މޮޔައިން ތެންމާ ޒާތުގެ ކަނި ވާރޭކޮޅެއް މާ ހެނދުނަކާ ވެހުނެވެ. އެކަމަކު މިހާރު ދުނިޔެ ތެރެއިން ކެނޑިގެން ދާން މިއުޅެނީ ފުރާނައަށް ފިނިކަމެއް ދީ، ފިކުުރުތައް ފަނާކޮށްލާ ކަހަލަ ޗާލު ހެނދުނެކެވެ.
ނަލަނަލަ ރޯޅި ފަށްތަކާ މަސްހުނި ވެލުމަށް ފަހު އަހުމަދު ވިއާލް ގޮނޑި ސެޓުގައި ލެނގިލި އެވެ. އޭގެ ކުރިން ކިތައް ކޮފީ ބޮއެފި ހެއްޔެވެ؟ ފުލުފުލުގައި ކިތައް ސިނގިރޭޓް ހުލިކޮށްލައިފި ހެއްޔެވެ؟ އެ އުމުުރުގެ ޒުވާނެއްގެ ކިބައިން ފެންނަ ކަހަލަ ކިއްސަރެއް ވިއާލްގެ ނެތީ އެހެން ވެގެންނެވެ. ބައިމަތި ހީވަނީ ތެދުއުއި ވަޑާން ނުދަންނަ މީހަކު ރޮންދާ އަޅާފައިވާ ސަންދޯކު ފިލައެއް ހެނެވެ. ފިރިހެން ޗަސްބެއް ނެތެވެ. ހީވެ އެވެ؛ އެއީ ކަނޑާވައްޓާލުމުން ފެން ދަމާލާފައިވާ ކަށިކެޔޮ ހޮޅެކެވެ.
އިރު އުފުލެމުން ދިޔަ ވަރަކަށް ބިއްލޫރި މަސްކޮށީގެ ތެރޭގައި މަންޒަރުތަކެއް އުފެދެމުން އާދެ އެވެ. ހިޔަނި ތަކެކެވެ. ދަޅަތަކަކެވެ. ވައިބޮކި ތަކެކެވެ.
މަސްތައް ފެންގަނޑު ކަފަމުން އަރިއަރިއަށް ދުވެ ނަަށައިލަ އެވެ. ހިލަތަކާއި ދިމާ އަށް ބަޑި އަޅާފައި ދެ އެވެ. ސްކޫތުން ސުކޫތުން ތަޒާ ވަމުންދާ ފެންގަނޑު މަޑު ނުލަކުން މަޑު ފެއްސަކަށް ބަދަލުވެ އެވެ. ގަދަ ރީނދުލަކުން ފަވާލީމާ މަސްތައް ތިބެނީ ނަގޫފަތް ހުއްޓުވާލައި އެއް ވާނަކަށް ކަރުތާފަތް ފޭކޮށްލަ ކޮށްލަ އެވެ. ވިއާލް، ތުނބުން ދޫކޮށްލާ ދުންތައް ހިލިހިލާ ބޮޅުތަކެއް ގެތެމުން ގޮސް ޓޭންކުގައި ޖެހި ރޫޅޭ ފަހުން މަސްތައް ކެވިއަރައި ބަނޑުފުށް ދައްކާލަ އެވެ. ހީވަނީ ވަކި މީހަކަށް ދައްކާން އުޅޭ ހެންނެވެ.
ކޯވަރަކުން ކޮފީތަށި ދަމާލުމަށް ފަހު އެންމެ ފަހު ސިނގިރޭޓް ތުނބު ޖެހި އެވެ. ރޯ ކޮށްލުމުގެ ކުރިން ހުސް ފޮށި ފިއްތާލައިފަ އެވެ.
ސްކޫތުކޮޅެކެވެ. ސިނގިރޭޓުގެ ކޮޅުގައި ގުދުލާފައި އޮވެ ބަރުވެގެން، އިންޗިއެއް ވަރުގެ އަޅިކޮޅެއް ފުންމާލި އެވެ. ވިއާލްގެ ޖިންސުގެ ނޫކުލައިން ތަންކޮޅެއް ހަރާބު ކޮށްލި އެވެ. އަތް ކާތާލުމުން ހިރަފުސް ކުލަ އާއި ނޫ ކުލަ ފުށު އަރުވާލި އެވެ.
"ވިއާލް! ޓޭންކުގެ ތެރެއަށް ހާދަ ވަރަކަށް ތި ޒޫމް ކުރަނީ،" ކުއްލިއަކަށް ގޭތެރެއަށް ވަދެގެން އައި މުހައްމަދު ރަޔާން ބުނި އެއްޗަކުން ވިއާލް ތެޅިގަތެވެ. ސިހުން ލިބުމާއެކު މޭޒުމައްޗަށް ފައި ދަމާލި އެވެ.
"އާދޭ ފެގެއް ޖަހާލަން!"
