ލައިފްސްޓައިލް

ގޯޅިގޯޅި އަޅަމުން ގޮސް ޖަންބެ ގެއްލުނީތަ؟

ޖަމްބެ: ޖަމްބެ އަދިވެސް ކޮމެޑީ ލަވައެއް ކުޅެން ބޭނުންވެފައި. -- ފޮޓޯ: އަހްމަދު ޝުރާއު | އަވަސް
0%
0%
0%

އޭރު ރާއްޖެއަކު ފިލްމެއް ނުއުފައްދަ އެވެ. ފިލްމު އުފެއްދުމާއި ފިލްމު ކުޅުމެއް ދިވެހިންގެ ތެރެއަކު ނެތެވެ. އެހެން ނަމަވެސް ހިންދީ ފިލްމުތައް ދައްކާ ސިނަމާތައް ގިނަ އެވެ. އެތަންތަނަށް ގޮސް ގިނަ ބަޔަކު ފިލްމު ބަލާވެސް އުޅުނެވެ. ފިލްމަކީ ދިވެހިން ބަލައިގަންނަ އެއްޗަކަށް އޭރުވެސް ވަނީ ވެފަ އެވެ. އެއީ 1979 އަހަރުގެ ފަހުކޮޅެވެ.

މި ދުވަސްވަރު ފިލްމު ބަލަން ގޮސް އައިސް އެ ފިލްމުތަކުގެ މީހުންނާ އެއްގޮތަށް އެކްޓް ކުރުމަކީ ޖަމްބު ހަަސަން އަފީފް (ޖަމްބެ) މެން ނިކަން ފޯރީގައި ކޮށް އުޅުނު ކަމެކެވެ. އެ މީހުން އެކުރާ ކަންތައް އެހެން މީހުންނަށް ދައްކާލަންވެސް ނިކަން ބޮޑަށް ބޭނުންވެ އެވެ. އެހެން ނަމަވެސް އެއީ މާ ތަނަވަސް ޒަމާނަކަށް ނުވެފައި ފިލްމު ހެދުމަކީ ދިވެހިން ކޮށް އުޅުނު ކަމެއް ނޫންވީމަ ފިލްމެއް ހެދުންވީ ބޮޑު ކަމަކަށެވެ. ކެމެރާއެއް ގެންގުޅޭ މީހުންވެސް މަދުވުމާ އެކުގަ އެވެ.

ކެމެރާއެއް ހޯދަން ކުރެވުނު އެތައް މަސައްކަތަކަށްފަހު ޖަމްބެ މެންނަށް އެންމެ ފުރަތަމަ ކެމެރާއެއްގެ ކުރިމަތީ ކުޅެލަން ލިބުނީ ލަވަ އެކެވެ. ގޮއިދޫ ރަހުމާއާއެކު ޖަމްބެ އެކްޓް ކުރީ "ނޫރޭ ވިދީ މޫނުން ރޯޝަން އުޖާލާ،" އަށެވެ. ސަލްޓަން ޕާކުގައި ނަގާފައިވާ އެލަވަ ވީޑިއޯ ކޮށްދިނީ ޝަރީފް އެވެ. އެއީ ރާއްޖޭގެ އުފެއްދި ފުރަތަމަ ވީޑިއޯ ލަވަ ކަމަށް ޖަމްބެ ބުންޏެވެ. އެހެން ނަމަވެސް ސިނަމާގައި އެޅުވުމުގެ ކުރިން ލަވަ ލީކުވުމާ ގުޅިގެން ޝަރީފާއެކު ފިލްމު ހެދުމުގެ ވިސްނުން ޖަމްބެމެން ދޫކޮށްލީ އެވެ. އޭރުވަނީ ފިލްމު އުފައްދަން ބްރޯންސް މޫވީ ސޮސައިޓީ ކިޔާ ޖަމިއްޔާއެއް ވެސް އުފައްދާފަ އެވެ.

އެއަށްފަހު ފުރަތަމަ ދިވެހި ފިލްމެއް ޖަމްބެމެން އުފެއްދީ އޭރުގެ ހެލްތު މިނިސްޓަރު ބޮޑުފެންވަޅުގޭ މުސްތަފާ ހުސެންއާ އެކުގަ އެވެ. މުސްތަފާގެ ކެމެރާއެއް ބޭނުން ކޮށްގެންނެވެ. ބަދަލެއްގެ ގޮތުގައި މުސްތަފާއަށް ފިލްމެއް ކުޅެދޭ ގޮތަށެވެ. "ތިން ފިޔަވަޅު" ގެ ނަމުގައި އުފެއްދި އެ ފިލްމު އޭރުގެ އޯޑިއަންސަށް ވަރަށް ބޮޑަށް ކަމުދިޔަ އެވެ. އެއަށް ފަހު އުފެއްދީ "ކޮޕީ" ނަމަކަށް ކިޔާ ފިލްމެކެވެ. އެދުވަސްވަރު ޓީވީއެމް އިން ވެސް "އޯކިޑް އޭނާގެ މާ" ނަމުގައި ފިލްމެއް އުފައްދާ ފިލްމު އިންޑަސްޓްރީ ހިންގުވާލީ އެވެ.

