ބޮލީވުޑް

"ތަގްސް އޮފް ހިންދުސްތާން" ގެ ޝޫޓިން ޖޫންގައި

May 31, 2017

މެގަ ސްޓާ އަމީތާބް ބައްޗަން އާއި ސުޕަސްޓާ އާމިރް ޚާން އެކުގައި ފެނިގެންދާ ފުރަތަމަ ފިލްމު "ތަގްސް އޮފް ހިންދުސްތާން" ގެ ޝޫޓިން އަންނަ މަހުގެ ފަސް ވަނަ ދުވަހު ފަށާނެ ކަމަށް ބުނެފި އެވެ.

ވިޖޭ ކްރިޝްނަ އަޗާރިޔާ ޑައިރެކްޓްކުރާ މި ފިލްމުގައި ފުރަތަމަ ޝެޑިއުލްގެ މަންޒަރުތައް ނަގަނީ ގޮނޑު ދޮށުގައެވެ. އެ މަންޒަރުތައް ނެގުމަށް ބޮޑު ދެ ނާ ވެސް މޯލްޓާގައި ބަނދެފައިވާ ކަމަށްވެ އެވެ. އެ ދެ ނަވަކީ 18 ވަނަ ގަރުނުގެ ކުރީކޮޅު ބޭނުންކޮށްފައިވާ ނާ ފަހަރު އަސްލަށް ބަލައިގެން ބަނދެފައިވާ އުޅަނދުތަކެކެވެ. މި ދެ ނާ ބަނީ މޯލްޓާގައި އިންޓަނޭޝަނަލް ކްރޫއިންގެ ބެލުމުގެ ދަށުންނެވެ.

މި ފިލްމު އުފައްދާ ކުންފުނި، ޔާޝް ރާޖް ފިލްމްސްއިން ވަނީ ހޯމަ ދުވަހު ފިލްމުގެ ލޯގޯ ވެސް ދައްކާލާފަ އެވެ.

ކެޓްރީނާ ކައިފް އާއި ފާތިމާ ސަނާ ޝައިހް ބަތަލާގެ ރޯލުން ފެނިގެންދާ މި ފިލްމު ރިލީޒް ކުރާނީ އަންނަ އަހަރުގެ ދިވާލީއާ ދިމާކޮށެވެ.

އާމިރް މީގެ ކުރިން ވަނީ "ދޫމް 3" ގައި ކެޓްރީނާ އާއެކު ފެނިގެން ގޮސްފަ އެވެ. އަދި ފާތިމާ ބޮލީވުޑަށް ނިކުމެފައިވަނީ މިދިޔަ އަަހަރު ނިކުތް "ދަންގާލް" އިން އާމިރު އާއެކު އެވެ.