"ނޯ ތޭންކްސް! މިހާރު ސްމޯކް ކޮށެއް ނޫޅެން... ސިނގިރޭޓް ބޯނީ މުޅި އުމުރަށްވެސް މޮޔައިން،" ވަކިން ހުރި ސޯފާގައި ރަޔާން ޖައްސާލުމާއެކު ހަށިގަނޑުން ބައެއް މަޑު ސްޕަންޖުތަކުގެ ތެރެއަށް ގެނބި ގެއްލުނެވެ.
"ރަޔާން ތިއުޅެނީ އެންޓި ޓޮބޭކޯ ކެންޕޭނެއް ގައިތަ؟ ހާދަ ހީވެއޭ... މިހާރު ޔޫރަޕްގަ އެންޓި ޓޮބޭކޯ ކެންޕޭން ކުރާގޮތް ރަޔާން އަށް އެނގޭތަ؟ އެމީހުން ޓޮބޭކޯ ކެންޕޭން ޖައްސައިގެން އުޅެނީ އެއީ މޮޅު، ކޮލިޓީ މީހުންނާ ނުގުޅޭ މުޅިން ލޯ ޕްރޮފައިލް މީހުން ކުރާ ކަމެއްގެ ގޮތުގަ... އެކްސްޕާޓުން ބުނަނީ ގެއްލުމުގެ ވާހަކަ ނުދައްކާ އެގޮތަށް ކެންޕޭން ޖެއްސީމަ މީހުންގެ ސިކުނޑިއަށް އަސަރު ކުރުވާވަރު މާ ފުރިހަމަ ކަމަށް..." ވިއާލް ގޮނޑީގައި ހަމަޖެހިލި އެވެ.
ދެން ކީއްވެ ވިއާލް ހުއްޓާ ނުލާ ތިހުންނަނީ؟ ރަޔާންގެ ހިތަށް އެރި އެވެ.
"މަސް ދެކެ ލޯބިވިޔަސް ތީ ދެން ބޮޑުވަރެއް! ޓޭންކެއް ކައިރީ އަބަދު ދަމަށް އިނދެވޭތަ؟ މަށަކަށް ނުވާނެ! އަހަރެން ނަަމަ މިހާރު ހޯމް ސިކް ވެދާނެ." ރަޔާން ބޭނުންވީ ޓޮޕިކް ބަދަލު ކޮށްލާށެވެ.
"ދެން ކީއް ކުރަންވީ؟ މޮޔައެއް ހެން މަގު ހިނގަން ދާން ވީ؟" ވިއާލް ދެ ސުވާލު ކުރި އެވެ.
"މީހަކާ ނީނދޭ ތިހެން މަސް ޓޭންކެއް ކައިރީ ހުރުމަށްވުރެ ރަނގަޅު ވާނެ މަހަށް ޖައްސާލި އަސް! ހިނގާ މަސް ދަތުރެއް ރާވަމާ. ވިއާލް ކިޔެވީ މިކަމާ ބެހޭ އިލްމު، އެ ދާއިރާއިން ވަޒީފާއެއް ނުހޯދިޔަސް، މީހަކާ ނީނަސް، މަހަށް ޖައްސާލެވިދާނެއެއްނު!" ރަޔާން ހިޔާލި ދިނެވެ.
ޖެނެޓިކް މިއުޓޭޝަން ނުވަތަ މަސްމަހާމެހީގެ ނަސްލުތަކަށް އަންނަ ބަދަލުތަކާއި ބެހޭ ގޮތުން ކިޔަވައިގެން އައިތާ ހަ މަސް ވީއިރު ވެސް ވިއާލް ވަޒީފާއެއް ނުހޯދަ އެވެ. އަތް އުރާލައިގެން ގޭގައި ހުންނާތީ ރަޔާން އަބަދުވެސް އެ މައްސަލަ ނަގަ އެވެ. މާ ބޮޑަށް ކިޔެވީމާ މޮޔަވެއޭ ބުނާހެން މޮޔަވީ ކަންނޭނގެ އެވެ. މަހާ ބެހޭގޮތުން ކިޔެވި ކިޔެވީނުން ސިކުނޑިވެސް މަހު ސިކުނޑިއަކށް ޗޭންޖު ވީ ކަމަށް ވެދާނެ އެވެ! އެހެން ނޫނީ ދެން ކޮން ކަމެއް ހެއްޔެވެ؟ މެރިން ރިސާޗު ސެންޓަރު ކަހަލަ ތަނަކުން ވަޒީފާއެއް ހޯދަން ވީ ނޫން ހެއްޔެވެ؟ ވިއާލް އަށް ވަޒީފާ ލިބޭނެ އެވެ.
ކިހިނެއް އެނގެނީ އަހަރެން މީހަކާ ނީންނަ ކަމެއް! ވިއާލްގެ ހިތަށް އެރި އެވެ.
"އަންބަކާ ދަރިއަކުވެސް ހުރެދާނެ އެންނު! ކިހިނެއް އެނގެނީ!"