ޖަމްބެ އަވަސް އަށް އިންޓަވިއު ދެނީ. -- ފޮޓޯ: އަހްމަދު ޝުރާއު | އަވަސް

"އެންމެ ފުރަތަމަ އަޅުގަނޑުމެން އުފެއްދި ފިލްމުގައި ލީޑް ރޯލު ކުޅުނީ އަޅުގަނޑު، ފުރަތަމަ ދިވެހި ފިލްމުގައި ލީޑް ރޯލު ކުޅުނު މީހަކީ އަޅުގަނޑު. އޭރު ނޭނގެ މީ ތާރީހުގެ ތެރެއަށް ދާނެ ވަރުގެ ކަމެއް ކަން. އެ ފިލްމަކީ މާލެއަށް ކިޔަވަން އަންނަ ރާއްޖެތެރޭ އަންހެން ކުއްޖަކާ، އެކުއްޖާ ހުންނަ ގޭގެ ފިރިހެން ކުއްޖަކާ ދެމެދު އުފެދޭ ލޯބީގެ ކުޅިގަނޑެއް ފެންނަ ފިލްމެއް، އޭރު ވަރަށް އާންމުކަމެއް ރަށްރަށުން ކުދިން އައިސް މާލޭގެ ގޭގޭގަ މަސައްކަތް ކޮށްދީގެން ކިޔެވުމަކީ ޖަމްބެ ބުންޏެވެ.

ނަވާރަ ސަތޭކަ އައްޑިހަ ދެ ވަނަ އަހަރު އުފެއްދި އެ ފިިލްމާއެކު ފިލްމީ ދާއިރާ އުފައްދާ 32 އަހަރު އެ ދާއިރާއަށް ޖަމްބެ ހިދުމަތް ކުރި އެވެ. ތިރީހަށް ވުރެ ގިނަ ފިލްމު ކުޅުނު އިރު އެތައް ލަވައެއްވެސް ކުޅުނެވެ. ޖަމްބެގެ މަޝްހޫރު ފިލްމު ތަކުގެ ތެރޭގައި ހުރަސް، ދެވަނަ އަނބި، ޑައިރީ، އެންމެ ފަހު ދުވަސް، ބައިވެރިޔާ ހިމެނެ އެވެ. އެންމެ މަގުބޫލު ލަވަތަކުގެ ތެރޭގައި "ގޯޅިގޯޅި ކަންމަތިން"، "މިއީ ބުނާ ނަދުރޭ" ހިމެނެ އެވެ. އެންމެ ބޮޑަށް ހިންހަމަ ޖެހި އެންމެ ގިނަ ބަޔަކަށް ޖަމްބެ އެނގި އޭނާގެ ފޭން ބޭސް އިތުރުވެގެން ދިޔައީ ޓީވީއެމް އިން ގެނެސްދިން 78 އެޕިސޯޑުގެ ކައްތިރި ޑްރާމާ އިންނެވެ.

