ހަބަރު

މި އީދުގައި ދިވެހިންނަށް ކަމުދިޔައީ ރާއްޖެ!

ބަންދެއް ވާއިރަށް ރާއްޖޭން ބޭރަށް ދިއުމަކީ ދިވެހިންގެ އާދަ އެކެވެ. މިގޮތުން އެންމެ އާއްމުކޮށް ދިވެހިން ގޮސް އުޅެނީ ލަންކާ އަށެވެ. ނުވަތަ އިންޑިޔާ އާއި ތައިލެންޑުގެ، ބެންކޮކަކީ އާއްމު މަންޒިލް ތަކެވެ. ނަމަވެސް މި އަހަރު ގިނަ އާއިލާތައް ފެނުނީ ރާއްޖެއިންނެވެ. މި އަހަރުގެ އީދުގައި ރާއްޖޭގެ ރީތި ރިސޯޓުތަކާއި ގެސްޓްހައުސްތައް ދިވެހިން ފުރާލައިފި އެވެ. މިއީދު ޗުއްޓީގައި ދިވެހިންނަށް ކަމުދިޔައީ ރާއްޖެ އެވެ.

"މި އަހަރު ހަމަ ބަދަލުކޮށްލީ. އަނެއްހެން ބޭހަށް ދިއުމެއް ނެތީމަ ރިސޯޓަކަށް ޖައްސާލީ،" ސަން އައިލެންޑުގައި ޗުއްޓީ ހޭދަކުރި ތިން ކުދިންގެ ބައްޕަ އެއް ކަމަށްވާ އަހުމަދު ބުމީން ބުންޏެވެ.

މުބީން ފަދަ އެތައް ބަޔަކު މި އަހަރު ރާއްޖޭގައި މަޑުކުރި އެވެ. އެކަން އެނގެނީ މި ތަންތަނުގެ އޮކިއުޕެންސީއިންނެވެ. މި ދުވަސްވަރަކީ ރާއްޖޭގެ ޓޫރިޒަމްގެ އޮފް ސީޒަން އެވެ. އެހެންވެ ގިނަ ރިސޯޓުތަކުގެ އޮކިއުޕެންސީ ހުރީ ވަރަށް ދަށުގަ އެވެ. ނަމަވެސް ގިނަ ރިސޯޓުތައް ވަނީ ދިވެހިން ފުރާލާފަ އެވެ. ހާއްސަކޮށް މާލެ ކައިރީގެ ގިނަ ރިސޯޓުތަކުން ކޮޓަރިއެއް ހޯދުމަކީ އަދިވެސް ދަތި ކަމެކެވެ. މިގޮތުން ދިވެހިން އެންމެ ގިނައިން މި އަހަރު ދަތުރުކުރި ބައެއް ރިސޯޓުތަކަށް ބަލާއިރު ސަމާ އައިލެންޑާއި ސަން އައިލެން އަދި ޕެރަޑައިސް ހިމެނެ އެވެ. މީގެ އިތުރުން ވެސް ގިނަ ރިސޯޓުތަކުން ދިވެހިންނަށް ހާއްސަ އޮފާތައް ދީފައިވެ އެވެ.

ގިނަ ރިސޯޓުތަކުގެ ޕެކޭޖުތައް ހުރީ އެވްރެޖު ގޮތެއްގައި 2،000ރ. އާއި 3،500ރ. އާ ދެމެދުގެ އަގުތަކެއްގަ އެވެ. މި ޕެކޭޖުތައް ވިއްކާފައިވަނީ ފުލްބޯޑުގަ އެވެ. މީގައި ތިން އިރުގެ ކެއުމާއި ރޫމް ޗާޖު އަދި މަސް ދަތުރު ފަދަ ކަންކަން ހިމަނާފައިވެ އެވެ.

ރަށްފުށުގެ ސާދާ ދިރިއުޅުމުގެ ތަޖުރިބާ!