"އެހެންވެއްޖެއްޔާ އިނދެގެން ތިއުޅެނީ ތި ޓޭންކުގެ ތެރެއިން ޖަޕާނު މަހަކާ! ވިއާލް ތީނީ އޭތި ވިހާވަރުން ޅަދަރި ބަފައިވެފަ! ޓޭންކު ކައިރިން ދުރަށް ނުގޮސް ތިހުންނަނީ އެހެން ވެގެންނު!" ރަޔާން އެހެން ބުނީ ސަމާސާއަކަށް ނަމަވެސް އޭނާގެ މޫނުމަތިން އެކަހަލަ އަަސަރެއް ފާޅެއް ނުވެ އެވެ. އެ ވަގުތު އޭނާގެ މޫނަށް ވިއާލް ބަަލައިލީވެސް އެހާ ސީރިޔަސް ކޮށެވެ. މޭޒުމަތީގައި މުޑުދާރުވެފައި ހުރި އަޅިކެނޑީގައި ކުއްލިއަކަށް ހިފުމަށް ފަހު ކޮޅަށް ތެދުވި އެވެ. ލުއި ގޮތަކަށް ޓޭންކާ ދިމާއަށް އަޅިކެނޑި ހޫރާލި އެވެ. ޓޭންކް ފުނޑުފުނޑުވެ، ފެނާއެކު އޮހިގަތީ ބަޑިއެއް ޖެހިހެން އަޑެއް ފަތުރާލާފަ އެވެ.
"އޭތް! ވިއާލް! މޮޔަވީތަ!" ރަޔާން ފުންމައިގެން ތެދުވިއިރު ހުރީ ހޯސްލާފައި އޮހިގަތް ފެންތަކުން އުނގަނޑުން ތިރި ތެމި ފޯވެފަ އެވެ. އޭނާ ވިއާލްގެ މޭ މަތީގައި އަޅާ ކޮށްޕާލި އެވެ.
ވިއާލް ހުރީ ތަޅުން މައްޗަށް ފެތުރިފައިވާ ލޮނދި ހިލަތައް މަތީގައި ނަގޫފަތުން ބަޑިތަޅައި މަރަށް ތެޅެމުން ދިޔަ ކުލަކުލައިގެން މަސްތަކަށް ބަލަހައްޓައިގެންނެވެ.
"ރޮނީތަ؟ އޭ!" ދުލަށް ބާރުލާފައި ރަޔާން ދަމާލެވުނެވެ. ހައިރާން ވެގެންނެވެ. ރަޔާނަށް ފެނުނީ ވިއާލްގެ ލޮލުން ކަރުނަ ހިލެމުން ދިޔަ ތަނެވެ.
ތެމި ފޯވުމުގެ ސަބަބުން ބަރުވެފައިވާ ޖީންސްގެ ދެ އަރިމަތީގައި ހިފައި ފޫޅާ ހަމަ އަށް އުފުލާލުމަށްފަހު ވިއާލް ހިނގައިގަތެވެ. ފަހަތުން ރަޔާންވެސް ދިޔަ އެވެ. ވިއާލް ހަމައަކަށް އެޅުވޭތޯ އެވެ. ރަޔާން އެންމެ ބޮޑަށް ދެރަވީ އޭނާ ކުރެވުނު ސަމާސާއާ އެކު ވިއާލް ބިއްލޫރި މަސްކޮށީގެ ދުވަސް ދުއްވާލުމުންނެވެ. ހަނދާންވި އެވެ؛ ކުޑައިރު ވެސް އެ ކަހަލަ ވިޔަރި ރުޅިގަނޑު ވިއާލް ގާތަށް އާދެ އެވެ. ކުރެވޭ ސަމާސާ ވިހަވެގެން ބައެއް ފަހަރު ރަޔާނަށް ހަމަލާ ދީފައިވެސް އެބަ ހުއްޓެވެ.
***
"އެމެރިކާގައި އުޅުނު އިރު ފިޝިން އަށް ދަންތަ؟" ރަޔާން އެހި އެވެ. ވިއާލް ހަމައަކަށް އަޅުވަން މަސައްކަތް ކުރާތާ ހަފުތާއަކަށްފަހު އައި ހުކުރު ދުވަހެއްގެ ހަވީރު ފިނި ޖެހެމުން އައި ދަނޑިވަޅު ދެ މީހުން އުޅުނީ ކެޔޮޅުކަމު ދާށެވެ.
