ބޮލީވުޑް

ސަންޖޭ "ޓޯޓަލް ދަމާލް"' ދޫކޮށްލީ އެޑަލްޓް ކޮމެޑީއަކަށް ވާތީ

May 31, 2017

ޖަލުން މިނިވަންވެ މަޝްހޫރު އެކްޓަރު ސަންޖޭދަތު ދަނީ އެނބުރި ބޮލީވުޑަށް ނުކުންނަން ތައްޔާރުވަމުންނެވެ. އެގޮތުން ސަންޖޭ މިހާރު ވަނީ ޖަލުން މިނިވަންވި ފަހުން ރިލީޒްވާ ފުރަތަމަ ފިލްމު "ބޫމީ" ގެ ޝޫޓިން ނިންމާލާފަ އެވެ.

ސަންޖޭގެ ހަޔާތުގެ މައްޗަށް ވެސް ޑައިރެކްޓަރު ރާޖް ކުމާރު ހިރާނީ ފިލްމެއް އުފައްދަމުން އަންނައިރު، އޭނާއަށް ގިނަ ފިލްމުތަކަކުން ވަނީ ހުށަހެޅުން ލިބިފަ އެވެ. އެ ފިލްމުތަކުގެ ތެރޭގައި "ސާހެބް ބީބި އޯރް ގޭންގްސްޓާ" އާއި "ތޯރްބާޒް" އަދި އަޖޭ ދޭވްގަން އާއެކު އުފައްދާ ފިލްމެއް ހިމެނެ އެވެ. މި ތިން ފިލްމުގެ އިތުރުން ކޮމެޑީ ފިލްމު "ޓޯޓަލް ދަމާލް" ވެސް ހިމެނެ އެވެ.

ޑައިރެކްޓަރު އިންދްރަ ކުމާރުގެ ދަމާލް ފްރެންޗައިޒްގެ ތިން ވަނަ ފިލްމު "ޓޯޓަލް ދަމާލް" ސަންޖޭ ދޫކޮށްލާފައިވަނީ އެ ފިލްމަކީ އެޑަލްޓް ކޮމެޑީ އަކަށްވާތީ އެވެ. މީގެ ކުރިން މި ސިލްސިލާގެ ދެ ފިލްމުގައި ވެސް އޭނާ ފެނުނެވެ.

ޖަލުގައި ހުކުމް ތަންފީޒުކުރަން ގިނަ ދުވަސްތަކެއް ހޭދަކުރަން ޖެހުމުން ސަންޖޭއަށް އާއިލާއާއެކު ހޭދަކުރެވިފައިވަނީ ވަރަށް މަދު ވަގުތު ކޮޅެކެވެ. އެހެންކަމުން ސަންޖޭ ވަނީ ޖަލުން މިނިވަންވުމަށްފަހު އޭނާގެ ކުދިންނަށް ނުބެލޭނެ ފަދަ އެއްވެސް ފިލްމެއް ނުކުޅެން ނިންމާފަ އެވެ.

"ދަމާލް" ސިލްސިލާގެ ފުރަތަމަ ފިލްމު ރިލީޒްވެފައިވަނީ 2007 ވަނަ އަހަރު އެވެ. އަދި ދެވަނަ ފިލްމު "ޑަބަލް ދަމާލް" ރިލީޒް ވެފައިވަނީ 2011 ވަނަ އަހަރު އެވެ. މި ދެ ފިލްމުގައި ވެސް ސަންޖޭ އާއެކު ވަނީ ރިތޭޝް ދޭޝްމުކް، އަރްޝަދް ވާސީ، ޖާވެދް ޖާފްރީ އަދި އަޝީޝް ޗައުދަރީ ފެނިގެން ގޮސްފަ އެވެ.

ސަންޖޭ "ޓޯޓަލް ދަމާލް" ދޫކޮށްލާފައިވާ ކަމުގެ އަޑުތައް އެެރުމާއެކު ރިތޭޝް ވެސް މި ފިލްމު ދޫކޮށްލާފައިވާ ކަމުގެ ވާހަކަތައް އަންނަނީ ދެކެވެމުންނެވެ.

ސަންޖޭ ދެން އެންމެ އަވަހަށް ފެނިގެންދާ ފިލްމު "ބޫމީ" ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރު މަހުގެ 22 ވަނަ ދުވަހު އެވެ. މި ފިލްމުގައި ސަންޖޭ އާއެކު އޭނާގެ ދަރިފުޅުގެ ރޯލުން ފެނިގެންދާނީ އަދިތީ ރާއޯ ހައިދަރީ އެވެ.