"އެންމެ ފުރަތަމަ ފިލްމު ކުޅުނުއިރު އަޅުގަނޑުމެން ޑަައިލޮގްވެސް ކިޔަނީ ދެން ފާޑަކަށް ދަމާލާފައި. އަސްލު ވާހަކަ ދައްކާއިރު މި ބޭނުންކުރާ ރާގަކަށްވެސް ނޫން، ބޯ ހޭވިދާނެތީ ކަރަށް ނާރެއް އަރައިގެން އުޅޭ މީހެއްހެން އިންނާނީ ވެސް. އޭރު ދެން ނޭނގޭތީ އެހެން ވަނީ، އެކަމަކު ކައްތިރި އާ ހަމައަށް އައިއިރު ވަރަށް ބޮޑަށް އިމްޕްރޫވް ވި، އޭގެ ކޮންމެ އެޕިސޯޑެއް ނަގާފައި އަޅުގަނޑު ބަލަން އޭއްޗެހި. ހެދިފައި ހުންނަ މިސްޓޭކްސް ފާހަގަކުރަނީ. ދެން ބޭރުގެ އެއްޗެއްސަށް ބަލާފައި ދަސްކުރަނީ މީއޭ ރަނގަޅު ކުރަން ޖެހޭ ކަންތައްތައް، އަމީތާބު ބައްޗަން ބުނެފައި އިންނާނެ އެކްޓް ކުރުން ރަނގަޅުކުރަން ބޭނުންވަންޏާ ގިނަ މީހުން އުޅޭތަންތަނަށް ގޮސް މީހުން އުޅޭގޮތް ބަލާށޭ، އެގޮތަށް ރަނގަޅު ކުރަމުން ކުރަމުން އައިސް އެންމެ ފަހު ހިސާބަށް އައި އިރު ވަރަށް ބޮޑަށް ރަނގަޅުކޮށްފައި އިންނާނީ، އެއްވެސް މީހަކު ކޮޕީ ކުރާކަށް އަޅުގަނޑު ނުވިސްނަން. ކޮޕީ ކޮށްގެން އަޅުގަނޑަށް އެނގޭ ލަނޑުކަން ލިބޭނީ" ޖަމްބެ ކިޔައިދިނެވެ.

"އަޅުގަނޑު ބަލަނީ ނެޗުރަލްކޮށް ދައްކަން، އަޅުގަނޑު އެކަން ކުރާއިރު ކެމެރާއެއް ނުހުންނާނެ. އެއީ ނެތް އެއްޗެއް. އެކަހަލަ ކަމެއް ނަގާއިރު ބަލަނީ އަސްލަށް ކުރެވޭތޯ، އެހެންވެ އެކަހަލަ ތަންތަނަށް ގޮސް މީހުން އުޅޭގޮތް ބަލަންވީ، މިސާލަކަށް ބާޒާރުގައި ކާށި މަށަން އިންނަ މީހެއް ވެއްޖެޔާ ކެމެރާއެއް ނުހުންނާނެ، އނާ ދިރިއުޅުމަށް ކުރާ މަސައްކަތް އެއީ، އަސްލު ފެންނާނެ،"

ޖަމްބެ އެންމެ ބޮޑަށް ކުޅެން ބޭނުންވަނީ އާންމު ދިރިއުޅުމާ ގުޅޭކަހަލަ ފިލްމު ނުވަތަ ޑްރާމާ އެވެ. ކައްތިރި އާ ދޭތެރޭ އެންމެ ހިންހަމަޖެހުނު ސަބަބަކީވެސް އެއީ އެވެ. ކައްތިރި އަކީ ފިލްމީ ދާއިރާގައި ޖަމްބެ ކޮޅަށް ނަގައިދިން "ކައްތިރި" އެވެ.

ދިވެހި ފިލްމީ ދާއިރާގެ އެންމެ އުހަށް ފިޔަޖެހުމަށްފަހު ޖަމްބެ ފިލްމީ ދާއިރާއިން ގެއްލުނީ އެވެ.

މިހާރު ކޮބާ؟

ފިލްމީ ދާއިރާއިން ގެއްލުމަށްފަހު ދެން ޖަމްބެ ފެނުނީ ސިޔާސީ ދާއިރާ އިންނެވެ. މާލޭ ސިޓީ ކައުންސިލްގެ މެމްބަރެއްގެ ގޮތުގަ އެވެ. ކައުންސިލަރުކަން ލިބުނީމައަށް ވުރެވެސް ޖަމްބެ އުފާވީ އެވަޒީފާގައި މިސްކިތްތައް ބަލަހައްޓަން ޖަމްބެއަށް ލިބުނީމަ އެވެ. އެވަރުގެ އުފާވެރިކަމެއް ނުލިބެ އެވެ.

"ކައުންސިލަރުކަން ލިބުނީމަވެސް ނުވޭ އެހާ އުފަލެއް، އެންމެ އުފާވީ މިސްކިތްތައް ބަލަހައްޓަން ލިބުނީމަ، 38 މިސްކިތް އަޅުގަނޑު ބެލެހެއްޓިން އިމާމުންނާ އެކީ..."