"ކަލޭ މޮޔަތަ؟ އަހަރެން މަސައްކަތްކުރީ ސައުތު ކެރޮލީނާގައި ހުންނަ، މަސްމަހާމެހީގެ ނަސްލު ދިރާސާ ކުރާ އިންސްޓިޓިއުޓެއްގަ. އެތާނގަ މަޖުބޫރު ވާނެ ފިޝިން އަށް ދާން. ބޮޑެތި ބޮޑެތި އެކުއޭރިއަމްތަކުގަ ޑައިވް ކުރަން ވެސް ޖެހޭ. އެއީ މޮޔަވާ ވަރުގެ ކަމެއް!" ކުކިން އޮއިލް ހުސްކުޅި ފުޅިއަށް އޮޅާފައިވާ ނަނު، ދޯނީގެ ވަތުގައި ހުރި ބާލިދީގެ ތެރެއަށް ވައްޓާލަމުން ވިއާލް ކިޔައިދިނެވެ. އައުޓް ބޯޑު އިންޖީނެއް އަޅާފައިވާ ކުޑަ ދޯނީގެ ތެރޭގައި ދެ މީހުންވެސް އުޅުނީ ހަމަ ނުޖެހި އެވެ. ރާޅާ ތަޅުވާ ވަރުންނެވެ.
ހުޅަގު ދެކުނު ހާބަރުގައިވާ ބޮޑެތި ނާލު ދޯނިތަކުން މަކުނު ވާ ފުރާ ގޮތަށް ފަރާތްފަރާތަށް ދަމާ ވާން ކޮށްފައިވާ ވާތަކުން ރެކެމުން ކުޑަދޯނީގައި ދެ މީހުނަށް ކަނޑަށް ނުކުމެވުނީ ދުވަހުގެ އިރު ފެނުވަތަށް ފޮހެމުން ދަނިކޮށެވެ. އެކަމަކު ވިލިމާލޭ ބޭރަށް ދާން ދުއްވާލި އިރުވެސް އުދަރެހުގައި ރަތްވިލާ ލާފައި ހުއްޓެވެ. ހިސާބަކަށް އިރުގެ އަނގުރު ދޯދިފަށް ވެސް ހާއަޅަ އެވެ.
"އުހުނ! އޭނދަ ވިލާކޮޅެއް ބަލާބަލަ! ހީވަނީ މަހެެއް ހެން." ޝައުގުވެރި ކަމާއެކު ވިއާލް ދުރަށް އަތް ދިއްކޮށްލި އެވެ.
"މަހެކޭ؟ ސާބަސް! ކޮންމެ މީހަކު ފެނުނަސް މޮޔަ ހަސަނަށް އަމައޭ ހީވާހެން، ހުރިހާ އެއްޗެއް ވިއާލްގެ ލޮލަށް ތިފެންނަނީ މަހެއްގެ ގޮތުގައި! މަށަށް ހީވަނީ، ވަސް ދެއްކުމުން މަހުގެ ނަން ހާފިޒު ބުނެދޭހެން، ވިއާލަށް މަންޒަރުން ވެސް މަސް ސިފަ ވަނީ ހެން!" ރަޔާން ހީނލި އެވެ.
މަސްވެރިކަމުގެ ވާހަކާގައި ތިބެ ވިލިމާލޭ ބޭރަށް ނަނު ދޫކުރި އިރު ރަނގަޅަށް އަނދިރި ވެއްޖެ އެވެ. ދެ މީހުންގެ ނަނުގައި ވެސް ކުޑަކޮށް ކޮށާލަ އެވެ. ކައިވަތެއްހާ ފިލޮޅަކާއި މޮޔަ ހަންޖޭ ކިޔާ ފާޑުގެ ފަނިހަންޖެއް ބޭނުނުއިރު އިރާދަން ހުސްވެއްޖެ އެވެ. ފުސް މޫނެއް ދައްކައިގެން ހުރި ނަލަކަމެއް ނެތް ހަނދެއްވެސް އުޑުމަތީގައި ހުއްޓެވެ.
"ފިލި ކޮޅެއް ޖަހާބަލަ!" ވިއާލް ނަނު އޮޅަމުން ބުންޏެވެ. ރާޅު ނެތް ކަނޑުގެ ތެރޭގައި އެ ވަގުތު ކުޑަ ދޯނި ތަޅުވައިލި އެވެ. ދެފަހަރު ބާނި އުފައްދާލާފައިވާ ކުދި ރާޅުތަކެއް ދުވެލި އެވެ. އެވަގުތު ފިސާރި ގާތުން ބަޑިއެއް އެޅި އެވެ.
"މަސްވެރިކަން ރަނގަޅުވަނީ ކަންނޭނގެ!" ބަޑި އެޅި ދިމާއަށް ރަޔާން ނަނު ހޫރާލި އެވެ. ބޯ މަތީގައި އަނބުރާލައިފަ އެވެ. ހަމަ އެ ވަގުތު އުޑުމަތިން ވިދާލި އެވެ. ލުއި ގޮތަކަށް ގުގުރިއެއް ޖަހައިލި އެވެ. ރަޔާން ބަލައިލީ އުޑު މައްޗަށެވެ. ވިއާލްގެ ނަޒަރު ދިޔައީ ކަނޑަށެވެ. ވިއާލަށް ފެނުނީ ނަގޫފަތް އުފުލާލާފައިވާ ލޮނުގަނޑުގެ ތެރެއަށް ބަނޑުދަމައިލި މަހެކެވެ. ރަން ކުލައިގެ ރޮނގެއްވެސް ހުއްޓެވެ. އޭނާ ސިއްސައިގެން ދިޔައީ ގަޔަށް ތަދު ކުރާ ފާޑުގެ ބޮޑުތިކި ވާރޭ ތިކިތަކެއް ވެހި ގަތުމުންނެވެ.
