ރާއްޖެ ކުޅިވަރު

މަހިބަދޫ ސްޕޯޓްސް ކްލަބުން އެ ރަށު ސްކޫލްގައި ޓާފް ދަނޑެއް އަޅައިދީފި

ފުރަތަމަ ޑިވިޝަންގައި ވާދަކުރާ މަހިބަދޫ ސްޕޯޓްސް ކްލަބްގެ ފަރާތުން އެ ރަށު ސްކޫލްގައި ޓާފް ދަނޑެއް އަަޅައި، ރަސްމީކޮށް ސްކޫލް އަށް ދަނޑު އިއްޔެ ހަވާލުކޮށްފި އެވެ.

މަހިބަދޫައި ހުންނަ އދ. އަތޮޅު ތައުލީމީ މަރުކަޒުގައި މަހިބަދޫ ސްޕޯޓްސް ކްލަބް އިން ޓާފް ދަނޑު އެޅީ މިރިހި އައިލެންޑް ރިސޯޓްގެ އެހީތެރިކަމާއެކު އެވެ.

މަހިބަދޫ ސްކޫލްގައި އިއްޔެ ހަވީރު އޮތް ރަސްމިއްޔާތެއްގައި އެ ކްލަބުން ވަނީ ސްކޫލް އަށް ރަސްމީކޮށް ދަނޑު ހަވާލުކޮށްފަ އެވެ. ސްކޫލް އަށް ދަނޑު ހަވާލުކޮށްދެއްވީ ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަދި މަހިބަދޫ ސްޕޯޓްސްގެ ފައުންޑާ މެމްބަރު އަހުމަދު ތޯރިގް (ޓޮމް) އެވެ. މީގެ އިތުރުން އެފްއޭއެމްގެ އެހީތެރިކަމާއެކު، މަހިބަދޫ ސްޕޯޓްސް ކްލަބް އިން ވަނީ ސްކޫލް އަށް ބޯޅަތަކެއް ވެސް ހަދިޔާކޮށްފަ އެވެ.

ދަނޑު ރަސްމީކޮށް ހުޅުވުމުގެ ގޮތުން އިއްޔެ ވަނީ މަހިބަދޫ ސްޕޯޓްސް ކްލަބްގެ ޓީމަކާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ޓީމަކާދެމެދު މެޗެއް ކުޅެފަ އެވެ. އަދި ވަނީ އެ ރަށުގެ ސްކޫލްގެ ދަރިވަރުންގެ މެދުގައި ވެސް މެޗެއް ކުޅެވުނެވެ.

މިދިޔަ އަހަރު ފުރަތަމަ ޑިވިޝަންގައި ވާދަކުރަން ފެށި މަހިބަދޫ ސްޕޯޓްސް ކްލަބުގެ ފައުންޑަރުންނަކީ ގައުމީ ޓީމުގެ ކުރީގެ ފޯވަޑް ޓޮމް އާއި ގައުމީ ޓީމުގެ ގޯލްކީޕަރު އިމްރާން މުހައްމަދެވެ. މި ދެ ކުޅުންތެރިންނަކީ ވެސް ކުރިން މަހިބަދޫ ސްކޫލްގެ ދަރިވަރުންނެވެ. ގައުމީ ޓީމުގެ ކުޅުންތެރިން ކަމަށްވާ ހުސެއިން ނިޔާޒް މުހައްމަދު (ބޮކުރީ) އާއި އަސަދުﷲ އަބްދުﷲ އަކީ ވެސް މަހިބަދޫ އަށް ނިސްބަތްވާ ކުޅުންތެރިންނެވެ.