"ފިލްމީ ދާއިރީއިން ދުރުވީ އަސްލު ނަމާދުތައް މިސްވާތީވެ. ޝޫޓިންތަކުގައި އެހެން އުޅޭއިރު ބަންގި ގޮވިޔަސް މޭކަޕްތަކާއި އެއްޗެހި ފިލުވާފައި ނަމާދުކުރަން ދާންވީމަ ޕްރޮޑިއުސަރުންނާ ޑައިރެކްޓަރުން ހިންހަމަނުޖެހިދާނެތީވެ ދާން ބޭނުންނުވަނީ، އެހެން އުޅޭއިރު ނަމާދުތައް ނުކުރެވޭ ގޮތްވަނީ، ނަމާދު އަޅާފައި އެކަން ކުރާކަށް ބޭނުމެއް ނޫން، އެއީ ފިލްމެއް ކުޅެގެން އާހިރަތް އަތެއް ނުވާނެ. ދުނިޔޭގައި އުޅެފައި އާހިރަތް އަތުނުވާ މީހަކީ ވަރަށް ބޮޑު މޮޔައެއް، އަޅުގަނޑަށް އުފާކޮށްލަން ފިލްމުވެސް ކުޅެވިއްޖެ،"

ފިލްމީ ދާއިރާއަށް އެތައް ދުވަހެއް ވަންދެން ހިދުމަތް ކުރި ނަމަވެސް އެއްވެސް އެވޯޑެއް ޖަމްބެއަށް ލިބިފައެއް ނުވެ އެވެ. އެހެންނަމަވެސް އެންމެ ގިނަ ރިކޯޑް އޮތް ފަރާތަކަށް ޖަމްބެ ވާނެ އެވެ. އޭގެ ތެރޭގައި އެންމެ ފުރަަތަމަ ދިވެހި ފިލްމެއް ކުޅުނު ރެކޯޑާއި، އެންމެ ގިނައިން ބޭރު ގައުމުތަކުގައި ފިލްމުކުޅުމުގެ ރެކޯޑް އަދި ބޭރުގެ ޑައިރެކްޓަރުންނާއެކު މަސައްކަތް ކުރިކަމުގެ ރެކޯޑް ހިމެނެ އެވެ. ނަމަވެސް ދާދިފަހުން ދިވެހި ފިލްމު އިންޑަސްްޓްރީގައި މަސައްކަތް ކުރަމުންދާ ޒުވާނުންކޮޅެއް ވަނީ ފިލްމީ ދާއިރާއަށް ޖަމްބެ ކޮށްދިން ހިދުމަތްތައް އަގުވަޒަން ކުުރުމުގެ ގޮތުން އެވޯޑެއް ދީފަ އެވެ.

"އަޅުގަނޑު އެއްވެސް އިރެއްގައި ބޭނުމެއް ނުވޭ ބައްޕައެއްގެ ރޯލް ކުޅޭ ހިސާބަށް ދަންދެން ފިލްމު ކުޅޭކަށް. އެކަމަކު ނުދަންނަވާނަން ކުރިއަށް އޮތްތަނުގައި ނުފެންނާނެ އެކޭވެސް. ފަހަރެއްގައި އެބަ ހިތަށް އަރާ ކޮމެޑީ ލަވައެއް ކަހަލަ އެއްޗެއް ކުޅެލަންވެސް"

"މިހާރު ފިލްމީ ދާއިރާގައި އުޅޭ ކުދިންނަށް ޖަމްބެ ބުނެލަން ބޭނުމީ ދިރިއުޅުމަށް މަސައްކަތް ކުރަމުން ފިލްމު ކުޅޭށޭ. އަޅުގަނޑުމެންވެސް ފިލްމު ކުޅުނީ އެގޮތަށް، އެއީ ފިލްމު ކުޅެގެން މުއްސަނދި މީހަކަށް ނުވެވޭނެ މި ރާއްޖެއަކު." ޖަމްބެ ބުންޏެވެ.

އޭރުގެ އެއް ދުވަހާއި މިހާރުގެ ޖަމްބެގެ އެއް ދުވަހާ ވަރަށް ތަފާތެވެ. ކުރީގައި އަތްވަށް ނުނުކުމެ ވީހާވެސް ބޮޑަށް ހަށިގަނޑަށް ބަލައިގެން އުޅެން ޖަމްބެ އިސްކަން ދިނެވެ. ޖިމަށް ގޮސް އެންމެ ރަނގަޅު ޑައިޓް ޕްލޭނެއްވެސް ގެންގުޅުނެވެ. އެހެން ނަމަވެސް މިއަދު އެކަންކަމަށް ޖަމްބެގެ މާބޮޑު ސަމާލުކަމެއް ނެތެވެ. އެކަމަކު މިހާރުވެސް ފެންނަނީ ވަރަށް ފިޓުކޮށެވެ.