"ޔާރައްބީ! ނައްޓާލަމާ! އެ އޮތީ ކަޅު ވިލައިން އުޑުމަތި ބެދިފަ!" ރަޔާން ވާހަކަ ދައްކަން ފެށީ ވަގުތު އައި ގުގުރީގެ ބާރު ކަމުން ހަތަރެސްފައި އުފުލޭވަރު ވި އެވެ. ހިމޭންވި އެވެ.
"ވިއާލް!" އެ އަޑަށް ވިއާލް ރަޔާންގެ މޫނަށް ބަލައިލި އެވެ. ރަޔާން ހުރީ އުޑު މައްޗަށް ބަލަހައްޓައިގެނެވެ. ވިއާލަށް ގޮވައިލިހެން އޭނާ އަށް ހީވި އެވެ. ހައިރާންވެފައި އިންދާ އަތުތެރެއިން ޗޫސް ލައްވާލުމަށްފަހު ނަނު ދެމިގަތެވެ. ސިއްސައިގެން ގޮސް ހިފެހެއްޓުމާއެކު ވާން ކަން ހިނގައްޖެ އެވެ. ދެން ލިބުނީ އެ އަށް ވުރެ ހައިރާން ކަމެކެވެ. ވިއާލް ވަށައިގެން ހޯދާލި އެވެ. ކަަށަވަރެވެ؛ ރަޔާން އޭނާއަކަށް އެހެނެއް ނުގޮވާނެ އެވެ.
ބައްޕާ! ވިއާލް އަށް ހިތުން ބުނެވުނެވެ. ކަޅުކަނޑުގެ އެކި ދިމާއަށް ބަލައިލެވުނެވެ. ހޯދަން ފެށުނެވެ. އޭނާ ސިހެން ފެށި އެވެ. ގުގުރިއަކާއެކު އުޑުމަތިން އެހަރަ ފައިބަނީ އަލިގަދަ ކީލިތަކެވެ. ކަނޑަށެވެ. އެ ދިމާއިން ބަޑި އެޅި އެވެ. ވިއާލްގެ ހިއްސުތައް ހަމައިން ނައްޓާލި އެވެ. އެ ހޮނު ގުގުރީގެ އަލިފާން ގުޅަވަރުން އޭނާގެ ލެޔަށް އަނިޔާ ލިބިދާނެތީ އެވެ. ކުއްލިއަކަށް އޭނާ ކަނޑުގެ ތެރެއަށް ފުންމާލި އެވެ. ވިއާލް މޮޔަވީ ހެއްޔެވެ؟
"ވިއާލް... ވިއާލް!" ރަޔާން އަށް ހަޅޭއްލަވައިގަނެވުނެވެ. އޭނާ ދެ ލޯ ބޮޑުވެފައި ހުއްޓާ ފެނުނީ އަޑިއަޑީގައި އޮތް ވިއާލްގެ ގައި މަތިން ބޮޑު ދެ މަސް ތިލަވެލާފައި ވިއާލް އާއެކު އަޑިއަށް އޮބާލި ތަނެވެ.
"ވިއާލް! ވިއާލް! ވިއާލް!" ރަޔާން ހަޅޭއް ލަވަމުން ދިޔަ އެވެ. ވާރޭ ބޯކޮށްލި އެވެ. މަންޒަރު ނުފެންނަ ޓީވީ ސްކްރީނެއްހެން ތިކިތިކީގެ އަނދިރި ޖައްވެއް އުފެދުނެވެ. ރަޔާންގެ އަޑުވެސް ބެދުނެވެ.
****
"ރަޔާން، ކިޔައިދީ ބަލަ! ކިހިނެއްތަވީ؟ ވިއާލް ދިޔައީ ކޮންތާކަށް؟" މިވީ ހުރިހާ ދުވަހު ފުލުހުންވެސް ރަޔާން އާ ކުރަމުން އައި ސުވާލު، ލޮލުން ކަރުނަ ފޮހެލުމަށްފަހު ނިރުމީންވެސް ކުރި އެވެ. ރަޔާން ދެނީ ކުރިން ވެސް ދޭ ޖަވާބެވެ. މިޔަކަނުން ހީލާފައި ދުރަށް އަތް ދިއްކުރަނީ އެވެ. ހޭން ފަށަނީ އެވެ. ބޮޑުވެފައި ހުންނަ ދެ ލޮލުގެ ފުނުން ކަރުނަ ފޫދެން ފެށުމާއެކު މޫނުގައި އަތް އަޅަނީ އެވެ.
