ރައީސް އަބްދުﷲ ޔާމީން

ރައީސްގެ ބަޔާން ސަމިޓުގެ ރަސްމީ ލިޔުމެއްގެ ގޮތު ހަމަޖައްސައިފި

May 23, 2017
9
  • އަމާން ކުރަން ކުރާ މަސައްކަތް ހަރުދަނާ ކުރަންޖެހޭ
  • ޓެރަރިޒަމްގެ ހުރިހާ އަމަލެއް ރާއްޖެއިން ކުށްވެރި ކުރޭ
  • އަނިޔާ އިސްކުރުމުގެ ބަދަލުގައި ވަކާލާތު ކުރަންޖެހޭ

ސަޢޫދީ ޢަރަބިއްޔާގެ ރިޔާޟްގައި މިދިޔަ އާދީއްތަ ދުވަހު ބޭއްވި ޢަރަބް އިސްލާމިކް އެމެރިކަން ސަމިޓުގެ ރަސްމީ ލިޔުމެއްގެ ގޮތުގައި، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ބަޔާނެއް ހަމަޖައްސަވައިފިއެވެ.

ޢަރަބް އިސްލާމިކް އެމެރިކަން ސަމިޓަކީ ދުނިޔެއަށް ކުރިމަތިވެފައިވާ ޓެރަރިޒަމާއި ހައްދުފަހަނަޅައިދިއުމުގެ މައްސަލައާ ދެކޮޅަށް އިސްލާމީ ޤައުމުތަކާއި އެމެރިކާއާ ގުޅިގެން މަސައްކަތް ކުރުމަށާއި، ހަމަޖެހުން ޤާއިމްކޮށް، އެއްބަޔަކު އަނެއް ބައެއްގެ ތަފާތުތަކަށް އިޙްތިރާމުކުރުން ކުރިއެރުވުމުގެ މަޤްޞަދުގައި ބޭއްވި ސަމިޓެކެވެ.

ސަމިޓުގެ ރަސްމީ ލިޔުމެއްގެ ގޮތުގައި ހަމަޖެއްސި ރައީސުލްޖުމްހޫރިއްޔާގެ ބަޔާނުގައި، އެއްބަޔަކު އަނެއް ބަޔަކަށް އިޙްތިރާމުކޮށް، ގުޅިގެން މަސައްކަތް ކުރުން ކުރިއަށް ނެރެ، އަމާންކަމާއެކީ ހުރިހާ ފަރާތްތަކުންވެސް އުޅުމަށް ކުރަމުންދާ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރުމަކީ ސަމިޓުގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ ޤައުމެއްގެ ވެރިންގެ ވެސް ޒިންމާއެއްކަން ފާހަގަ ކުރައްވާފައިވެއެވެ. އަދި، ރާއްޖެއިން ޓެރަރިޒަމްގެ ހުރިހާ އަމަލުތަކެއްވެސް ކުށްވެރިކުރާ ކަމަށާއި، ޒުވާނުން ހައްދުފަހަނަޅައި ދިއުމަށް މަގުފަހިވާ އިޖްތިމާޢީ އެކިއެކި މައްސަލަތައް ހައްލުކުރުމުގެ މުހިންމު ކަމުގެ މައްޗަށް އަލިއަޅުއްވައިލައްވާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ބަޔާނުގައި، ހައްދުފަހަނަޅާފައިވާ ފަރާތްތަކާ ދެކޮޅަށް އަނިޔާވެރިކަން އިސްކުރުމުގެ ބަދަލުގައި، އެފަދަ މައްސަލަތަކާ ދެކޮޅަށް ވަރުގަދައަށް ވަކާލާތުކުރުން މުހިންމު ކަމުގައި ވިދާޅުވެފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ބަޔާނުގައި، ޢަރަބި-މުސްލިމް ޤައުމުތަކުން މިއަދު ތިބީ، މި ބަހުސްގެ މެދުގައިކަން ހިތާމައާއެކު ފާހަގަ ކުރައްވާފައިވެއެވެ. އަދި، އިސްލާމްދީނުގެ ނަމުގައި ޓެރަރިޒަމްގެ އަމަލުތައް ހިންގަނީ، އިސްލާމްދީނުގެ ތަސައްވުރާއި، އަމަނާއި، އިޙްތިރާމާއި، ހަމަޖެހުމާއި، ތަފާތުތަކަށް ޖާގަ ދިނުމާއި، އިންސާފާއި، އެއްބައިވަންތަކަމަށް ބާރުއަޅާ، އިސްލާމު ދީނުގެ ރީތި ނަން ކިލަނބުކުރަން ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ.

ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި މިއަދު ކުރިމަތިވާ ގޮންޖެހުންތަކުގެ މައްޗަށް އަލިއަޅުއްވައިލައްވަމުން، އެކި ޤައުމުތަކުން ގުޅިގެން ރާވައި ހިންގާ ކުށްތަކުގެ ސަބަބުން އެފަދަ ކުށްތަކުގެ އަޑީގައި ތިބޭ ފަރާތްތައް ހޯދުން ދަތިކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަ ކުރައްވާފައިވެއެވެ. އެހެންކަމުން، އެކި ޤައުމުތަކުން ގުޅިގެން މިފަދަ ޖަރީމާތަކާ ބެހޭ މަޢުލޫމާތު މިހާރަށްވުރެ އިތުރަށް ހިއްސާ ކުރަންޖެހޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ. ހަމަ އެއާއެކު، ޓެރަރިޒަމާ ދެކޮޅަށް އ.ދ. އިން އަޅާ ޤަނޫނީ އަދި ދިފާއީ ފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށް، އެންމެންގެ އެއްބައިވަންތަކަން ކުރިއަށް ނެރުމަށް ރައީސުލްޖުމްހޫރިއްޔާ ގޮވާލައްވާފައިވެއެވެ.

ޢަރަބް އިސްލާމިކް އެމެރިކަން ސަމިޓުގެ ރިޔާސަތު ބެލެހެއްޓެވީ ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް-ސަޢުދެވެ. މި ސަމިޓުގައި، އިސްލާމީ ޤައުމުތަކުގެ އިސްވެރިންނާއި، އެމެރިކާގެ ރައީސް ޑޮލަންޑް ޓްރަމްޕް ބައިވެރިވެވަޑައިގެންނެވިއެވެ.