ވިޔަފާރި

ކޮންމެ ހަފްތާއަކު އުމްރާ ދަތުރެއް ލިބޭ ޕްރޮމޯޝަނެއް ދިރާގުން ފަށައިފި

ދިރާގުގެ ފަރާތުން ކޮންމެ ހަފްތާ އަކު ހިލޭ އުމްރާ ދަތުރަކާއި ސޯޝަލް މީޑިއާ އެޕްތައް ހިލޭ ބޭނުން ކުރެވޭ ބޮޑު ޕްރޮމޯޝަނެއް މިއަދު ފަށައިފި އެވެ.

ރޯދަ މަހާއި ދިމާކޮށް ދިރާގުން ފެށި ބޮޑު ޕްރޮމޯޝަނުގައި ދިރާގު ރަމަޒާން އުފާގެ ނަމުގައި ރޯދަ މަހުގެ ކޮންމެ ހަފްތާއަކު ދިރާގުގެ އެކްޓިވް ކަސްޓަމަރުންގެ ތެރެއިން ހޮވޭ ކޮންމެވެސް އެއް ކަސްޓަމަރަކަށް ހުރިހާ ހަރަދަކާއެކު ދެ މީހަކަށް އުމްރާ ދަތުރެއް ލިބިގެންދާނެ އެވެ.

އަދި ސޯޝަލް މީޑިއާގެ އެންމެ މަގުބޫލު އެޕްތަކުގެ ތެރެއިން ކޮންމެ ވެސް އެއް އެޕެއް ހިލޭ ބޭނުން ކުރެވޭ ޕްރޮމޯޝަނެއް ވެސް ވަނީ ފަށާފަ އެވެ. އެ ޕްރޮމޯޝަންގެ ދަށުން *123*8*2# އަށް ގުޅުމުން ކޮންމެ ހަފްތާއަކު ފޭސްބްކު، ޓްވިޓާ، ސްނެޕްޗެޓް، އިންސްޓަގްރާމާއި ވަޓްސްއެޕް އަދި ޕިންޓްރެސްޓް މި ހަ ސޯޝަލް މީޑިއާ އެޕްތަކުގެ ތެރެއިން ކޮންމެވެސް އެއް އެޕެއް މުޅިން ހިލޭ ބޭނުންކުރެވޭނެއެވެ. މީގެ އިތުރުން ކަސްޓަމަރުންނަށް ސޯޝަލް ޑޭޓާ ޕެކް އާއިލާ އާއި އެހެން ރަހުމަތްތެރިންނަށްވެސް ހަދިޔާ ކުރެވޭނެ އެވެ.

އަދި ދިރާގުގެ ފަރާތުން ސައިދީ އަރަބިއްޔާއަށް ގުޅުމަށް ހާއްސަ ޕރޮމޯޝަނެއް ވެސް ވަނީ ފަށާފަ އެވެ. އެ ޕްރޮމޯޝަނުގައިވެސް ބަޖެޓްކޯޑް (019) ޖަހާފަ ނަންބަރު ޖެހުމުން މިނަޓަކަށް އެންމެ 1.88 ރުފިޔާ އަށް ގުޅޭނެއެވެ އަދި އެ އޮފާ ކުރިއަށް ދާނީ 27 މޭ 2017 އިންފެށިގެން 1 ޖުލައި 2017 ގެ ނިޔަލަށް ކަމަށެވެ. އަދި ކޮންމެ ހުކުރު ދުވަހަކު ވައިބާ ހިލޭ ބޭނުން ކުރެވޭ ޕްރޮމޯޝަނެއް ވެސް ވަނީ ފަށާފައި އެވެ. ހިލޭ ވައިބާ އެކްޓިވޭޓް ކުރަން ޖެހޭނީ *123*8*1# އަށް ގުޅާލާށެވެ.

މީގެ އިތުރުން ޕްރިޕެއިޑް ކަސްޓަމަރުންނަށް އެސްއެމްއެސް މެދުވެރިކޮށް ހިލޭ ޒަކާތް ދެއްކޭނެ ގޮތް ވެސް ވަނީ ދިރާގުން ވަނީ ފަށާފައި އެވެ. އެ ހިދުމަތް ހޯދުމަށް ގުޅަން ޖެހެނީ *123*8*4# އަށެވެ. އަދި ނަމާދު ވަގުތު ހަނދާން ކޮށްދޭ ހިދުމަތް މި އަހަރު ވެސް ދިރާގުން ކުރިއަށް ގެންދަން ވަނީ ނިންމާފަ އެވެ. ކޮންމެ ނަމާދު ވަގުތެއްގެ 15 މިނިޓު ކުރިން އެސްއެމްއެސްއަކުން އެކަން އަންގައިދޭ މި ހިދުމަތް ލިބޭނީ *123*8*3#އަށް ގުޅާ ސަބްސްކްރައިބް ކުރުމުންނެވެ.