ވިޔަފާރީގެ މުއާމަލާތްތައް ފަސޭހަ ކުރުމުގެ ގޮތުން ޗައިނާއިން އުފެއްދުމަށް މަސައްކަތް ކުރާ ވިޔަފާރީގެ މަގު، ސިލްކް ރޫޓުގެ އެއްބަސްވުމުގައި ސޮއިކުރަން ރާއްޖޭގެ މިނިސްޓަރުންގެ ވަފުދެއް ޗައިނާ އަށް މިރޭ ފުރާވަޑައިގެންފި އެވެ.
ރާއްޖެ އާއި ޗައިނާއާ ދެމެދު ވިޔަފާރީގެ ވާހަކަތައް ބޭއްވުމަށް އެ ގައުމަށް މިރޭ ފުރާވަޑައިގެންފައިވަނީ އިކޮނޮމިކް މިނިސްޓަރު ސައީދު އާއި ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީގެ އިތުރުން ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ހުސެއިން ޝަރީފު އެވެ.
ފުރާވަޑައިގަތުމުގެ ކުރިން އެއާޕޯޓްގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ހުސެއިން ޝަރީފް ވިދާޅުވި ގޮތުގައި މި ދަތުރުގައި ސިލްކް ރޫޓުގެ އެއްބަސްވުމުގައި ރާއްޖެ އިން ޗައިނާއާ އެކު ސޮއިކުރާނެ އެވެ. ސިލްކް ރޯޑަކީ ޕޯޓްތަކާއި އެއާޕޯޓްތައް އަދި ވިޔަފާރީގެ ގުޅުންތައް ފަސޭހަވާނެ އިންފްރާސްޓްރަކްޗާތައް ގާއިމްކޮށްގެން ޗައިނާ އިން އެކި ގައުމުތަކާ އޮންނަ ވިޔަފާރީގެ މުއާމަލާތްތައް ހަރުދަނާ ކުރުމަށް އެކުލަވާލާފައިވާ މަޝްރޫއެކެވެ. އެ މަޝްރޫއަުގައި ރާއްޖެ ބައިވެރިވުމަށް އެއްބަސްވީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ޗައިނާގެ ރައީސް ޝީ ޖިންޕިން ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރޭގަ އެވެ.
"މި ދަތުރުގައި ވަރަށް މުހިންމު އެއްބަސްވުމެއްގައި އެބަ ސޮއި ކުރަން. އެއީ އެނގިވަޑައިގަންނަވާނެ ޗައިނާގެ ރައީސް ވަނީ ދައުވަތެއް ދެއްވާފަ ސިލްކް ރޫޓުގެ ތަސައްވަރުގައި ބައިވެރިވުމަށް. އެހެންވެ އިރާދަކުރެއްވިއްޔާ މި އެއްބަސްވުމުގައި އަޅުގަނޑުމެން މިދަތުރުގެ ތެރޭގައި އެބަ ސޮއިކުރަން. މިއީ ވަރަށް މުހިންމު އެއްބަސްވުމަކަށް ވެގެންދާނެ،" މުހައްމަދު ހުސެއިން ވިދާޅުވި އެވެ.
މިނިސްޓަރު ސައީދު ވިދާޅުވި ގޮތުގައި ޗައިނާއަށް ކުރާ މި ދަތުރުގައި އަންނަ އަހަރު އެ ގައުމުގައި ބާއްވާ އިންވެސްޓްމަންޓް ފޯރަމްގެ ތައްޔާރީތައް ވެސް ކުރާނެ އެވެ. އަދި ހުޅުލެ-މާލެ ބްރިޖްގެ ކަންކަމާ މެދު ވެސް މަޝްވަރާ ކުރައްވާނެ ކަމަށް ވެސް ސައީދު ވިދާޅުވި އެވެ.