ނިރުމީން ކެތްކުރި އެވެ؛ ރަޔާން އޭނާ އާ ގާތަށް ގެނެސް މޭމަތީގައި ލައްކޮށްލި އެވެ. މަޑުމަޑުން ނިއްކުރީގައި ފިރުމައިދޭން ފެށުމާއެކު ރަޔާން ލޯ މަރާލި އެވެ. އެސްފިޔަތައް ބާރުވުމުން ލޮލުގެ ބޮނޑިމަތިން ބޭރުވެފައި ހުރި ކަރުނަތައް ކޯތާފަތް މައްޗަށް ސޮއްސައިލި އެވެ.
އެނދުގައި ރަޔާން ބޭއްވުމަށް ފަހު ނިރުމީން ރަޔާންގެ ގައިމަތީގައި ރަޖާ އަޅައިދިނެވެ. އޭނާގެ ހިމޭން ދުނިޔެއަށް ދޫކޮށްލި އެވެ.
"ގުޑް ނައިޓް!"
"ގުޑް މޯނިން، ރަޔާން!" ވިއާލްގެ އަޑަށް ރަޔާން ލޯ ހުޅުވާލި އެވެ. އެއީ މާސިންގާ ކަނޑެއްގެ އަޑި އެވެ. އެ ތާނގައި ވަނީ ފަރުބަދަތައް ކަހަލަ ބޮޑެތި ގާތަކެވެ. އަދި އެތާނގައިވާ ފާޑުފާޑުގެ ދިރުންތަކާއި ނަޔާ ކުލަތައް އަދަދު ނުކުރެވެ އެވެ. ހީވެ އެވެ. އެއީ ގަދަ ނޫކުލައިގެން ދިރޭ ރަހަ ފަށަލައަކާ އެކު އޮތް ބޯ ބިއްލޫރިގަނޑެއްގެ ތެރޭގައިވާ ނޫ ބަގީޗާ އެކެވެ.
"ވިއާލް! ކޮންތާކު ތި ހުރީ؟" ރަޔާން ހިނގައިގަންނަން އުޅުނެވެ. ހީވަނީ އެއްވެސް ތަނެއްގައި ފައި ނުޖެހި ހެލެވެމުން ދާ ހެންނެވެ. ރަޔާންގެ ނޭވާތައް ވައި ބޮކި ތަކެއް ހެން ވަށައިގެން ބަބުޅި ޖަހަ އެވެ. އޭނާ ސިހުނެވެ. މަހެއްގެ ނަގޫފަތުން އުނަގަނޑުގައި ޖެހުމުންނެވެ.
"އޭތް! މިއީ މަށޭ!" ރަޔާން ބަލައިލި އެވެ. ނުހަނު ގާތުގައި އޮތީ ވިއާލްގެ މޫނެވެ. ހަށިގަނޑު ވަނީ އޮޅާލާފައިވާ ރިޔަލެއްގެ ކިއްސަރަށެވެ.
"ހައިރާން ވީތަ؟ އެ ކޮޅު ބަލާބަލަ! އެހެރަ ހަތާ މަތީގައި ބަނޑު ޖަހާލައިގެން އެ އޮތް "ކޮތަރިޔާ" މަހަކީ އަހަރެންގެ އަންހެނުން، ލައިލާ! އެންދެރި ގަހުގެ ތެރޭގައި އެ އުޅޭ "ކޮތަރިޔާ" މަހަކީ އަހަރެންގެ އަންހެން ދަރިފުޅު، ލައިޝާ! ރަޔާން އަހަރެންގެ ފެމިލީއާ ބައްދަލެއް ނުކުރާނަންތަ؟"
"ވިއާލް މީހަކާ އިނީ ކޮންއިރަކު؟ މިއީ ކޮން ތަނެއް؟ ވިއާލް ތިހިރީ ކޮން ސިފައެއްގަ؟ މިއީ ކޮން ދުނިޔެއެއް؟!" ރަޔާން ފަރާތް ފަރާތަށް އެނބުރެން ފެށި އެވެ. ވިއާލެއް ނެތެވެ، އޭނާއަށް ފެންނަނީ ބޮޑު ގެއެއްގެ ތެރެ އެވެ. ހުވަފެނުގެ އެންމެ ފުނަށް އޭނާ ގެންދިޔަ އެވެ:
"އަހަރެން ބޭނުމީ އާއިލާއަށާއި ރަހުމަތްތެރިންނަށް ސަޕްރައިޒެއް ދޭން! އަންގާވެސް ނުލައި ލައިލާ އާ ކައިވެނި ކުރީ އެހެން ވެގެން. މިހާރު މާލެ ދިޔައިމާ އެއް ފަހަރާ ދެ ސަޕްރައިޒް ލިބޭނެ! ކާކު ހީކުރާނީ އަހަރެން ދާނީ ވައިފަކާއި ބޭބީއެއް ގޮވައިގެން ކަމަށް!" 'ޑީޕްސީ ފިޝް މިއުޓޭޝަން' އެންސައިކްލޮޕީޑީއާއެއް އެނދުމއްޗަށް އެއްލައިލަމުން ވިއާލް ބުންޏެވެ.
