ކުޅިވަރު

ޒަވީގެ މަގާމު އަތުލީ ކްރޫޒް

May 25, 2017
1

ސްޕެއިންގެ ފުޓްބޯޅައިގައި، ބާސެލޯނާގެ ކުރީގެ ކެޕްޓަން، ޒަވީ ހެނާންޑޭޒް، މިޑްފީލްޑް ލައިނުން އަދާކުރި ރޯލް ފޫބެއްދުމަކީ، އުނދަގޫ ކަމެކެވެ. ނަމަވެސް، ޒަވީ ބުނީ، އޭނާގެ ރޯލް މިހާރު އަދާ ކުރަމުން ދަނީ ރެއާލް މެޑްރިޑްގައި، ޖަރުމަންގެ މިޑްފީލްޑާ ޓޯނީ ކްރޫޒް ކަމަށެވެ.

ސްޕެއިންގެ ގައުމީ ޓީމަށް، ދެ ފަހަރެއްގެ މަތިން، ޔޫރޯ އާއި ވޯލްޑްކަޕް ކާމިޔާބު ކޮށްދިނުމުގައި މުހިންމު ދައުރެއް އަދާ ކުރި، ޒަވީ ބުނީ، ސްޕެނިޝް ލީގް، ރެއާލް ކާމިޔާބު ކުރުމާއި، ޗެމްޕިއަންސް ލީގް ފައިނަލަށް، އެ ޓީމު ގެންގޮސް ދިނުމުގައި، އެންމެ މުހިންމު ދައުރެއް އަދާ ކުރީ، ކްރޫޒް ކަމަށެވެ.

"އަހަންނަށް ހީވަނީ، ރެއާލް މެޑްރިޑްގެ އިންޖީނަކީ، ކްރޫޒް ހެން، އޭނާ ކުޅޭ (ސްޓައިލް ގެ) ގޮތުން އަހަރެން ހަނދާން ވަނީ އަހަރެންގެ ކުޅުމުގެ ސްޓާއިލް ހެން، އޭނާ އަކީ، ދަނޑުގައި އަހަރެންގެ މަގާމު އަތުލި މީހާ،" ޖަރުމަންގެ 'ސްޕޯޓްސް ބިލްޑް' ނޫހަށް ދިން އިންޓަވިއުގައި، ޒަވީ ބުންޏެވެ.

ޗެމްޕިއަންސް ލީގްގައި، މިދިޔަ ދެ އަހަރުވެސް އެންމެ ގިނަ، ޕާސް އުފައްދާ ކުޅުންތެރިޔަކީ، ކްރޫޒް އެވެ. ސްޕެނިޝް ލީގްގައި ވެސް އެ ރެކޯޑް އޮތީ އެހެން ނެވެ.

ޒަވީ ބުނީ، ޗެމްޕިއަންސް ލީގް ފައިނަލުގައި، އޭނާ ހުންނާނީ ޔުވެންޓަސްގެ ކޮޅުގައި ކަމަށާއި، އެއީ ބާސެލޯނާއަށް ސަޕޯޓް ދިނުމުގެ ގޮތުން ކަމަށެވެ.

"އަހަންނަކީ، ބާސެލޯނާ މީހެއް، ޗެމްޕިއަންސް ލީގް ފައިނަލުގައި އަހަންނަށް ރެއާލްއާ އެކި ނުދެވޭނެ، ސަބަބަކީ ރެއާލް ކާމިޔާބު ކޮށްފިއްޔާ މާނައަކީ ބާސެލޯނާ އަށް ދެރައެކޭ، އެހެންވެ އަހަރެން އެދެނީ ޔުވެންޓަސް މޮޅުވުމަށް،" މިއަންނަ ހޮނިހިރު ދުވަހުގެ ރޭ ކުޅޭ ޗެމްޕިއަންސް ލީގް ފައިނަލު މެޗާ ބެހޭޣޮތުން، ޒަވީ ބުންޏެވެ.