މި އަހަރުގެ ރޯދަ މަހަށް ހަނދު ސާބިތު ކުރުމުގެ ހާއްސަ ޖަލްސާ މިރޭ ކުރިޔަށް މާލޭގައި ގެންދާނެ އެވެ. ހަނދު ސާބިތު ކުރުމުގެ ޖަލްސާ މިރޭ އިސްލާމީ މަރުކަޒުގައި ކުރިޔަށް ދާނީ 9:00 ޖަހާއިރުން ފެށިން ހަނދު ސާބިތު ކުރުމާމެދު ފަލަކީ ކޮމެޓީއަށް ގޮތެއް ނިންމެންދެނެވެ.
މިރޭ ބާއްވާ ފަލަކީ ކޮމިޓީގެ ހާއްސަ ޖަލްސާގައި މުސްލިމު ގައުމުތަކަށް ހަނދު ފެނޭތޯ ބަލާނެ އެވެ. އަދި އިސްލާމީ އެއްވެސް ގައުމަކަށް މިއަދު އިރުއޮއްސުމާ ހަމައަށް ހަނދު ފެނިފައިވޭތޯ ވެސް ވަކި ވަގުތެއް ވަންދެން ފަލަކީ ކޮމިޓީން ބަލާނެ އެވެ.
ހަނދު ސާބިތު ކުރުމަށް ހަނދު ދުށް މީހަކު ނުވަތަ ބަޔަކު ހެކިބަސް ދޭނަމަ އެކަން ކުރުމަށް ހަމަޖެހިފައިވަނީ މާލޭގައި ނަމަ މާލޭގެ ކޯޓެއްގެ ގާޒީއެއްގެ ކުރިމަތީގަ އެވެ. އަތޮޅު ތަކުގައިނަމަ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓުގެ ކުރިމަތީގަ އެވެ. މެޖިސްޓްރޭޓެއް ނެތް ރަށެއްގައި ނަމަ އެވަގުތަކު ރަށު ކައުންސިލްގެ އިދާރާ ހިންގުމާ ހަވާލުވެ ހުންނެވި އިސްވެރިޔާގެ ކުރިމަތީގަ އެވެ.