ވިޔަފާރި

ބޭސް ފަރުވާއަށް ބޭރަށް ދިޔަ ދިވެހިންގެ އަދަދު ދަށްވެއްޖެ

May 17, 2017
6
  • ދަތުރުކުރި މީހުންގެ 51 ޕަސެންޓް ބޭހަށް
  • ގިނަ މީހުން ބޭހަށް ދިޔައީ އިންޑިޔާ އަށް
  • ޗުއްޓީއަށް ގިނަ މީހުންދިޔައީ ލަންކާއަށް

ބޭސް ފަރުވާ އަށް ރާއްޖޭން ބޭރަށް މިދިޔަ އަހަރު ދިޔަ ދިވެހިންގެ އަދަދު 2015 ވަނަ އަހަރާ އަޅާބަލާއިރު ދަށްވެއްޖެ އެވެ.

މަރުކަޒީ ބޭންކް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއޭއައި) ގައި ކޮށްފައިވާ ދިރާސާ ދައްކާ ގޮތުން ރާއްޖޭން ބޭރަށް މިދިޔަ އަހަރު ދަތުރު ކުރި މީހުންގެ 51 ޕަސެންޓް މީހުން ގޮސްފައިވަނީ ބޭސް ފަރުވާ އަށެވެ. ނަމަވެސް 2015 ވަނަ އަހަރު މި އަދަދު އުޅެނީ 58 ޕަސެންޓުގަ އެވެ.

އެމްއެމްއޭ އިން މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ކުރި ސާވޭގައި ޖުމްލަ 4،488 މީހުން ބައިވެރިކޮށްފައިވެ އެވެ.

ސާވޭގައި ބައިވެރިވި މީހުންގެ 1،613 (36 ޕަސެންޓް މީހުން) ދަތުރުކުރީ އިންޑިޔާ އަށެވެ. އަދި 1،678 (37 ޕަސެންޓް މީހުން) ސްރީލަންކާ އަށް ދިޔައިރު 415 (ނުވަ ޕަސެންޓް މީހުން) ދިޔައީ މެލޭޝިޔާ އަށެވެ. މީގެ އިތުރުން މީގެ ތެރެ އިން 302 (ހަތް ޕަސެންޓް މީހުން) ދަތުރު ކުރީ ތައިލެންޑަށެވެ.

ސާވޭގައި ބައިވެރި މީހުންގެ ތެރެއިން އެންމެ ގިނަ މީހުން މިދިޔަ އަހަރުވެސް ގޮސްފައިވަނީ ބޭސް ފަރުވާ އަށެވެ. ބޭސް ފަރުވާއަށް އިންޑިޔާ އަށް 2،281 (51 ޕަސެންޓް) މީހުން ގޮސްފައިވެ އެވެ. މި ސާވޭ ދައްކާ ގޮތުގައި ދެވަނައަށް އެންމެ ގިނަ މީހުން ގޮސްފައިވަނީ ޗުއްޓީ ހޭދަ ކުރާށެވެ. އެގޮތުން 1،540 (34 ޕަސެންޓް މީހުން) ދިޔައީ ޗުއްޓީ ހޭދަކުރާށެވެ.

މި ދިރާސާ ދައްކާ ގޮތުން ސްރީލަންކާ އަށް ދިޔަ ދިވެހިން އާއްމު އެގާރަ ދުވަސް އެ ގައުމުގައި ހޭދަކޮށްފައިވެ އެވެ. މީގެ ދަތުރަކަށް އެވްރެޖުކޮށް 634 ޑޮލަރު ހޭދަކޮށްފައިވެ އެވެ. އަދި ލަންކާގައި ޗުއްޓީ އަށް ހޭދަކޮށްފައިވަނީ 475 ޑޮލަރެވެ. އަދި ވިޔަފާރީގެ ބޭނުންތަކަށް 927 ޑޮލަރު ހޭދަކޮށްފައިވެ އެވެ. އަދި އިންޑިޔާގައި ބޭސް ފަރުވާ އަށް ދިޔަ މީހުން 14 ދުވަހު އެ ގައުމުގައި އުޅެފައިވާއިރު، 641 ޑޮލަރު ހޭދަކޮށްފައިވެ އެވެ. އަދި އެ ގައުމުގައި ޗުއްޓީއަށް ހަރަދުކޮށްފައިވަނީ 585 ޑޮލަރެވެ. އަދި ވިޔަފާރީގެ ބޭނުންތަކަށް ހަރަދުކުރީ 2،170 ޑޮލަރެވެ.

މަރުކަޒީ ބޭންކުން ކޮންމެ އަހަރަކުވެސް މި ދިރާސާކުރަނީ އެންމެ ގިނަ ދިވެހިން ދަތުރުކުރާ ދުވަސްވަރު ބަލާފަ އެވެ. މިދިޔަ އަހަރު މި ސާވޭ ކުރި ޑިސެމްބަރު މަހުގެ 24-30 އަށް 7،185 މީހުން ދަތުރުކޮށްފައިވެ އެވެ.