ރޯދަ މަސް

މުލަ ރޯދައަކީ ހޮނިހިރު، ރަމަޒާން މުބާރިކު!

May 25, 2017

އަންނަ ހޮނިހިރު ދުވަހަކީ މި އަހަރުގެ ބަރަކާތްތެރި ރޯދަ މަހުގެ ފުރަތަމަ ދުވަސް ކަމަށް ރަސްމީކޮށް ކަނޑައަޅައި އިއުލާންކޮށްފި އެވެ. މިރޭ އިސްލާމީ މަރުކަޒުގައި ފަލަކީ ކޮމެޓީން ބޭއްވި ހަނދު ސާބިތު ކުރުމުގެ ހާއްސަ ޖަލްސާއަށް ފަހު ނެރުނު ގަރާރުގައި ބުނެފައި ވަނީ ޝައުބާން މަހުގެ 30 ވަނަ ދުވަހަކީ މާދަމާ ކަމަށާއި ރަމަޒާން މަހުގެ އެއްވަނަ ދުވަހަކީ އަންނަ ހޮނިހިރު ދުވަސް ކަމަށެވެ.

އެގޮތަށް ނިންމާފައި ވަނީ މިރޭ ރާއްޖެ އާއި އަދި އެހެން އިސްލާމީ ގައުމަކަށް ހަނދު ފެނިފައި ނުވާތީ އާއި ރާއްޖެ އަށާއި އިސްލާމީ އެއްވެސް ގައުމަކަށް މިރޭ ހަނދު ފެނުމުގެ ފުރުސަތު ނެތް ކަމަށް ފަލަކީ ހިސާބުން ދެއްކުމުންނެވެ. މިރޭ ހަނދާބެހޭ ގަރާރު އިއްވެވީ ޝައިޚް ހަސަން ތަައުފީގެވެ. އޭނާ ވިދާޅުވީ ކާމިޔާބު ދަރުމައާއި ސަވާބުން ފުރިގެންވާ މައްސަރުގައި ހެޔޮކަންތައްތަކުގައި ހީވާގިވެ މަސްއޫލުވެ އުޅުމަށް ދިވެހި ރައްޔިތުންނަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން އިލްތިމާސްކުރާ ކަމަށެވެ.

ބަރަކާތްތެރި ރަމަޒާން މަހުގެ ހެޔޮ އެދުމާއި ތަހުނިޔާ އަރިސް ކުރަމެވެ.

ފަލަކީ އިލްމުވެސް ބުނަނީ ރޯދަވާނީ ހޮނިހިރަށް ކަމަށް

މިއަދަކީ 1438 ވަނަ އަހަރުގެ ޝައުބާން މަހުގެ 29 ވަނަ ދުވަހެވެ. ފަލަކީ ހިސާބުތަކުން ދައްކާ ގޮތުގައި މިއަދުގެ އިރު، ރާއްޖެއަށް އޮއްސޭއިރު ހަނދު ހުންނާނީ އޮއްސިފަ އެވެ. ހަނދުމަސް ފެށުމުގައި ދިވެހިރާއްޖޭގައި އަމަލުކުރާ އުސޫލަށް ބަލާއިރު، އިރު އޮއްސުމުގެ ކުރީން ހަނދު އޮއްސިއްޖެ ނަމަ އާ މަހަކަށް ހަނދު ފެނުމުގެ ފުރުސަތު ނޯންނާނެތީ، މާދަމާއަކީ ރަމަޟާން މަހުގެ ފުރަތަމަ ދުވަސްކަމުގައި ވުމުގެ ފުރުސަތެއް ދިވެހިރާއްޖެއަކަށް ނެތެވެ.