6 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ޙަސަން

ޖަމްބެ ތިބުނީ ފިލުމުކުޅުން ހުއްޓާލީ ނަމާދު މިސްވާތީއޭ...އެހެންކުދިން ކާރީތިބުނީ ދިރިއުޅުމަށް ފިލުމު ކުޅޭށޭ..ހަސަން އަފީފުއެވެ.ތިބާޔަށް އަންނަމުންދިޔަ ބަދަލުއިހުސާސް ކުރިއެވެ. ފަހުން ޤަބޫލުކުރެވުނު ގޮތުގައި ތިބާގެ ކޮނަމެ ޕޯސްޓަކީ އަގުހުރި މަސައަކަތެއްކަން ޤަބޫލުކުރަން ޖެހުމެވެ.ކުރިން މީހުން މަގުފުރައްދަން ކުރެވުނު މަސައްކަތުގެ ބަދަލް ހޯދޭތޯ ދިޔައީ ދީނީ ޕޯސްޓުތަކުންކަން ފަހުން ގަބޫލުކުރަމެވެ. އޭ ހަސަންއޭ ދެންއެނަބުރި މީސްތަކުން ލައްވާވެސް.. އަދި އަމިއްލައަށްވެސް އެގޯޅިނާޅުއްވާށެވެ.ތިބާގެ ކޮންމެ ޕޮސްޓަކުން އަސަރު ކުރެއެވެ. ތިބާއަށް ތެދުމަގު ދައްކަވާ ސާބިތުކަން ދެއްވާށި.

ރަހުމަތްތެރި އެއް

ފިލްމީ ދާއިރާއަށް ދެން ނިކުންނާކަށް އެއްގޮތަކަަސް ނުފެނޭ! ޖަމްބޭ ކަހަލަ ވިސްނޭ މީހަކަށް ރަނގަޅު ދިރިއުޅުމެއް ހޯދައިގެން ކުރިއަށް ދިއުން އެދެވެގެންވޭ!

ޢާދިލް

ޖަންބެއަކީ ދީނީ ކަންކަމަށް ވަރަށް ފަރުވާތެރި ބޭފުޅެއް! ސިޓީކައުންސިލް ގައި ހުންނެވި ދުވަސްވަރު މިކަން ވަރަށް ގާތުން އަޅުގަނޑު ދުށިން، ޖަންބެގެ ހަޔާތުގައި ޖަންބެއަށް ދިމާވި އެންމެ ނުރައްކާތެރި ހިތާމަވެރި ހާދިސާ ދިމާވީ ވެސް ޤައުމީ، ދީނީ މަސައްކަތްޕުޅެއްގައި އުޅުއްވަމުން ދަނިކޮށް! މާތްﷲ ޖަންބެއަށް ހެޔޮ ރަހުމަތް މިންވަރުކޮށްދެއްވާށި!

ޢާލު

ޥަރަށް ގާތް ރަހުމަތްތެރިއެއް! ޖަންބެއަކީ ވަރަށް ތެދުވެރި ވަފާތެރި ބޭފުޅެއް! އެންމެ ދެރަނިކަމެތި މީހާއަށްވެސް ޖަންބެ ފެންނާނެ،،ގުޅޭނެ. ޢާއްމުންގެ ތެރޭގައި މަޤުބޫލު ބޭފުޅެއް! ރަހުމަތްތެރިންނަށް އިހުސާންތެރިި، ޢާއިލީ ގުޅުމަށް ލޯބިކުރައްވާ ވަރަށް ހިތްތިރި ބޭފުޅެއް! އަޅުގަނޑުގެ ޙިތުގެ އިހުލާސްތެރި ދުޢާއަކީ ޖަންބެއަށް ދެދުނިޔޭގެ ބާއްޖަވެރިކަން މިންވަރު ކޮށްދެއްވުން. . އާމީން.

ތާރީޚް

އެންމެ ފުރަތަމަ އުފެއްދި ދިވެހި ވީޑިއޯ ލަވައަކީ ޔޫސޭ އެކްޓްކޮށްފައިވާ މިޒަހަރް ލެޔާގުޅޭތަން ނުދެކޭސަ މަރުވެދާނަން. އެންމެފުރަތަމަ ދިވެހި ލަވައެއް ރޭޑިޔޯއިން ބޮރޯޑް ކާސްޓްކުރީ އެއްގަމުގޭ އަހްމަދު ޝާތިރުގެ އަނބިކަނބަލުން ކިޔާފައިވާ، ނަލަރީތިފަޒާ ނަންވެސް ގެއްލިދިޔާ މިލަވަ ސިލޯނު ރޭޑިޔޯއިން.

ފޭނެއް

ޖަމްބެގެ ދިރިއުޅުމަށް ވެސް އަލި އަޅުވާލިނަމަ...

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345