ރާއްޖެ ކުޅިވަރު

ނިއު ބަލިކޮށް މާޒިޔާ ޗެރިޓީ ޝީލްޑް އުފުލާލައިފި

ސީޒަން ހުޅުވުމުގެ ގޮތުން ކުޅުނު މައިލޯ ޗެރިޓީ ޝީލްޑް މެޗުގައި މިރޭ ނިއު ރޭޑިއަންޓް އަތުން 2-0 އިން މޮޅުވެ، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އިން ފުރަތަމަ ފަހަރަށް ޗެރިޓީ ޗީލްޑް އުފުލާލައިފި އެވެ.

ފާއިތުވި ދެ އަހަރު ވެސް ޗެރިޓީ ޝީލްޑް މެޗުގައި މާޒިޔާ އަތުން މޮޅުވި ނިއުގެ ކޮޅަށް މެޗުގެ 34 ވަނަ މިނިޓުގައި ފުރަތަމަ ލަނޑު ޖެހީ މާޒިޔާގެ ސްޕެއިން ފޯވަޑް ޕަބްލޯ ރޮޑްރިގޭޒް އެވެ. މާޒިޔާގެ ކެޕްޓަން އަސަދުﷲ އަބްދުﷲ ނިއުގެ ޕެނަލްޓީ އޭރިޔާ ތެރެެއިން ބޮލުން ފޮނުވާލި ބޯޅަ ނިއުގެ ގޯލްކީޕަރު އަލީޝާ އަހުމަދޯފް ދިފާއުކުރި ނަމަވެސް، އަހުމަދޯފްގެ އަތުގައި ޖެހިފައި ނިކުތް ބޯޅަ ޕަބްލޯ ވަނީ ގޯލު ބުޑުން ގޯލުގެ ތެރެއަށް ވައްދާލައިފަ އެވެ.

ފުރަތަމަ ހާފުގައި ރަނގަޅު ކުޅުމެއް ދެއްކި މާޒިޔާ އިން ލީޑު ނެގުމުގެ ކުރިން ވެސް، އެ ޓީމުން ވަނީ ނިއުގެ ގޯލަށް ނުރައްކާތެރި ދެ ހަމަލާއެއް ފޮނުވާލައިފަ އެވެ. މެޗުގެ 22 ވަނަ މިނިޓުގައި މާޒިޔާގެ ހުސެއިން ނިޔާޒް މުހައްމަދު (ބޮކުރީ) ފޮނުވާލި ޝޮޓް ގޯލުގެ ހުރަސް ދަނޑިއަށް އަމާޒުވިއިރު، އޭގެ އިރުކޮޅެއް ފަހުން ބޮކުރީ ފޮނުވާލި ބާރު ޝޮޓެއް އަހުމަދޯފް ވަނީ ދިފާއުކޮށްފަ އެވެ.

މެޗުގެ ދެވަނަ ހާފުގައި ނިއުގެ ކުޅުން ރަނގަޅުކުރި ނަމަވެސް، މާޒިޔާގެ ގޯލަށް މާ ބޮޑު ނުރައްކަލެއް ނުކުރެވުނެވެ. ނިއުގެ ޔޫކްރޭން މިޑްފީލްޑަރު ވިލިއަމް މައްކޯ ބާރު ދެ ޝޮޓެއް ޕެނަލްޓީ އޭރިޔާ ބޭރުން ފޮނުވާލި ނަމަވެސް އެ ބޯޅަތައް ގޯލާ އަމާޒެއް ނުވި އެވެ. އިންގްލެންޑްގެ ފޯވަޑް ޑެވިޑް މޯލީ މާޒިޔާގެ ޕެނަލްޓީ އޭރިޔާ ތެރެއިން ފޮނުވާލި ޝޮޓް ދިޔައީ ބޭރަށެވެ.

މެޗުގެ އިތުރު ވަގުތުގައި މާޒިޔާ އިން އުފެއްދި ކައުންޓާ އެޓޭކެއްގައި އެ ޓީމުގެ ދެވަނަ ލަނޑު ޖެހީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދެވަނަ ހާފުގައި ކުޅެންއެރި އަހުމަދު ނާޝިދު (ނާއްޓޭ) އެވެ. ނިއުގެ އަހުމަދު ނިޔާޒް (ނިޔާ) ކައިރިން ދެމި ގަތުމަށް ފަހު ޕަބްލޯ ޕެނަލްޓީ އޭރިޔާ ތެރެއިން ތިރިތިރިން ހުރަސްކޮށްލި ބޯޅަ ނާއްޓޭ ގޯލުގެ ތެރެއަށް ފޮނުވާލިއިރު، ނިއު އަށް ލިބުނު ކޯނަރަކަށް ގޯލު ދޫކޮށް މާޒިޔާގެ ޕެނަލްޓީ އޭރިޔާ ތެރެއަށް ދިޔަ އަހުމަދޯފް އަށް ގޯލަކަށް ނޭރެ އެވެ.

ޗެރިޓީ ޝީލްްްޑް ކާމިޔާބުކުރުމުން މާޒިޔާ އަށް ލިބުނު 50،000ރ. ގެ ފައިސާ އިނާމު އެ ކްލަބުން ހަދިޔާކުރީ މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަނަށެވެ. މެޗަށް ފަހު އޮތް އިނާމު ދިނުުމުގެ ރަސްމިއްޔާތުގައި މާޒިޔާގެ ފަރާތުން އޯޓިޒަމް އެސޯސިއޭޝަނަށް ރަމްޒީ ޗެކް ހަވާލުކޮށްދެއްވީ އެ ކްލަބުގެ ޗެއާމަން އަހުމަދު ސާޖިދެވެ.