ލައިލާ ވަނީ ފާހާނާ އަށެވެ. އާ ފަހަރާ ބަލިވެ އިނުމުން އެ ފަކީރު އުޅެނީ ހާލެއްގަ އެވެ. އިރުއިރުކޮޅާ ހޮޑުލެވެ އެވެ. މަޔާމީގެ މުސްލިމް އަންހެން ކުއްޖަކާ އިނދެގެން ސައުތު ކެރޮލައިނާގެ މޫދު ކޮޓަރިއެއްގައި ވިއާލް ދިރިއުޅޭތާ ހަ މަސް ވަނީ އެވެ. މޫދާ ގުޅިފައިވާ ކޮޓަރީގެ ދިރިއުޅުން އުފާވެރި އެވެ. އަރާމެވެ. ފެނުގެ ތެރޭގައިވާ ބިލިގާ އެކެވެ. އެ ތާނގެ ތެރެއިން މޫދަށް ފޭބެ އެވެ.
އޯގަސްޓް މަހެއްގެ 21 ވަނަ ދުވަހެވެ؛ ސައުތު ކެރޮލައިނާގެ މިލޭނިއަމް އެކުއޭރިއަމްގެ ތެރެއަށް ވިއާލް އާ އެކު ލައިލާ ފީނާލި އެވެ. ވިއާލާއެކު ލައިލާ އެކްއޭރިއަމެއްގައި ފީނަނީ އަލަކަށެެއް ނޫނެވެ. އެ މީހުން ލޯބި ދަސް ކުރީ ވެސް އެކްއޭރިއަމް ތެރޭ ފީނާ މީހުންގެ ބަހުރުވައިންނެވެ. އިނގިލިތަކާއި ކުލައިގެ އިޝާރާތުންނެވެ. ހިތުން ހިތަށް މެސެޖް ފޮނުވައިގެންނެވެ. އެ ކަހަލަ އެއް ދުވަހެއްގައި ފެނު އަޑީގައި އޮވެ ވިއާލް ބުންޏެވެ:
"ތިޔަހެން އޮންނަ އިރު ލައި ހީވަނީ ފެނު ޕަރީއެއް ހެން! ތިއީ ބަނޑުބޮޑުވެފައި އޮތް ފެނު ޕަރީއެއް، ވަރަށް ރީތި. އެހާ ބޮޑަށް ލޯބިވެސް ވޭ." އެ ދުވަހު ފެނު އަޑީގައި ލައިލާ އާ ވިއާލް ލޯބިން ބައްދާލި އެވެ. އެކަމަކު މިއަދު ލައިލާގެ ޝައުގުވެރިކަން ހުރީ އަޑީގައި ވިއާލާ ސަމާސާ ކުރާކަށެއް ނޫނެވެ. އެކްއޭރިއަމަށް އަލަށް ގެނެސްފައިވާ އިންސާނެއްގެ މޫނު ސިފަވާ މޫނެއް ހުންނަ މަހެއް ބަލާށެވެ. އެއީ އަހަރު ފެށުނު ހިސާބު ދުނިޔެއަށް ވަރަށް މަޝްހޫރުވި ހަބަރެކެވެ.
"ކޮބާ؟" ލައިލާ އެކްއޭރިއަމް ނޯޓް ޕޭޑުގައި ލިޔެ ވިއާލަށް ދިނެވެ.
"އެއޮށް އަންނަނީ! މާބޮޑަށް ކައިރި ނުވާތި! އެއީ ޖެނެޓިކް މިއުޓޭޝަންގެ ސަބަބުން ނަސްލު ބަދަލުވެފައިވާ މަހެއްް! އޭތި ހިފީ ސައުތު ކެރޮލައިނާގެ ކޯރެއްގެ ތެރެއިން. އޭގެ ނަސްލު ބަދަލުވެފައިވާ ސަބަބެއް ކަމަށް ބެލެވެނީ އެ ކޯރަކީ އިންސާނުންގެ ނަޖިހާއި ބާރުގަދަ ކެމިކަލް އާދަޔާ ހިލާފު ގިނައިން އޮއްސާ ކޯރަކަށް ވާތީ. މި މަސް، ނިސްބަތް ވަނީ ކޮތަރި މަހުގެ އާއިލާ އަށް! ހަށިގަނޑު، ކޮށައި ނުލައި އޮންނަ ރިޔަލެއްގެ ބައްޓަމަށް އޮންނާތީ މި މަހަށް އަހަރުމެން ކިޔަނީ 'ކޮތަރިޔާ'!" ނޯޓް ޕޭޑް ލައިލާ އަށް ދިއްކޮށްލުމަށް ފަހު ވިއާލް އެކްއޭރިއަމްގައި އޭނާ ކުރަން ޖެހޭ މަސައްކަތަށް އެނބުރުނެވެ. ލައިލާ އުޅުނީ 'ކޮތަރިޔާ' އާ ކައިރީގަ އެވެ.