ދިވެހިރާއްޖެ އާއި، އަދި ވަރަށް ގިނަ އެހެން އިސްލާމީ ގައުމުތަކުގައި ވެސް ހަނދު މަސް ފެށިއްޖެ ކަމުގައި ބަލަނީ ހިނގަމުންދާ މަހުގެ 29 ވަނަ ދުވަހުގެ އިރު އޮއްސުމަށް ފަހު، ހަނދު ފެންމަތީގައި ހުންނާނެ ކަމަށް އިތުބާރު ހުރި ފަލަކީ ހިސާބުން ދެއްކުމާއެކު، ހަނދު ފެނިއްޖެކަން ސާބިތުވުމުންނެވެ. ނުވަތަ ހިނގަމުންދާ މަހުގެ 30 ދުވަސް ހަމަވެ، އެ ދުވަހުގެ އިރު އޮއްސުމުންނެވެ. ވަރަށް ގިނަ އިސްލާމީ ގައުމުތަކުގައި ހަނދުގެ މައްސަލަ ނިންމުމުގައި ފަލަކީ ހިސާބުގެ އެހީތެރިކަން ހޯދައެވެ. މި ގޮތުން އިތުބާރު ހުރި ފަލަކީ ހިސާބުން، އިރު އޮއްސުމުގެ ކުރީން ހަނދު އޮއްސޭކަމަށް ދައްކާ ނަމަ، އެ ގައުމުތަކުގައި އޮންނަ އުސޫލަކީ ހިނގަމުންދާ މަހުގެ 30 ދުވަސް ހަމަ ކުރުމެވެ.

ހަނދުމަސް ފެށުމުގައި، ހަމައެކަނި ފަލަކީ ގޮތުން މާރަހަ ވުމަށް ބަލާ ބައެއް ގައުމުތަކާއި މުސްލިމް ޖަމާޢަތްތަކުން އަމަލު ކުރާ އުސޫލަކީ، އެ ޤައުމަކަށް ފަޖުރުލުމުގެ ކުރީން ފަލަކީ ގޮތުން މާރަހަ ވެއްޖެ ނަމަ، ދެން އިރު އަރާ ދުވަހަކީ ހަނދު މަހުގެ ފުރަތަމަ ދުވަސް ކަމަށް ބެލުމެވެ. މި ގޮތުން ބަލާއިރު ދުނިޔެ އާއި އިރާއި ހަނދު އެއް ރޮނގަކަށް އައިސް މާރަހަވަނީ، ހުކުރު ވިލޭރޭ (މިރޭ) ރާއްޖޭ ގަޑިން މެންދަމު 00:44 ގައެވެ. އެހެންވީމާ މާރަހަ ވުމަށް ފަހު ދެން އިރު އަރާނީ ހުކުރު ދުވަހަށް ކަމަށް ވާތީ މިފަދަ ގައުމުތަކާއި ޖަމާޢަތްތަކުން ދެކޭ ގޮތުގައި ހުކުރު ދުވަހަކީ ދިވެހިރާއްޖެ ފަދަ ބައެއް ޤައުމުތަކަށް ރޯދަމަހުގެ ފުރަތަމަ ދުވަހެވެ.

އެހެން ނަމަވެސް ފާހަގަ ކޮށްލަން ޖެހެނީ މާރަހަ ވުމަށް އެކަނި ރިޢާޔަތް ކުރާ ފަރާތްތަކުގެ މެދުގައި ވެސް އުސޫލީ ތަފާތުތަކެއް ހުރި ކަމެވެ. މި ގޮތުން މިފަދަ ބައެއް ފަރާތްތަކުން ދެކެނީ މުޅި ދުނިޔެއަށް ވެސް ދުވަސް ކަނޑައެޅުމުގައި ބަލަން ޖެހޭނީ ޖީ.އެމް.ޓީގެ މެންދަމު 12 އަށް ކަމުގައެވެ. އެހެންކަމުން މިފަދަ ފަރާތްތަކުން ނިންމައިފައިވަނީ ޖީ.އެމް.ޓީން ހުކުރުވިލޭރޭގެ މެންދަމު 12 ޖެހުމުގެ ކުރީން މާރަހަ ވެއްޖެ ނަމަ ހުކުރު ދުވަހަކީ ރޯދަ މަހުގެ ފުރަތަމަ ދުވަސްކަމުގައެވެ. އަދި ޖީ.އެމް.ޓީން ހުކުރުވިލޭރޭގެ މެންދަމު 12 ޖެހުމުގެ ފަހުން މާރަހަ ވެއްޖެ ނަމަ ހޮނިހިރު ދުވަހަކީ ރޯދަ މަހުގެ ފުރަތަމަ ދުވަސްކަމުގައެވެ. ޖީ.އެމް.ޓީއަށް ބަލާއިރު މާރަހަ ވަނީ ހުކުރުވިލޭރޭ އިރުއޮއްސި 19:44 ގައެވެ. އެހެންކަމުން ޖީ.އެމް.ޓީއަށް ބަލައިގެން މާރަހަވުމަށް ރިޢާޔަތް ކުރާ ފަރާތްތަކުން ވެސް ބަލާނީ މާދަމާއަކީ ރޯދަ މަހުގެ ފުރަތަމަ ދުވަސްކަމުގައެވެ.

