ބޮލީވުޑް

އަހަރެއް ފަހުން އަބީޝެކް އަށް ގިނަ ފިލްމުތަކަކުން ފުރުސަތު

Jun 2, 2017

އެކްޓަރު އަބީޝެކް ބައްޗަން އެންމެފަހުން ފެނިގެން ގޮސްފައިވާ ފިލްމަކީ މިދިޔަ އަހަރުގެ ޖޫން މަހު ނިކުތް "ހައުސްފުލް 3" އިންނެވެ. ފާއިތުވި އަހަރެއްހާ ދުވަހު އަބީޝެކްގެ ފިލްމެއް ރިލީޒްވެފައިނުވާއިރު، އޭނާގެ ބޮލީވުޑްގެ އެކި ހަފްލާތަކުން ވެސް ފެންނަލެއް ވަނީ މަދުވެފަ އެވެ.

މިފަހަކަށް އައިސް އަބީޝެކްގެ ގިނަ ފިލްމުތަކެއް ފްލޮޕްވުމާއި މިދިޔަ އަހަރު އެންމެ ފިލްމެއް ރިލީޒްވުމާ އެކު އޭނާގެ ކެރިއަރު އޮތީ ވަޅުޖެހިފަ އެވެ. އެހެންކަމުން އެއްބަޔަކު ވަނީ ކައިރ ކައިރީގައި ގިނަ ފިލްމުތަކެއް ފްލޮޕްވާތީ ރަނގަޅު ސްކްރިޕްޓެއް ލިބެންދެން އަބީޝެކް ބްރޭކެއް ނެގީ ކަމަށް ބުނެފަ އެވެ. އަހަރެއްގެ ބްރޭކަކަށްފަހު އަބީޝެކް މިވަނީ ފުލުފުލުގައި ކުޅޭނެ ގިނަ ފިލްމުތަކެއް ނިންމައި ސޮއިކޮށްފަ އެވެ.

އެގޮތުން އަބީޝެކް ދެން އެންމެ އަވަހަށް ފެނިގެންދާނެ ފިލްމަކީ "ސަނަކް" އެވެ. އަބީޝެކްގެ އަމިއްލަ ޕްރޮޑަކްޝަން ކުންފުނިން އުފައްދާ މި ފިލްމުގެ ސްކްރިޕްޓް ވެސް ލިޔެފައިވަނީ އަބީޝެކް އަމިއްލަ އަށެވެ.

މި ފިލްްމުގެ ޝޫޓިން ފެށުމަށް ހަމަޖެހިފައިވަނީ ކަބައްޑީ ލީގް ނިމުމުންނެވެ. ބުނެވޭ ގޮތުގައި "ސަނަކް" ގައި އަބީޝެކް ފެނިގެންދާނީ ވަރަށް ރުޅި ގަދަ މީހެއްގެ ރޯލުންނެވެ. ކުރިއަށް ކުޅެން ހަމަޖެހިފައި ހުރި ފިލްމުތަކާ ގުޅިގެން އަބީޝެކް އެއްވެސް ވާހަކައެއް ނުދެއްކި ނަމަވެސް އޭނާގެ ގާތްފަރާތަކުން ވަނީ އެކަން ޔަގީންކޮށްދީފަ އެވެ.

މި ފިލްމުގެ އިތުރުން އަބީޝެކް އަށް ހުށަހެޅުން ލިބިފައިވާ އަނެއް ފިލްމަކީ އަންހެނުން އައިޝްވާރިޔާ އެކުގައި ކުޅެން ލިބިފައިވާ ފިލްމެކެވެ. ޑައިރެކްޓަރު އަނޫރާގް ކަޝަޔަޕްގެ "ގުލާބް ޖާމުން" ކިޔާ ފިލްމަކުން މިދެތަރިންނަށް ހުށަހެޅުން ލިބުނު ނަމަވެސް އަބީޝެކް ވަނީ ފިލްމުގެ ސްކްރިޕްޓް ކަމުނުދާތީ އެ ފިލްމު ދޫކޮށްލާފަ އެވެ.

މީގެއިތުރުން ވެސް ދެ ފިލްމަކުން އަބީޝެކް އަށް ހުށަހެޅުން ލިބި އެ ފިލްމުތައް ކުޅެން އޭނާ ވަނީ ސޮއިކޮށްފަ އެވެ. އެގޮތުން "ސަނަކް" އަށް ފަހު އަބީޝެކް ކުޅެން ފަށާނީ ޕްރަބޫދޭވާގެ "ލެފްޓީ" އެވެ. އެ ފިލްމަށް ފަހު ކުޅޭނީ ރާމް ގޯޕާލް ވަރްމާގެ "އިރޭޒް" އެވެ. އަދި އިރްފާން ޚާން އާއެކު ރޮނީ ސްކްރޫވާލާގެ ފިލްމެއް ވެސް ކުޅެން ވަނީ ހަމަޖެހިފަ އެވެ.