އޭގެ މަހެއް ފަހުން އައި ރެއެއްގެ ދަންވަރެވެ.
"ހާދަ ފެން ބޮވައޭ. އަބަދު ފެން ބޮވަނީ." ވިއާލްގެ މަގަތުގައި އޮވެ ނިދަނިދާފައި ތެދުވެ، ފުރާ ހުރި ފެންފުޅިއެއް އެ ކަށް ހުސްކޮށްލުމަށް ފަހު ލައިލާ ބުންޏެވެ.
"ބިލިގާއަށް އެރޭ ހިތް ވަނީ. އެރެންތަ؟" ވިއާލްގެ ހުއްދަ ނުލިބެނީސް ލައިލާ ބިލިގާއަށް އެރި ފެން ދޫކޮށްލި އެވެ.
"ލައިި، އަހަރެންވެސް އެރެންތަ؟" ލައިލާ އެކަނި ބިލިގާ ތެރޭގައި ބާއްވަން ވިއާލްގެ ހިތެއް ނޭދުނެވެ. ވިއާލް ވެސް އެރުނެވެ. ސިކުނޑިއަށް ޖަޒުބާތީ ހިޔާލެއް ވައްދަމުން ލައިލާގެ މޫނުމަތިން ޖެއްސި ރޮނގެއްހެން ފޫޅާ ހަމައަށް ވިއާލްގެ އިނގިލި ދަމާލި އެވެ. ލައިލާ ލޯ މަރާލި އެވެ. ވިއާލްގެ ލޯ ބޮޑުވި އެވެ. ލައިލާ ތެޅެނީ ކީއްވެ ހެއްޔެވެ؟ ބޮޑު ބަނޑާއެކު މެދު ހަށި އުފުލަނީ ކީއްވެ ހެއްޔެވެ؟ އެއީ އިދިފުށަށް ދަމާ ބަލި މީހެއް ނޫނެވެ. ދެ ފައި ކޮޅު މައްޗަށް އުފުލާފައި ތަޅަން ފެށި އެވެ. އުނދަގުލެއް ވަނީ ކީއްވެ ހެއްޔެވެ؟
ވިއާލަށް ލިބުނީ ހައިރާން ކަމެކެވެ. ލައިލާގެ މުޅި ހަށިގަނޑު ވަނީ ބަދަލުވެފަ އެވެ. ހުޅުނބު ޖަހާފައިވާ 'ކޮތަރިޔާ' މަހެއްގެ ސޫރަ އަށެވެ. ވިއާލަށް އެއްޗެއް ނުބުނެވި އުޅެނިކޮށް ލައިލާ ތެޅި ގަތެވެ. ފުމެން ފެށި އެވެ. ބިލިގާގެ ތެރެއިން މޫދު ތެރެއަށް ދެމި ގަތެވެ. މޫދުތެރޭގައި ބަޑިއަޅާފައި މޫނު ހިއްލާލި އެވެ. ލައިލާގެ ރީތި އިސްތަށިގަނޑުވެސް ވަނީ ގެއްލިފަ އެވެ. ހަމައެކަނި ވަނީ ލޯބި ލޯބި މޫނު ކޮޅެކެވެ.
"ލައިލާ! ލައި!" ވިއާލަށް ގޮވައިލެވުނެވެ. އެ ހިނދު އެޅި ބަޑިއަކާއެކު ލައިލާ ފުނަށް ގޮސް ގެއްލުނެވެ. ވިއާލް އިނީ އެވެ. ގަބު ވެފަ އެވެ. އެކަމަކު ވީ ގޮތް އޭނާ އަށް އެނގެ އެވެ.
"ވިއާލް!" ކުއްލިއަކަށް ރަޔާން ލޯ ހުޅުވާލުމަށް ފަހު ހަޅޭއް ލަވައިގަތެވެ. އޭނާ ވަނީ ދާހިތްލާ ފޯވެފަ އެވެ. ނޭވާ ކުރުވެފަ އެވެ.
"ރަޔާން، ކިހިނެއްވީ؟" ދުވެފައި އައި ނިރުމީނު ސުވާލު ކުރެ އެވެ. ރަޔާން އިނީ އެވެ. ނޭނގޭ ވަރަށް ވުރެ ފުނުގައިވާ ހާދިސާގެ ތެރޭގަ އެވެ. ސިކުނޑީގެ ނިއުރޯން ފޭލުވެފައި ވުމުން އެ ހާދިސާ ކިޔައިދޭނެ ގޮތެއް އޭނާއަކަށް ނެތެވެ.