ވިލިމާލެ

ވިލިމާލޭ ހޮސްޕިޓަލުގަައި ޑަޔަލިސިސްގެ ހިދުމަތް ފަށައިފި

އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގެ ބެލުމުގެ ދަށުން ހިންގަމުން އަންނަ ވިލިމާލޭ ހޮސްޕިޓަލުގައި ޑަޔަލިސިސްގެ ހިދުމަތް މިއަދު ތައާރަފް ކޮށްފި އެވެ.

ވިލިމާލޭ ހޮސްޕިޓަލުގައި ގާއިމްކުރި ޑަޔަލަސިސް ޔުނިޓް ހުޅުއްވައި ދެއްވީ މިއަދު އެހޮސްޕިޓަލުގައި ބޭއްވި ރަސްމިއްޔާތެއްގައި ހެލްތު މިނިސްޓަރު ޢަބުދުﷲ ނާޒިމް އިބްރާހީމެވެ. އެ ރަސްމިއްޔާތުގައި އައިޖީއެމްއެޗްގެ ސީއީއޯ ބްރިގޭޑިއާ ޖެނެރަލް ރިޓަޔާޑް ފަރުހަތު ޝަހީރާއި އެ ހޮސްޕިޓަލުގެ އެކްޓިން މެޑިކަލް ޑައިރެކްޓަރު ޑރ. އަލީ ލަތީފާއި ވިލިމާލެ ހޮސްޕިޓަލުގެ ޑައިރެކްޓަރު އަހުމަދު ޒާހިރު ބައިވެރިވެވަޑައިގެންނެވިއެވެ. އަދި އެ ދެހޮސްޕިޓަލުގެ އިސް ބައެއް އެހެން ބޭފުޅުން ވެސް ބައިވެރިވަޑައިގެންނެވި އެވެ.

ވިލިމާލޭ ހޮސްޕިޓަލުގައި ގާއިމް ކުރި ޑަޔަލިސިސް ޔުނިޓުން އެއްފަހަރާ ފަރުވާ ދެވޭނީ ދެ މީހަކަށެވެ. އެ ޔުނިޓްގައި ފަރުވާ ދޭނީ އެންމެ މެޝިނަކުންނެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އައިޖީއެމްްއެޗްގެ އެކްޓިން މެޑިކަލް ޑައިރެކްޓަރު ޑރ. އަލީ ލަތީފު ވިދާޅުވީ ވިލިމާލޭ ހޮސްޕިޓަލުން މިހާރު ޑަޔަލިސިސް ހަދައިދޭނީ ހެނދުނު 8.00 އިން މެންދުރު ފަހު 1.00 އަށް ކަމަށާއި ވިލިމާލޭ ހޮސްޕިޓަލުން ފަރުވާ ހޯދާ ބަލި މީހަކު އިމަޖެންސީކޮށް ޑަޔަލިސިސް ހަދަން ޖެހިއްޖެ ނަމަ ގެންދާނީ އައިޖީއެެމްއެޗަށް ކަަމަށެވެ.

ވިލިމާލޭގައި ޑަޔަލިސިސް ސެންޓަރު ގާއިމްކުރުމާ ގުޅިގެން އައިޖީއެމް އެޗްގެ ބައެއް ޑޮކްޓަރުން އެ ހޮސްޕިޓަލުގައި މަސައްކަތް ކުރައްވާ ގޮތަށް ހަމަޖައްސަވާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހެލްތު މިނިސްޓަރު ޢަބުދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ 2013 ވަނަ އަހަރު ރައީސުލް ޖުމްހޫރިއްޔާ ޢަބުދުﷲ ޔާމީނު ރާއްޖޭގެ ރައީސް ކަމަށް ވަޑައިގެންނެވި ފަހުން މިހާ ތަނަށް ޑަޔަލިސިސްގެ ހިދުމަތަށް 45 އެނދު އިތުރު ކުރެވިފައިވާ ކަމަށެވެ.

"... މި ވޭތުވެ ދިޔަ ތިން އަހަރެއް ގާތްގަނޑަކަށް 2015، 2016 އަދި 2017 ގެ މިހައިތަނަށް އަންނަން އިރު މި ނިޒާމުގެ ތެރެއަށް މި ހަމަވެގެން އަންނަނީ 45 އެނދު މިރާއްޖޭގައި . މިއީ 250 ޕަސެންޓްގެ ކުރިއެރުމެއް،" މިނިސްޓަރު ވިދާޅުވިއެވެ.