ރާއްޖެ ކުޅިވަރު

ނިޒާމްގެ ބަދަލުގައި އެފްއޭއެމްގެ ނޯމަލައިޒޭޝަން ކޮމެޓީ އަށް އޮއިއްޓޭ

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ހިންގުން ވަގުތީ ގޮތުން ހަވާލުކޮށްފައިވާ ނޯމަލައިޒޭޝަން ކޮމެޓީގެ މެމްބަރު މުހައްމަދު ނިޒާމްގެ ބަދަލުގައި ގައުމީ ޓީމުގެ ކުރީގެ މިޑްފީލްޑަރު މުހައްމަދު ހުސެއިން (އޮއިއްޓޭ) ނޯމަލައިޒޭޝަން ކޮމެޓީ އަށް ފީފާ އިން އައްޔަންކޮށްފި އެވެ.

ނިޒާމް ނޯމަލައިޒޭޝަން ކޮމެޓީ އިން ދުރުވީ ޓީސީ ސްޕޯޓްސް ކްލަބްގެ ހެޑް ކޯޗުކަމާ އޭނާ ހަވާލުވެފައިވާތީ އެވެ. އެފްއޭއެމް އިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވާތީ ޓީސީގެ ކޯޗުގެ މަގާމުގައި ނިޒާމް މަސައްކަތްކުރަން ފެށުމުން އެ ކޮމެޓީގެ މެމްބަރެއްގެ ގޮތުގައި ކުރަންޖެހޭ ކަންތައްތައް ކުރުމުގައި ފުށޫއެރުންތަކެއް ހުންނާނެ ކަމަށް ގަބޫލްކުރެވޭތީ، ފީފާގެ އެމަޖެންސީ ކޮމެޓީން މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން ނިޒާމްގެ ބަދަލުގައި އޮއިއްޓޭ ނޯމަލައިޒޭޝަން ކޮމެޓީ އަށް އައްޔަންކޮށްފައިވާ ކަމަށެވެ.

އެފްއޭއެމް އިން ބުނީ މިގޮތަށް ނިންމީ ނިޒާމް ވެސް މި ގޮތަށް އަމަަލުކުރުމަށް އެދިފައިވަނިކޮށް ކަމަށެވެ. އަދި ނޯމަލައިޒޭޝަން ކޮމެޓީގައި ނިޒާމް ކުރެއްވި މަސައްކަތަށް ޝުކުރު އަދާކުރާ ކަމަށެވެ.

ރާއްޖޭގެ ގައުމީ ޓީމާއެކު 2003 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ރިހި މެޑަލް ހޯދި އޮއިއްޓޭ އަކީ ރާއްޖޭގައި އުފެދުނު އެންމެ މޮޅު އެއް މިޑްފީލްޑަރެވެ. އޮއިއްޓޭ ވަނީ އޭނާގެ ކެރިއަރުގައި ނިއު ރޭޑިއަންޓް، ވީބީ އަައްޑޫ އެފްސީ އާއި ކްލަބް ވެލެންސިއާ އަދި ބީޖީ ސްޕޯޓްސް ކްލަބަށް ކުޅެފަ އެވެ. އޮއިއްޓޭ ރަސްމީކޮށް ކުޅުން ހުއްޓާލީ މިދިޔަ އަހަރެވެ.