުޅިގެން ކަނޑު ދަތުރުފަތުރު ކުރުމުގައި ރައްކާތެރި ފިޔަވަޅުތައް އަޅައި ސަމާލުވުމަށް މޫސުމާބެހޭ އިދާރާ އާއި ސަލާމަތީ ހިދުމަތްދޭ ފަރާތްތަކުން ވަނީ އަންގާފަ އެވެ.