ބޭންކް އޮފް މޯލްޑިވްސް

ބޭރަށްދާ ދިވެހިންނަށް ދެއަހަރުތެރޭ 115 މިލިއަން ޑޮލަރު ވިއްކައިފި

Aug 1, 2016
1

މި ދިޔަ ދެ އަހަރު ތެރޭ ރާއްޖެއިން ބޭރަށް ދަތުރުކުރި ދިވެހިން ޓިކެޓް ހުށަހެޅުމުން 115 މިލިއަން ޑޮލަރު ވިއްކާފައިވާ ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބުނެފި އެވެ.

އެ ބޭންކުން މިއަދު ބުނީ މިދިޔަ ޖުލައި މަހު އެކަނި ވެސް އެ ބޭންކުން 5.6 މިލިއަން ޑޮލަރު ވިއްކާފައިވާ ކަމަށާއި އެއީ ރާއްޖޭގައި ހުރި އެހެން ބޭންކުތަކުން ޓިކެޓް ހުށަހެޅުމުން ޑޮލަރު ވިއްކާ ނިސްބަތާ އަޅާބަލާއިރު ވަރަށް ބޮޑު އަދަދެއް ކަމަށެވެ. އެހެން ނަމަވެސް އެ އަދުގެ އެއްވެސް ނިސްބަތެއް ހާމަކޮށްފައެއް ނުވެއެވެ.

ރާއްޖެއިން ބޭރަށް ދަތުރު ކުރާ ދިވެހިން ޓިކެޓް ހުށަހެޅުމުން ބީއެމްއެލް އިން ޑޮލަރު ވިއްކަމުން އަންނަނީ މަރުކަޒީ ބޭންކުން ވިއްކާ އަދަދެއްގެ މައްޗަށާއި އަދި ބީއެމްއެލް އިން އެ ޚިދުމަތް އާންމުންނަށް ފޯރުކޮށްދިނުމަށް ކަނޑައަޅާ އަދަދަކާވެސް އެކުގަ އެވެ.

ބޭރަށް ދާ ދިވެހިން ޓިކެޓް ހުށަހެޅުމުން ވިއްކަނީ މީހަކަށް 500 ޑޮލަރެވެ.

ބޭނުންކުން ބުނީ ފަހަކަށް އައިސް ޑޮލަރަށް އޮތް ޑިމާންޑް އިތުރުވެ، ޓިކެޓް ހުށަހެޅުމުން ވިއްކާ ޑޮލަރުގެ އަދަދު ބޭންކަށް ވަކި ވަރެއްގައި ހިފަހައްޓަން ޖެހިފައިވާ ކަމަށާއި އަދި ޓިކެޓް ހުށަހެޅުމުން ޑޮލަރު ވިއްކުމުގެ އުސޫލުގެ ބޭނުން ނަހަމަ ގޮތުގައި ބައެއް ފަރާތްތަކުން ހިފަމުންދާކަން ވެސް ވަނީ ފާހަގަކުރެވިފައިވާ ކަމަށެވެ.

ބީއެމްއެލް ވިސާ ޑެބިޓްކާޑް ބޭނުންކޮށްގެން ރާއްޖެއިން ބޭރުގައި އޭޓީއެމް އަދި ޕީއޯއެސް މެދުވެރިކޮށް ދުވާލަކަށް 1000 ޑޮލަރުގެ މުއާމަލާތްކުރެވެ އެވެ. އަދި އެ ބޭންކުން ދަނީ ރާއްޖެއިން ބޭރުގައި ކިޔަވަން ތިބޭ ދަރިވަރުންނަށާއި ސިއްޚީ ބޭނުންތަކަށް ބޭރަށް ދާ ފަރާތްތަކަށް ބޭނުންވާ ބޭރު ފައިސާ ވެސް ހަމަޖައްސައި ދެމުންނެވެ.