ވިޔަފާރި

އީދަށް ރިސޯޓުތަކާއި ގެސްޓްހައުސްތައް ފުލްވެއްޖެ

Jun 13, 2018
2

އީދު ޗުއްޓީ އަށް އާއިލާ އާއި ރަހުމްތެރިންނާއެކު ކުރިންދަނީ ބޭރަށެވެ. އެކަމަކު ދިވެހިންގެ ޗުއްޓީ ޓްރެންޑަށް އައި ބަދަލާއެކު، މިހާރު ދިވެހިންގެ ގިނަ ބަޔަކު ޗުއްޓީ ހަދަނީ ރާއްޖޭގަ އެވެ. ނަތީޖާއަކީ ލޯކަލް އަށް ޕެކޭޖުތައް ނެރޭ ގިނަ ތަންތަން އަވަހަށް ފުރާލުމެވެ. މި އަހަރުގެ އީދަށް ވެސް އޮތީ ހަމަ މިގޮތަށެވެ. އީދަށް ކައިރި ރިސޯޓުތަކާއި ގެސްޓްހައުސްތައް މިހާރު ވަނީ ގާތްގަނޑަކަށް ފުލްވެފަ އެވެ.

ދިވެހިންނަށް އެންމެ ސަޅި ޕެކޭޖުތައް އަބަދު ވެސް ދޭ ވިލާ ހޮޓެލްގެ ދެ ރިސޯޓު ކަމަށްވާ ސަން އައިލެންޑާއި ޕެރަޑައިސް އައިލެންޑް ރިސޯޓު ވެސް މިހާރު ވަނީ ފުލްވެފަ އެވެ. މި ރިސޯޓުން ދޭ ޕެކޭޖުގެ އަގަގަކީ ދެ މީހަކަށް 3500ރ. އެވެ. މީގައިތިން އިރުގެ ކެއުމާއި ބައެއް ކުޅިވަރުތައް ވެސް ހިމެނެ އެވެ. މިއީ ގާތްގަނޑަކަށް 500 ކޮޓަރި އެވެ.

ވިލާ ހޮޓެލްގެ ގްރޫޕް ޖެނެރަލް މެނޭޖަރު ގައިސަރު ނަސީމް "އަވަސް" އަށް ވިދާޅުވީ ސަން އާއި ޕެރަޑައިސް ފުލްވެފައިވާ ކަމަށެވެ.

"ގިނަ ބަޔަކު މިހާރުވެސް ކޮޓަރި ނުލިބިގެން އެބަ ގުޅާ. އެކަމަކު އެއްކޮށް މިހާރު އޮތީ ފުލްވެފައި. ވަރަށް ބޮޑު ޑިމާންޑެއް އެބައޮތް،" ގައިސަރު ވިދާޅުވި އެވެ.

ބޮޑު ޑިމާންޑް މާލެ އަތޮޅަށް!

މި ދުވަސް ވަރަކީ ޓޫރިޒަމްގެ އޮފް ސީޒަނަށްވުމުން ގިނަ ރިސޯޓުތަކުން ވަނީ ލޯކަލް އަށް ހާއްސަކަން ދެމުންނެވެ. މިގޮތުން މާލެއާ ދުރުގައި ހުރި ބައެއް ރިސޯޓުތަކުން ވެސް ވަނީ ލޯކަލްސް އާއި ބޭރު މީހުންވެސް ހިމަނައިގެން އީދު ޕެކޭޖުތައް ދަނީ ވިއްކަމުންނެވެ.

އެފަދަ އެއް ރިސޯޓަކީ ޅ. އަތޮޅުގައި ހުޅުވާފައިވާ ކޮކޫން މޯލްޑިވްސް އެވެ. އެ ރިސޯޓުން އީދު ޕެކޭޖު ވިއްކަނީ ރެއަކަށް 200 ޑޮލަރަށެވެ. އަދި މި ޕެކޭޖުގައި ސީޕްލޭގައި އެ ރިސޯޓަށް ދޭ ދެ ކޮޅަށް ބޮޑު މީހަކަށް 230 ޑޮލަރު އަދި ކުޑަ ކުއްޖަކަށް 115 ޑޮލަރު ނަގަ އެވެ.

ކޮކޫ މޯލްޑިވްސްގެ އޮފިޝަލަކު ވިދާޅުވީ ޕެކޭޖު ވިއްކަން ފެށިނަމަވެސް އަދި އެހާ ޑިމާންޑެއް ނެތް ކަމަށެވެ.

"ވެދާނެ ތަންކޮޅެއް ދުރުވީމަ ކަމަށް. އަދި އެވަރަށް ޑިމާންޑެއްނެތް،" ރީތި ފަރުމާއަކަށް ހުޅުވާފައިވާ ރިސޯޓުގެ އޮފިޝަލް ވިދާޅުވި އެވެ.

އެންމެ ބާރު ބޮޑީ ގެސްޓްހައުސް ތަކަށް

ލޯކަލްސް އާ އެންމެ ފްރެންޑްލީ ވާނީ ގެސްޓްހައުސް ތަކެވެ. ސަބަބަކީ ގެސްޓްހައުސްތައް ރަށްރަށުގަ ހުރުމެވެ. އެހެންވެ ގެސްޓްހައުސްތަަކަށް ވަރަށް ބާރު ބޮޑެވެ. ގިނަ ތަންތަން ވަނީ މިހާރު ވެސް ފުލްވެފަ އެވެ. ގެސްޓްހައުސްތަކުގެ ޕެކޭޖުތައް 2800 ރުފިޔާއިން ފެށިގެން 800ރ. އާ ދެމެދުގެ އަގުތަކެއްގައި ވިއްކަ އެވެ. މި ޕެކޭޖުތަކުގައި ތިން އިރުގެ ކެއުމާއި ބައެއް ގެސްޓްހައުސްއަށް ދިނުން ވެސް ހިމެނެ އެވެ.

ދިވެހިން ގިނައިން ދާ 48 ކޮޓަރީގެ ސީޒަން ޕެރަޑައިސް ގެސްޓްހައުސްގެ މެނޭޖަރު އިމްރާން ޒާމިރު ވިދާޅުވީ މިހާރުވެސް އެ ގެސްޓްހައުސްގެ ބުކިންގެ ބޮޑު ބައި ފުލްވެފައިވާ ކަމަށެވެ.

"މި ބަދަލީ އީދަށް 100 ޕަސެންޓް ފުލްވާނެ ކަމަށް. ވަރަށް ބޮޑު ޑިމާންޑެއް އެބައޮތް ހާއްސަކޮށް ދިވެހިންގެ. ވޭތުވެދިޔަ ދެ އަހަރުވެސް އެވަރުގެ ޑިމާންޑެއް އޮވޭ،" އިމްރާމް ވިދާޅުވި އެވެ.

ވ. އަތޮޅު، ތިނަދޫގައި ހިންގާ 68 ކޮޓަރީގެ ޕުލްމެރިއާ ގެސްޓްހައުސްގެ އޮފިޝަލަކު ވިދާޅުވީ އެ ގެސްޓްހައުސްވެސް އެއްކޮށް ފުލްވެފައިވާ ކަމަށެވެ.

"ގާތްގަނޑަކަށް 100 ޕަސެންޓް ވަނީ ފުލްވެފައި. ވަރަށް ބޮޑު ޑިމާންޑެއް އެބައޮތް،" އޮފިޝަލް ވިދާޅުވި އެވެ.