ބޮލީވުޑް

އާއިލާ އާއެކު ކާޖޮލް އާއި އަޖޭ ރާއްޖޭގައި

May 31, 2017

ބުރަ ޝެޑިއުލުން ހުސް ވަގުތު ކޮޅެއް ހޯދައިގެން އަޖޭ ދޭވްގަން އާއި ކާޖޮލް މިވަނީ އާއިލާ ގޮވައިގެން ޗުއްޓީ އަކަށް ރާއްޖެ އައިސްފަ އެވެ.

އަޖޭގެ އާއިލާގެ ބައެއް މެމްބަރުންނާއެކު ކާޖޮލް އާއި ދެ ދަރިން ކަމަށްވާ ނައިސާ އަދި ޔުގް އާއެކު ޗުއްޓީ ހޭދަކުރަމުން އަންނަނީ ސޮނޭވާ ޖާނީ ރިސޯޓުގަ އެވެ.

ކާޖޮލް އާއި އަޖޭއާ ދެމީހުން ވެސް އަންނަނީ ސޯޝަލް މީޑިއާގައި އެމީހުން ރާއްޖޭގައި ހޭދަކުރަމުން އަންނަ ޗުއްޓީގެ ފޮޓޯތައް އާންމުކުރަމުންނެވެ.

އިއްޔެގެ ވަގުތެއްގައި ކާޖޮލް އިންސްޓަގްރާމް ކުރި ފޮޓޯއެއްގައި އޮއްސެމުންދާ އިރާ ދިމާލަށް ނަޒަރު ހުއްޓާލައިގެން ހުރެ ވަނީ ސާފު ވިލާތަކޭ އެއްގޮތަށް އޭނާގެ ސިކުނޑި ވެސް ތާޒާވެފައިވާ ކަމަށް ބުނެފަ އެވެ.

އަޖޭ ވެސް ވަނީ ރާއްޖޭގައި މިވަގުތު އެމީހުންނާއެކު ޗުއްޓީ ހޭދަކުރަމުން އަންނަ އާއިލާގެ ބައެއް މެމްބަރުންގެ ފޮޓޯ ޓްވީޓްކޮށްފަ އެވެ. އެ ފޮޓޯގެ ކެޕްޝަނުގައި އަޖޭ ޖަހާފައިވަނީ ވިޓަމިން އެފް-ފެމިލީ މިހެންނެވެ.

އާއިލާ ގޮވައިގެން އަޖޭ ޗުއްޓީ އަކަށް ރާއްޖެ އައިސްފައިވަނީ ރޯހިތު ޝެޓީގެ ކޮމެޑީ ފިލްމު "ގޯލްމާލް އެގެއިން" ގެ މުމްބައިގައި ނަގަން ޖެހޭ މަންޒަރުތައް ނަގައި ނިންމާލުމަށްފަހު އެވެ.

ކާޖޮލްގެ ވެސް ފުރަަތަމަ ތަމަޅަ ފިލްމު "ވީއައިޕި 2" ގެ ޝޫޓިން މިފަހުން ނިންމާލާފައިވާއިރު، އޭނާ އިތުރު އެއްވެސް މަސައްކަތެއް އަދި ނުކުރާތީއާ އާއިލާ އާއެކު މަޖާ ޗުއްޓީ ދަތުރެއް ހޭދަކުރަން ރާއްޖެ އަންނަނީ ކަމަށް ވަނީ ބުނެފަ އެވެ.

މީޑިއާ ރިޕޯޓު ތަކުގައި ބުނެފައިވަނީ އަޖޭ އާއި ކާޖޮލް ރާއްޖެ އައިސްފައިވަނީ މިމަހުގެ 28 ވަނަ ދުވަހު ކަމަށެވެ. އަދި ހަފްތާއެއްހާ ދުވަހު އެމީހުން ރާއްޖޭގައި ތިބޭ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.