މާރަހަވުމަށް އެކަނި ރިޢާޔަތް ކުރާ ޖަމާޢަތްތަކާއި ޤައުމުތަކުގެ ތެރެއިން އަނެއް ބަޔަކު ދެކޭ ގޮތުގައި މުޅި ދުނިޔެއަށް ވެސް ދުވަސް ކަނޑައެޅުމުގައި ބަލަން ޖެހޭނީ ބައިނަލްއަޤްވާމީ ގޮތުން ހަފްތާގެ ދުވަސްތައް ވެސް ވަކިކޮށް ކަނޑައަޅާ ރޮނގަށެވެ. އެފަދަ ފަރާތްތަކުން ދެކޭ ގޮތުގައި ހުކުރު ނަމާދުގެ ވަގުތާއި ހޮނިހިރު ދުވަހުގެ މެންދުރުނަމާދުގެ ވަގުތު ތަފާތުކޮށް ވަކިކުރުމުގައި ރިޢާޔަތްކުރާ ރޮނގަށް މަސް ފެށުމުގައި ވެސް ރިޢާޔަތް ކުރަން ޖެހޭނެއެވެ. އެހެންކަމާއެކު މިފަދަ ފަރާތްތަކުން ނިންމައިފައިވަނީ ބައިނަލްއަޤްވާމީ ގޮތުން ހަފްތާގެ ދުވަސްތައް ވަކި ކުރާ ރޮނގަށް ރިޢާޔަތްކޮށްގެން، ދުނިޔޭގެ އެންމެ އިރުމަތީގެ ޤައުމުތަކަށް ފަޖުރުލުމުގެ ކުރީން ފަލަކީ ގޮތުން މާރަހަ ވެއްޖެ ނަމަ، ދެން އިރު އަރާ ދުވަހަކީ ހަނދު މަހުގެ ފުރަތަމަ ދުވަސް ކަމަށް ބެލުމެވެ.

މި ގޮތުން ބަލާއިރު ދުނިޔެ އާއި އިރާއި ހަނދު އެއް ރޮނގަކަށް އައިސް މާރަހަވަނީ، ދުނިޔޭގެ އެންމެ އިރުމަތީގައި ހުރި ޤައުމުތަކުގެ ނިސްބަތުން ބަލާއިރު ހުކުރުދުވަހުގެ ހެނދުނު 08:44 ގައެވެ. އެހެންވީމާ މާރަހަ ވަނީ ދުނިޔޭގެ އެންމެ އިރުމަތީގައި ހުރި ޤައުމުތަކަށް ހުކުރު ދުވަހުގެ ފަޖުރުލުމުގެ ފަހުންނެވެ. އަދި އާ ދުވަހަކަށް އިރު އެރުމުގެ ވެސް ފަހުންނެވެ. މާރަހަވުމުގެ ފަހުން ދެން ފަޖުރުލާނީ ހޮނިހިރު ދުވަހުގެއެވެ. ވީމާ މިފަދަ ގައުމުތަކާއި ޖަމާޢަތްތަކުން ކަނޑައަޅައިފައިވަނީ ހޮނިހިރު ދުވަހަކީ މި އަހަރުގެ ރޯދަމަހުގެ ފުރަތަމަ ދުވަސް ކަމަށެވެ.

