ރާއްޖޭގެ ދިވެހި ފިލްމު އިންޑަސްޓްރީގައި ވެސް އަދި މިއުޒިކީ ދާއިރާގައި ވެސް އެންމެ އުހުގައި މިހާރު ފިޔަޖަހަމުންދާ އަދި މީގެ ކުރިން އެންމެ ކުރީގައި ހަރަކާތްތެރިވި ބައެއް ތަރިންނަކީ ދިވެހި އަސްކަރިއްޔާއިން އެ ދާއިރާއަށް ނުކުތް ފަރާތްތަކެކެވެ.
ސިފައިންގޭގައި ލަވަކިޔުމުގެ ދާއިރާއަށް ނުކުންނަން ބޭނުންވެފައިތިބި ސިފައިންނަށް ފުރުސަތު ދިނުމުގެ ގޮތުންނާއި ސިފައިންގެ ހުނަރު ކުރި އެރުވުމުގެ ގޮތުން މިދިޔަ މަހުގެ 12 ވަނަ ދުވަހު އެމްއެންޑީއެފް އިން ވަނީ "ވޮއިސް އޮފް އެމްއެންޑީއެފް" ގެ ނަމުގައި ލަވަ މުބާރާތެއް ފަށާފަ އެވެ. މި މުބާރާތުގެ ގްރޭންޑް ފިނާލޭ ބާއްވާފައިވާއިރު މި މުބާރާތް ކާމިޔާބު ކޮށްފައިވަނީ ޕްރައިވެޓް އަބްދުއްރާޒިގް އެވެ. އިނާމެއްގެ ގޮތުގައި ޓްރޮފީއާއެކު އެމްއެންޑީއެފްގެ ފަރާތުން އުފައްދާ ލަވަތައް ކިޔުމުގެ ފުރުސަތު ވަނީ އޭނާ އަށް ދީފަ އެވެ.
ތިން ރައުންޑަށް ކުރިއަށް ގެންދިޔަ މި މުބާރާތުަގއި 43 ބައިވެރިން ބައިވެރިވި އެވެ. އަދި ގްރޭންޑް ފިނާލޭ އާ ހިސާބަށް ފަސް ބައިވެރިން ދަތުރު ކުރި އެވެ. މި މުބާރާތުގެ ފުރަތަމަ ރަނަރަޕަކަށް ހޮވުނީ ޕްރެޒިޑެންޝަލް ގާޑްސްގެ ލާންސް ކޯޕްރަލް ހުޒާމް ހަމީދު އެވެ. އަދ ސެކަންޑް ރަނަރަޕްގެ މަގާމު ކާމިޔާބުކުރީ ބޭންޑް އެންޑް މިއުޒިކް ވިންގުގެ ކޯޕްރަލް އަހްމަދު ޔާސިރެވެ.
މުބާރާތުގެ ގަދަ ފަސް ބައިވެރިންގެ ގޮތުގައި ގުރޭންޑް ފިނާލޭއަށް ހޮވުނު އަނެއް ދެ ބައިވެރިންނަކީ، ސްޓާފް ސާޖަންޓް އިސްމާއީލް ހަސަން އަދި ކޯޕްރަލް ނަވިން ސައީދު އެވެ.
ގްރޭންޑް ފިނާލޭގައި ރޭ ކޮންމެ ބައިވެރިޔަކު، ޓްރެކާއެކު ލަވައެއް ހުށަހެޅިއިރު، ކޮޕްސް ބޭންޑްގެ ލައިވް މިޔުޒިކާއެކު ވެސް ކޮންމެ ބައިވެރިޔަކު ލަވައެއް ހުށަހަޅާފައިވެ އެވެ،
މި މުބާރާތުގެ ޔުނިޓް ރައުންޑުން އެއްވަނަ ހޯދާފައިވަނީ ބީއެމްޑަބްލިޔު އެވެ. މި ރައުންޑްގެ ދެވަނަ ޕީޖީ ހޯދިއިރު، ތިންވަނަ މަގާމު ކާމިޔާބުކުރީ ކޯސްޓްގާޑެވެ.
މުބާރާތުގެ ޖަޖުކަން ކޮށްފައިވަނީ މޭޖާ އަހްމަދު އާތިފް އާއި، މޭޖާ އަލީ މަނިކު އަދި ފަސްޓް ލެފްޓިނެންޓް ހުސައިން އަލީ އެވެ. ގްރޭންޑް ފިނާލޭގައި ހާއްސަ ޖަޖުންގެ ގޮތުގައި މުހައްމަދު ޢަބްދުލް ގަނީ (ތޭރަވާ) އާއި ސިފައިންގެ ކޮޕްސް ބޭންޑުގައި ގިނަ ދުވަސްތަކެއް ވާންދެން މަސައްކަތް ކުރެއްވުމަށްފަހު މިހާރު ހުދުމަތުން ޝަރަފުވެރިކަމާއެކު ރިޓަޔާ ކުރައްވާފައިވާ މުހައްމަދު ސުހައިލް ބައިވެރިވެވަޑައިގެންނެވިއެވެ.
މިއި ވޮއިސް އޮފް އެމްއެންޑީއެފް ކުރިއަށް ގެންދިޔަ ފުރަތަމަ ފަހަރެވެ. ކުރިއަށް އޮތް އަހަރު ތަކުގައިވެސް މި މުބާރާތް ކުރިއަށް ގެންދަން އެމްއެންޑީއެފުން ވަނީ ނިންމާފަ އެވެ.