ރައީސް މުހައްމަދު ނަޝީދު

ނަޝީދު ބައިވެރިވި އޮސްލޯ ފޯރަމްގައި އެލްޖީބީޓީ ޕްރޮމޯޓްކުރި

May 25, 2017
16

ޓެރަރިޒަމްގެ ކުށް ސާބިތުވެ ޖަލަށް ލާފައި ވަނިކޮށް ބޭސް ފަރުވާއަށް ކަމަށް ވިދާޅުވެ އިނގިރޭސި ވިލާތަށް ވަޑައިގެން ސިޔާސީ ހިމާޔަތް ހޯއްދެވި ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަރަށް ގިނަ ބައްދަލުވުންތަކާއި ފޯރަމްތަކުގައި ބައިވެރިވެ ވަޑައިގަންނަވަ އެވެ.

އެންމެ ފަހުން އެ މަނިކުފާނު ބައިވެރިވެ ވަޑައިގެންނެވީ މި މަހުގެ 22 އިން 24 އަށް ނޯވޭގެ ވެރިރަށް އޮސްލޯގައި ބޭއްވި "އޮސްލޯ ފްރީޑޮމް ފޯރަމް" ގަ އެވެ.

އެ ފޯރަމްގައި ރައީސް ނަޝީދު ތަގުރީރު ކުރެއްވީ، ޑިމޮކްރަސީ އަދި ރޫލް އޮފް ލޯއާ ބެހޭ ގޮތުންނެވެ. ރައީސް ނަޝީދު ބައިވެރިވެވަޑައިގެންނެވި އެ ފޯރަމަކީ އެލްޖީބީޓީ (ލެސްބިއަން، ގޭ، ބައި ސެކްސުއަލް، ޓްރާންސްޖެންޑާ) ރައިޓްސްއާ ގުޅޭ ގޮތުން ވާހަކަ ދައްކާފައިވާ އަދި އެކަންކަން ޕްރޮމޯޓް ކުރި އެޖެންޑާއެއް އޮތް ފޯރަމެކެވެ. އެ ފޯރަމްގައި މިފަހަރު ޕްރޮމޯޓްކުރި ކަންތަކުގެ ތެރޭގައި ވެސް އިސް ކަމެއްގެ ގޮތުގައި އެކަންކަން ހިމެނެ އެވެ.

އެލްޖީބީޓީ ރައިޓްސްއަކީ، އެއް ޖިންސުން ގުޅުން ހިންގުމާއި އަމިއްލަ ޖިންސު ބަދަލުކޮށް ހެދުމުގެ ހައްގެވެ. އެ ފޯރަމުގައި އެ ހައްގު ވަނީ ޕްރޮމޯޓްކޮށްފަ އެވެ. އޭގެ އިތުރުން އެ ފޯރަމްގެ މައުލޫތަކުގެ ތެރޭގައި، އަޅުވެތިކަމާއި ދީނީ މިނިވަންކަން ވެސް ހިމެނެ އެވެ. އަދިއިންސާނީ ހައްގާއި ކުޑަކުދިންގެ ހައްގާއި މީޑިއާގެ މިނިވަންކަން ވެސް ހިމެނެ އެވެ.

ރާއްޖޭގައި ރައީސްކަން ކުރެއްވި ބޭފުޅަކު އެފަދަ ކަމެއް ޕްރޮމޯޓްކުރި ފޯރަމެއްގައި ބައިވެރިވެވަޑައިގަތުމުން ފާޑުކިޔުންތައް ވަނީ އަމާޒުކޮށްފަ އެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ މެންބަރު އަލީ އަރީފް ވިދާޅުވީ، އެފަދަ ކަންކަން ޕްރޮމޯޓްކުރާ ފޯރަމެއްގައި ރައީސް ނަޝީދު ބައިވެރިވަޑައިގަތުމުން ހިތާމަ ކުރައްވާ ކަމަށެވެ. އަދި އެކަން ރާއްޖޭގެ މީޑިއާއިން ސަމާލު ކަމަށް ނުގެންނާތީ ކަންބޮޑުވެ ވަޑައިގަންނަވާ ކަމަށެވެ.

ރައީސް ނަޝީދު އެފަދަ ފޯރަމެއްގައި ބައިވެރިވެވަޑައިގެންނެވިއިރު ރައީސް އަބްދުﷲ ޔާމީން ވަނީ ހަމަ އެ ދުވަސްވަރު ސައުދީ އަރަބިއްޔާގައި އޮތް "އަރަބް އިސްލާމިކް އެމެރިކަން ސަމިޓް" ބައިވެރިވެވަޑައިގެންފަ އެވެ. އެ ސަމިޓަކީ ޓެރަރިޒަމާ ދެކޮޅަށް ހަނގުރާމަ ކުރުމަށްޓަކައި އަރަބި އިސްލާމީ އުއްމަތާއި އެމެރިކާ އާ ގުޅިފައިވާ އެލަޔަންސްއެއް އުފެއްދުމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ބޭއްވި ބައްދަލުވުމެކެވެ. އެ ސަމިޓްގައި އިސްލާމީ ގިނަ ލީޑަރުންނާއި އެމެރިކާގެ ރައީސް ބައިވެރިވެޑައިގެންނެވި އެވެ.