މާލޭގެ އާބާދީގެ ބޮޑު ބަޔަކީ ރަށްރަށުން އައިސް ވަޒަންވެރިވެފައިވާ މީހުންނެވެ. މީގެ ތެރޭގައި ރަށަކަށް ނުދާތާ ގިނަ ދުވަސްވީ މީހުން ދިރިއުޅެ އެވެ. ހާއްސަކޮށް މާލޭގައި ދިރިއުޅެ، ކުދިން ލިބި ގިނަ ކުދިން ބޮޑު ވާއިރު ގިނަ ކުދިންނަށް "އައިލެންޑް ލައިފް" ނުވަތަ ރަށްފުށުގެ ސާދާ ދިރިއުޅުން ތަޖުރިބާ ކޮށެއް ނުލެވެ އެވެ. ނަމަވެސް މި އަހަރުގެ އީދު ޗުއްޓީގައި ގިނަ ބަޔަކު އައިލެންޑް ލައިފް ތަޖުރިބާ ކޮށްލަން އެކި ރަށްރަށް ދަތުރު ކުރި އެވެ.

ރާއްޖޭގައި އަލަށް އުފެދި، ފައްކާވަމުން އަންނަ ގެސްޓްހައުސް ޓޫރިޒަމާއެކު ރަށްފުށުގެ ދިރިއުޅުން ތަޖުރިބާކޮށްލަން ފުރުސަތު ވަނީ ތަނަވަސްވެފަ އެވެ. އެހެންވެ ރާއްޖޭގައި މިހާރު އޮޕަރޭޓް ކުރަމުން ގެންދާ 400 އެއްހާ ގެސްޓްހައުސްގެ 6،300 އަށް ވުރެ ގިނަ އެނދުގައި ތިބީ ދިވެހިންނެވެ. ދިވެހި އާއިލާ ތަކެވެ. މި ތަންތަން ވެގެން ގޮސްފައިވަނީ އައިލެންޑް ލައިފް ތަޖުރިބާ ކޮށްލަން ލިބުނު ނެތް ފަދަ ފުރުސަތަކަށެވެ. އެކަމަށް ގިނަ ގެސްޓްހައުސްތަކުން ތައްޔާރުވެ ވަނީ ދުރާލާ ޕެކޭޖުތައް ވިއްކައި ފައިދާ ނަގާފަ އެވެ. ގެސްޓްހައުސް ތަކުން ޕެކޭޖުތައް ދޫކުރީ 1،500ރ. އާއި 2،700ރ. އާ ދެމެދުގެ އަގު ތަކެއްގަ އެވެ. މިގޮތުން ގިނަ ޕެކޭޖުތަކުގައި ހުރީ "ބެޑް އެންޑް ބްރެކްފާސް" ނުވަތަ ހެނދުނު ސަޔާއި ކޮޓަރީގެ ކުލި އެކަންޏެވެ.

އިގްތިސާދީ ނަޒަރަކުން ޗުއްޓީގެ ހޭދަ!

ދިވެހިން ބޭރަށް ޗުއްޓީ ހޭދަ ކުރަން ދަނީ ދެ ސަބަބެއްގަ އެވެ. އެންމެ ބޮޑު އެއް ބޭނުމަކީ ބޭސް ފަރުވާ އެވެ. އަނެއް ކަމަކީ ރާއްޖޭގައި އެފަދަ ފުރުސަތުތައް ކުރިން ނެތުމެވެ. އެހެންވެ ބޭހަށް ދާ ދިއުމުގައި އެއްދޮނުގައި ދެބުޅި ޖަހާލާ ގޮތަށް ވިޔަފާރިވެސް ކޮށްލަނީ އެވެ. އާއްމު ނަޒަރިއްޔާތުގައި މިކަން ރަނގަޅު ނަމަވެސް މިކަމަކީ އިގްތިސާދީ ނަޒަރަކުން ބަލާއިރު ގައުމަށް ގެއްލުން ބޮޑު ކަމެކެވެ.