ސަޢުދީ ޢަރަބިއްޔާގައި ފަލަކީ ގޮތުން ޢަމަލު ކުރާ އުޞޫލަކާއި، ހަމަލޮލުން ހަނދުބެލުމުގެ އުޞޫލަކާ އޮވެއެވެ. ފަލަކީ ގޮތުން ހަނދު ސާބިތު ކުރުމުގައި ސަޢުދީ ޢަރަބިއްޔާގައި އަމަލު ކުރާ ގޮތަކީ، އިރު އޮއްސުމުގެ ކުރީން މާރަހަ ވެފައި (އިޤްތިރާން ވެފައި)، އިރު އޮއްސުމުގެ ފަހުން ހަނދު އޮއްސޭނަމަ، އައު މަސް ފެށުނީ ކަމަށް ބެލުމެވެ. މާރަހަވަނީ މައްކާ ގަޑިން މިރޭ 22:44 ގައެވެ. އެހެންކަމުން މާރަހަވަނީ މައްކާއަށް އިރު އޮއްސުމުގެ ފަހުންނެވެ. އަދި މައްކާއަށް މިއަދުގެ އިރު އޮއްސުމުގެ ކުރީން ހަނދު އޮއްސޭނެއެވެ. ދެން އޮތީ ސަޢުދީ ޢަރަބިއްޔާގައި ހަމަލޮލުން ހަނދު ބެލުމުގެ އުޞޫލެވެ.

އެއީ އިރު އޮއްސޭއިރު ހަނދު ފެންމަތީގައި ހުންނާނެ ކަމަށް އިތުބާރު ހުރި ފަލަކީ ހިސާބުން ދައްކާ ރެއެއްގައި ހަނދު ފެނިއްޖެ ކަމަށް އަދުލުވެރި މީހަކު ހެކި ބަސް ދިނުމެވެ. މައްކާއަށް މިއަދުގެ އިރު އޮއްސުމުގެ ކުރީން ހަނދު އޮއްސޭތީ ހަމަލޮލުން ބަލައިގެން ހަނދު ސާބިތު ކުރުމުގެ އުސޫލުން ވެސް އަދި ފަލަކީ ގޮތުން ހަނދު ސާބިތު ކުރުމުގައި ސަޢުދީ ޢަރަބިއްޔާގައި ގެންގުޅޭ އުސޫލުން ވެސް މާދަމާއަކީ ރޯދަ މަހުގެ ފުރަތަމަ ދުވަސްކަމުގައި ވުމުގެ ފުރުޞަތެއް ނެތެވެ.

އެހެން ކަމުން ދިވެހިރާއްޖޭގައި ހަނދު ސާބިތު ކުރުމުގައި ޢަމަލު ކުރާ އުޞޫލާއި، ސަޢުދީ ޢަރަބިއްޔާގައި އަމަލުކުރާ ދެ އުސޫލުން ބެއްޔަސް، އަދި ގިނަ އިސްލާމީ ޖަމާޢަތްތަކާއި މުސްލިމް ގައުމުތަކުގައި އަމަލުކުރާ އުސޫލުން ބެއްޔަސް މާދަމާއަކީ މިއަހަރުގެ ޝައުބާން މަހުގެ އެންމެ ފަހު ދުވަހެވެ. އަދި 27 މެއި 2017 ވާ ހޮނިހިރު ދުވަހަކީ 1438 ވަނަ އަހަރުގެ މުލަ ރޯދަ ދުވަހެވެ. އުތުރު އެމެރިކާގެ ފިޤުހު ކައުންސިލުން ވެސް ވަނީ މިއަހަރުގެ ރޯދަ މަހުގެ ފުރަތަމަ ދުވަހަކީ ހޮނިހިރު ދުވަސް ކަމަށް އިއުލާންކޮށްފައެވެ. އަދި އޮސްޓްރޭލިޔާގެ މެލްބަންގެ ބޯޑް އޮފް އިމާމްސް އިން ވެސް ވަނީ މިއަހަރުގެ ރޯދަ މަހުގެ ފުރަތަމަ ދުވަހަކީ 27 މެއި 2017 ވާ ހޮނިހިރު ދުވަސް ކަމަށް ކަނޑައަޅައިފައެވެ.