ވިޔަފާރި

އީދު ޗުއްޓީގައި ދިވެހިނާއެކު ރިސޯޓުތައް ފުރާލާނެ!

Jun 22, 2017
  • މާލެ ކައިރި ރިސޯޓުތަކަށް ޑިމާންޑު ބޮޑު
  • ބައެއް ރިސޯޓުތައް ވަނީ ފުލްވެފައި
  • ބޭރަށް ދަތުރުކުރާ ދިވެހިން ވެސް ގިނަ

އޮފް ސީޒަންގައި ގިނަ ރިސޯޓުތަކުގެ ކޮޓަރިތައް ހުރީ ހުހަށެވެ. އެހެންވެ ގިނަ ރިސޯޓުތަކުން ދަނީ ދިވެހިންނަށް ހާއްސަކޮށް "އީދު ޕެކޭޖުތައް" ވިއްކަމުންނެވެ. އީދަށް ހާއްސަކޮށް ޕެކޭޖު ވިއްކަން ފެށުމާއެކު ގިނަ ރިސޯޓުތަކުގެ ބުކިންތަކާއެކު ދިވެހިން ގޮސް "ފުރާލަން" ފަށައިފި އެވެ.

ދިވެހިންނަށް ހާއްސަކޮށް ގިނަ ޕެކޭޖުތަކެއް ވިއްކާ އިނަ މޯލްޑިވްސް އިން ބުނީ މި އަހަރުވެސް ގިނަ ބަޔަކު އެ ކުންފުނި މެދުވެރިކޮށް ރިސޯޓު ހަމަޖައްސަމުންދާ ކަމަށެވެ.

އިނަ މޯލްޑިވްސްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ގިޔާސް ވިދާޅުވީ އެ ކުންފުނިން ވިއްކާ ޕެކޭޖުތަކަށް ރަނގަޅު ޑިމާންޑެއް އެބައޮތް ކަމަށާއި، އީދު ޕެކޭޖުތައް ވިއްކަން މިރޭ ވެސް އެ އޮފީސް ހުޅުވާފައި ބަހައްޓާނެ ކަމަށެވެ.

"ވަރަށް ރަނގަޅު ޑިމާންޑު. ހަމައެކަނި ރާއްޖޭގެ ރިސޯޓުތަކަށް ނޫން. ބޭރަށް ވިއްކާ ޕެކޭޖުތަކަކަށް ވެސް. އަޅުގަނޑުމެން ވިއްކާ ދުބާއީ އާއި ބެންކޮކް އަދި ސްރީލަންކާ ޕެކޭޖުތަކަށް ރަނގަޅު ޑިމާންޑެއް އޮވޭ،" އަބްދުﷲ ވިދާޅުވި އެވެ.

ދިވެހިންނަށް ހާއްސަކޮށް ޕެކޭޖު ވިއްކާ ސަން އައިލެންޑް ރިސޯޓުގެ ޖެނެރަލް މެނޭޖަރު އަބްދުﷲ މައުސޫމް "އަވަސް" އަށް ވިދާޅުވީ އެ ރިސޯޓުން ވިއްކި ޕެކޭޖުތަކަށް ބޮޑު ޑިމާންޑެއް އެބައޮތް ކަމަށެވެ. މިގޮތުން މި މަހުގެ ވަޅު އީދު ދުވަހާއި 27 ވަނަ ދުވަސް ފުލްވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ވަރަށް ރަނގަޅޭ ބުނެވޭނީ ޑިމާންޑް. ގިނަ ބަޔަކު މިހާރު ވެސް ބުކިން ހައްދަމުން ދަނީ،" ގާތްގަނޑަކަށް 400 ކޮޓަރި ހުންނަ ރިސޯޓުގެ ޖީއެމް ވިދާޅުވި އެވެ.

ސަން އައިލެންޑުން ޕެކޭޖު ވިއްކަނީ ދެ މީހަކަށް 2،000ރ. އަށެވެ. މީގެ އިތުރުން މި ޕެކޭޖުގައި އެ ރިސޯޓަށް ވައިގެ މަގުން ދަތުރު ކުރުމަށް ބޮޑު މީހަކަށް 800ރ. އަށް އަދި ކުޑަ ކުއްޖަކަށް 500ރ. އަށް ޓިކެޓު ވިއްކާނެ އެވެ.

މާލެ އަތޮޅުގެ އެހެން ރިސޯޓެއް ކަމަށްވާ ފިހާޅޮހި ރިސޯޓުގެ ޖެނެރަލް މެނޭޖު އާދަމް އިބްރާހިމް ވިދާޅުވީ އެ ރިސޯޓުގެ ޕެކޭޖުގެ ޑިމާންޑުވެސް މަތި ކަމަށެވެ. އެ ރިސޯޓުން ޕެކޭޖު ވިއްކަނީ ހުރިހާ ކެއުންތަކާ ހުރުން އަދި ރިސޯޓަށް ދިއުމުގެ ޓްރާންސްފާ ހިމަނައިގެން 2،500ރ. އަށެވެ.

"މިހާރު ވެސް ގިނަ ބަޔަކު ދަނީ ގުޅަމުން ޕެކޭޖު ނަގަން. އީދުގައި ވަރަށް ބޮޑު ޑިމާންޑެއް އަބަދު ވެސް އޮވޭ. މިދިޔަ އަހަރު ވެސް ވަރަށް ބައިވަރު ދިވެހިން އީދަށް ރިސޯޓަށް އައި،" އާދަމް ވިދާޅުވި އެވެ.

ކޮންމެ އަހަރެއްގެ ވެސް އީދު ބަންދަށް ގިނަ ބަޔަކު އާއިލާތަކާއެކު ދަތުރު ކުރެ އެވެ. މިގޮތުން ހާއްސަކޮށް ރިސޯޓު ތަކަށް ދަތުރުކުރާ މީހުން ގިނަ އެވެ.