ރާއްޖޭގެ މަރުކަޒީ ބޭންކް މޯލްޑިވްސް މަނިތަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއޭއައި) ގައި ކޮށްފައިވާ ދިރާސާ ދައްކާ ގޮތުން ރާއްޖޭން ބޭރަށް މިދިޔަ އަހަރު ދަތުރު ކުރި މީހުންގެ 51 ޕަސެންޓް މީހުން ގޮސްފައިވަނީ ބޭސް ފަރުވާ އަށެވެ. އަދި އެވަނައަށް އުޅެނީ މަޖާކޮށްލަން ދާ ޗުއްޓީ އެވެ.

މިގޮތުން މި ސާވޭގައި ބައިވެރިވި މީހުންގެ 1،613 (36 ޕަސެންޓް މީހުން) ދަތުރުކުރީ އިންޑިޔާ އަށެވެ. އަދި 1،678 (37 ޕަސެންޓް މީހުން) ސްރީލަންކާ އަށް ދިޔައިރު 415 (ނުވަ ޕަސެންޓް މީހުން) ދިޔައީ މެލޭޝިޔާ އަށެވެ. މީގެ އިތުރުން މީގެ ތެރެ އިން 302 (ހަތް ޕަސެންޓް މީހުން) ދަތުރު ކުރީ ތައިލެންޑަށެވެ.

މި ދިރާސާ ދައްކާ ގޮތުން ސްރީލަންކާއަށް ޗުއްޓީއަށްދާ ދިވެހިން އެވްރެޖު ގޮތެއްގައި 475 ޑޮލަރު (ގާތްގަނޑަކަށް 7،309 ރުފިޔާ) ހޭދަކުރެ އެވެ. އަދި އިންޑިޔާގެ ޗުއްޓީއަށް 585 ޑޮލަރު (ގާތްގަނޑަކަށް 9،020 ރުފިޔާ) ހޭދަ ކުރެ އެވެ.

މި އަދަދު ތަކަކީ ބޮލަކަށް ޖެހޭ ވަރެވެ. މީގެ ތެރެއިން ކޮންމެ ދައުރެއްގައި އެވްރެޖު ގޮތެއްގައި ހަތަރު މީހުން ދަތުރު ކުރާނެ ކަމަށް ބެލެވެ އެވެ. މީގެ މާނައަކީ މި އަދަދު ތިން ގުނަ އިތުރުވާނެ އެވެ. އެމްއެމްއޭގެ ހިސާބުތައް ދައްކާ ގޮތުގައި 2015 ވަނަ އަހަރުގެ ޑިސެމްބަރު މަހު 16 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 246 މިލިއަން ރުފިޔާ) ގެ ޑޮލަރު ވިއްކާފައިވެ އެވެ. މީގެ ތެރެއިން 115 މިލިއަން ޑޮލަރު ދެ އަހަރު (2014-2015) ގެ ތެރޭގައި ވިއްކާފައިވަނީ ގައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސްއިންނެވެ. އެ ބޭންކުން މި ޑޮލަރު ވިއްކާފައިވަނީ ބޭރަށް ފުރާ ކޮންމެ މީހަކަށް 500 ޑޮލަރުގެ މަގުނެވެ.

ކޮންމެއަކަސް މި އަދަދުތަކަށް ބަލާއިރު ދިވެހިންގެ ޗުއްޓީ ހޭދަ އުޅެނީ ވަރަށް މަތީގައިކަން އެނގެ އެވެ. ޗުއްޓީއަށް ކުރާ ހޭދަ ދަނީ އަހަރު އަހަރަށް މަތިވަމުންކަންވެސް އެނގެ އެވެ. ނަމަވެސް މި އަހަރު މިފެނުނީ ތަފާތު ބަދަލެކެވެ. އެގޮތަކުން މިއީ ހެޔޮ ބަދަލެކެވެ.