ކުޅިވަރު

ދިވެހި ފުޓްބޯޅަ އާއި މާޒިޔާގެ ތާރީހު ބަދަލުކުރަން ބޭނުން

May 31, 2017

އޭއެފްސީ ކަޕްގެ ދެ ވަނަ ބުރަށް ދަތުރުކޮށް، ދިވެހިފުޓްބޯޅަ އާއި މާޒިޔާގެ ތާރީހް ބަދަލު ކުރަން ބޭނުންވާ ކަމަށް، މާޒިޔާގެ މެސަޑޯނިއާގެ ކޯޗް މަރުޔަން ސެކްލޮސްކީ ބުނެފި އެވެ.

މިއަދު ބެންގަލޫރާ ދެކޮޅަށް ނުކުންނަ މެޗު އެއްވަރު ކޮށްލައިގެން، ވެސް، މާޒިޔާއަށް ދެ ވަނަ ބުރަށް ދެވޭނެ އެވެ. އެހެން ވެއްޖެނަމަ، މިފަހަރު ވެގެންދަނީ މާޒިޔާގެ ތާރީހްގައި، އޭއެފްސީ ކަޕްގެ ދެވަނަ ބުރަށް އެ ޓީމު ދަތުރު ކުރާ ފުރަތަމަ ފަހަރަށެވެ. އަދި 2013 ގެ ފަހުން، ދިވެހި ކުލަބަކަށް ދެ ވަނަ ބުރުން ޖާގަ ލިބޭ ފުރަތަމަ ފަހަރަށެވެ.

ބެންގަލޫރުގެ ސްރީ ކަންޓީރަވާ ސްޓޭޑިއަމްގައި ބެންގަލޫރާ ދެކޮޅަށް މިއަދު ކުޅޭ މެޗާ ބެހޭގޮތުން ވާހަކަ ދައްކަމުން، ސެކްލޮސްކީ ބުނީ، ބެންގަލޫރު އެފްސީއާ ދެކޮޅަށް ކުޅުނު ފުރަތަމަ ލެގް މެޗުގެ އެންމެ ފަހު މިނެޓްގެ އެންމެ ފަހު ސިކުންތު ކޮޅުގައި ބަލިވިޔަސް، އެ މެޗުގައި، ކުޅުންތެރިން ދެއްކި ކުޅުމުން ވަރަށް ބޮޑު ހިތްވަރެއް ލިބިފައިވާ ކަމަށެވެ.

މާލޭގައި، ބެންގަލޫރު އަތުން، މާޒިޔާ ބަލިވީ މެޗުގެ އިތުރަށް ދެއްކި ތިން މިނެޓްގެ ތެރެއިން، ތިން މިނެޓް ހަމަވެ، އިތުރަށް ކުޅުނު 30 ސިކުންތުގެ ވަގުތުގެ ތެރޭގަ އެވެ.

"މިފަހަރު އަހަރެމެން ބޭނުން، އެންމެންނަށް ހާމަކޮށްދޭން، އަހަރެމެންގެ ކިބައިގައި މިކަމުގެ ގާބިލުކަން ހުރިކަން، އަހަރެމެން ބޭނުން މާޒިޔާ އާއި ރާއްޖޭގެ ފުޓްބޯޅައަށް ތާރީހެއް ގާއިމުކޮށްދޭން،" ސެކްލޮސްކީ ބުންޏެވެ.

އޭނާ ބުނީ، ބެންގަލޫރަކީ، އޭޝިއާގެ ވަރުގަދަ ޓީމެއް ކަމަށާއި، އެހެންވެ، މާޒިޔާއިން މެޗަށް ނުކުންނަން ޖެހޭނީ މާޒިޔާގެ އެންމެ ވަރުގަދަ ސްޓްރެންތުގައި ކަމަށެވެ.

"ބެންގަލޫރަކީ، މިސަރަހައްދުގެ އެންމެ މުއްސަނދި ކުލަބުވެސް މެ، ފައިސާއަށް ބަލައިފިނަމަ، އަހަރެމެންނަށް އެ މީހުންނާ ވާދައެއް ނުކުރެވޭނެ، އަދި ބައިނަލްއަގްވާމީ ލެވަލްުގައި ހޯދާފައިވާ ކާމިޔާބުތަކަށް ބެލި ނަމަވެސް ވާދައެއް ނުކުރެވޭނެ، ނަމަވެސް، ރަނގަޅު ޓީމަކާ އަޅުވާ ކިޔަންޏާ އަހަރެމެންނަށް އެމީހުންނާ އަޅުވާ ކިއިދާނެ." ސެކްލޮސްކީ ބުންޏެވެ.

ބެންގަލޫރުގެ ކޯޗް ސްޕެއިންގެ ބާސެލޯނާގެ ކުރީގެ އެސިސްޓެންޓް ކޯޗް، އަލްބާޓް ރޮކާ ބުނީ، އުނދަގޫ ސީޒަނެއްގައި، ބެންގަލޫރުން ފެޑްރޭޝަން ކަޕް ކާމިޔާބު ކުރުމަށްފަހު، ސީޒަން ނިންމާ ލެވުމުން، ކުޅުންތެރިން ތިބީ ވަރަށް ބޮޑަށް މޯޓިވޭޓް ވެފައި ކަމަށާއި، މެޗު މޮޅުވެ ދެ ވަނަ ބުރަށް ދިއުމުގައި ވަރަށް ބޮޑު ރޫހެއް އެބައޮތް ކަމަށެވެ.

ބެންގަލޫރަށް ދެ ވަނަ ބުރަށް ދެވޭނީ، މާޒިޔާ ބަލިކޮށްގެނެވެ. މިވަގުތު މާޒިޔާ އެއް ވަނައިގައި އޮތީ 12 ޕޮއިންޓާއެކު އެވެ. ބެންގަލޫރަށް ލިބިފައި ވަނީ ނުވަ ޕޮއިންޓެވެ. ބެންގަލޫރު މޮޅުވެ ޕޮއިންޓްގެ ގޮތުން، މެޗު އެއްވަރުވި ނަމަވެސް، ދެ ޓީމު ކުޅުނު މެޗު ބެންގަލޫރު ކާމިޔާބުކޮށްފައި ވުމުން، ދެ ވަނަ ބުރަށް ދާނީ ބެންގަލުރެވެ.

މެޗު ފަށާނީ ރާއްޖޭގަޑިން އިރުއޮއްސި 6:45 ގަ އެވެ.